Roadha Mihaaru
ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި

އާ ހާބަރު ފުޑް ކޯޓުގެ ފުރަތަމަ ކެފޭ ހުޅުވައިފި

05 މެއި 2018

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޑް ކޯޓުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޑް ކޯޓުގެ ތެރެއިން ފުރަތަމަ ކެފޭ މިއަދު ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުރަތަމަ ކެފޭ އަށް ފަހު، ދެން ހުރި ކެފޭތައް ހުޅުވުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދާ ކަމަށެވެ. އެ ސަރަހައްްދުގައި އަލަށް 26 ކެފޭއެއް ވަނީ ހަދައިފަ އެވެ.

މިނިސްޓަރު މުއިއްޒުގެ ޓުވީޓް.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހެދީ ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ. އެ ތަނުގެ އަކަފޫޓެއް ކުއްޔަށް ދެނީ 53ރ. ގެ ރޭޓުން، ފަސް އަހަރު ދުވަހެށެވެ.

އާ ހާބަރުގައި ހަދާފައިވާ ފުޑް ކޯޓުތައް. ފޮޓޯ/މިހާރު

އާ ހާބަރުގައި ހަދާފައިވާ ފުޑް ކޯޓުތައް. ފޮޓޯ/މިހާރު

ކުރިން އަމިއްލަ މީހުން ހިންގި ކެފޭތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ހުޅުވާ ގޮތަށެވެ.

އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.