Roadha Mihaaru
ބައެއް ފުޑްކޯޓުތައް އޭޕްރީލް މަހު ހުޅުވަނީ

ބައެއް ފުޑްކޯޓުތައް އޭޕްރީލް މަހު ހުޅުވާނަން: މުއިއްޒު

28 ފެބުރުއަރީ 2018

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހަދާ ފުޑް ކޯޓުގެ ބައެއް ކެފޭތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާލޭގެ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހަދާ ފުޑް ކޯޓުގެ ބައެއް ކެފޭތައް އަންނަ އޭޕްރީލް މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސްޓީއޯއިން ތަރައްގީ ކުރާ ފުޑް ކޯޓުގެ އަމީނީމަގާވީ ފަޅި އަންނަ އޭޕްރީލް މަހު ހުޅުވާއިރު، އިއްޒުއްދީން މަގާވީ ފަޅި، އަންނަ ރޯދަ މަހުގެ ކުރިން މޭ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ.

ހާބަރު ސަރަހައްދުގައި އަޅާ ފުޑް ކޯޓުގެ ކެފޭއެއް-- ފޮޓޯ: ހައުސިން މިނިސްޓްރީ

ހާބަރު ސަރަހައްދުގައި އަޅާ ފުޑް ކޯޓުގެ ކެފޭއެއް-- ފޮޓޯ: ހައުސިން މިނިސްޓްރީ

ހައުސިން މިނިސްޓްރީން ކުރިން ބުނެފައިވަނީ އެތަނުގެ މަސައްކަތް މި މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ފުޑްކޯޓުގައި ހިމެނޭ ކެފޭތައް ކުއްޔަށް ދޭން ދެ ވަނަ ފަހަރަށް އެސްޓީއޯއިން ހުޅުވާލުމުން 29 ފަރާތަކުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިން ހަދަމުން އަންނަނީ ތަފާތު ތިން ސައިޒެއްގެ ކެފޭތަކެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1،260 އަކަފޫޓު އަދި 1،660 އަކަފޫޓުގެ ކެފޭތަކެވެ.

ހާބަރު ސަރަހައްދުގައި ހަދާ ކެފޭތަކުގެ މަސައްކަތްކުރަނީ ސިފައިންގެ ތެރޭގައި އޮންނަ ވެލްފެއާ ކުންފުނި ކަމަށްވާ ސިވެކްއާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ އެ ތަނުގެ 13 ކެފޭއެއްގެ މަސައްކަތެވެ.

ފުޑްކޯޓުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

ފުޑްކޯޓުގެ މަސައްކަތް ކުރިއަށް ދަނީ-- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުރިން އަމިއްލަ މީހުން ހިންގި ކެފޭތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ ޖެނުއަރީ 2016 ގަ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމުމަށް ފަހު ހުޅުވާ ގޮތަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި އެ މަސައްކަތް ލަސްވީ ޑިޒައިނަށާއި އެ ނޫން ވެސް ބައެއް ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިގެންނެވެ. އޭގެ އިތުރުން މަސައްކަތަށް އެކަށީގެންވާ ރަނގަޅު ކޮންޓްރެކްޓަރެއް ހޯދަން ވެސް ވަގުތުތަކެއް ހޭދަވި ކަމަށް އެ ކުންފުނިން ބުންޏެވެ.