Roadha Mihaaru
ބޮޓްސްވާނާގައި ތިބި ޒުވާން އެތުލީޓުން ވިދަން ފަށައިފި

ބޮޓްސްވާނާގައި ތިބި ޒުވާން އެތުލީޓުން ވިދަން ފަށައިފި

24 މެއި 2016

ރާއްޖޭގެ އެތުލެޓިކްސްގެ ކުރިމަގު ވަރަށް އުޖާލާ އެވެ. ބޮޓްސްވާނާ އަށް ތަމްރީން ހަދަން ފޮނުވި ޒުވާން ދުވުންތެރިންގެ ވިދުވަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ. އުއްމީދީ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު ނާއިލާއި އަހުމަދު އަނޫފް މުހައްމަދު ވަނީ ރާއްޖޭގެ ޖޫނިއާ ދެ ރެކޯޑެއް މި ހަފުތާގެ ތެރޭގައި މުގުރާލައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ އެތުލެޓިކްސްގެ ކުރިމަގު ވަރަށް އުޖާލާ އެވެ. ބޮޓްސްވާނާ އަށް ތަމްރީން ހަދަން ފޮނުވި ޒުވާން ދުވުންތެރިންގެ ވިދުވަރު މިހާރު ވެސް ފެންނަން ފަށައިފި އެވެ. އުއްމީދީ ދެ ދުވުންތެރިން ކަމަށްވާ މުހައްމަދު ނާއިލާއި އަހުމަދު އަނޫފް މުހައްމަދު ވަނީ ރާއްޖޭގެ ޖޫނިއާ ދެ ރެކޯޑެއް މި ހަފުތާގެ ތެރޭގައި މުގުރާލައިފި އެވެ.

އިންޓަ ސްކޫލް މުބާރާތުން ފާހަގަވި ނާއިލް މުގުރާލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ހަދާފައިވާ 400 މީޓަރު ދުވުމުގެ ޖޫނިއާ ރެކޯޑެކެވެ. ކޮމަންވެލްތު ގޭމްސްގައި 2010 ވަނަ އަހަރު ސާއިދު 48:56 ސިކުންތުން ދުވެގެން ހެދި ރެކޯޑް ނާއިލް މުގުރާލީ ބޮޓްސްވާނާގެ ބީއޭއޭ ނެޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 48:53 ސިކުންތުން ރޭސް ނިންމައިގެންނެވެ.

400 މީޓަރު ދުވުމުގެ ޔޫތު ރެކޯޑް ހެދިއިރު:

ސާއިދު: 19 އަހަރު، 48:56 ސިކުންތު

ނާއިލް: 17 އަހަރު، 48:53 ސިކުންތު

އަނޫފް ހޯދީ ރާއްޖޭގެ ޖޫނިއާ ލެވެލްގެ އެންމެ ބާރު ދުވުންތެރިޔާގެ ޝަރަފެވެ. މިދިޔަ އަހަރުގެ ކޮމަންވެލްތު ޔޫތު ގޭމްސްގައި 11.34 ސިކުންތުން ރޭސް ނިންމައި 100 މީޓަރު ދުވުމުން އިބްރާހިމް އަޝްފާން އަލީ (އައްޕި) ހެދި ރެކޯޑް އަނޫފް މުގުރާލީ ބޮޓްސްވާނާގެ ބީއޭއޭ ޓްރެކް އެންޑް ފީލްޑް ރޭހުގައި 11.19 ސިކުންތުން ދުވެގެންނެވެ.

"ސާއިދު ނޫނަސް ރާއްޖޭގައި އުއްމީދީ އެތުލީޓުންތަކެއް އެބަތިބިކަން އެނގިގެން މިދިޔައީ،" އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވި އެވެ.

"ފުރުސަތު ދޭ ނަމަ ނަތީޖާ ނެރޭނެ. މިފަދަ ފުރުސަތުތަކާ އެކު ރާއްޖޭގެ އެތުލެޓިކްސްގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް،"

މީގެ ތެރެއިން ނާއިލް އަކީ ބާސްކެޓްބޯޅަ އާއި ސްވިމިންގައި ވެސް ފާހަގަކޮށްލެވޭ ކުއްޖެކެވެ. އޭނާ ހާއްސަވަމުން އަންނަނީ 400 މީޓަރު ދުވުމުގެ އިވެންޓަށެވެ. ބޮޓްސްވާނާގެ އެންމެ ފާހަގަކޮށްލެވޭ އެކަޑަމީގައި މި އެތުލީޓުން ތަމްރީން ވަމުން އަންނައިރު ބޮޓްސްވާނާ އަކީ މިޑްލް ޑިސްޓެންސް އިވެންޓަށް އެތުލީޓުން ތަމްރީން ކުރުމުގައި ދުނިޔޭގެ އެންމެ މަޝްހޫރު ގައުމެވެ.