Roadha Mihaaru
12 އަހަރުގެ ކުއްޖަކު 5 ކިލޯމީޓަރަށް 16 މިނެޓުން

ބާރަ އަހަރުގެ ކުއްޖަކު 5 ކިލޯމީޓަރަށް 16 މިނެޓުން ދުވެފި

28 އެޕްރީލް 2021

އުމުރުން 12 އަހަރުގެ ކުއްޖަކު ފަސް ކިލޯމީޓަރަށް 16 މިނެޓު 40 ސިކުންތުން ދުވެގެން ރެކޯޑެއް ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުމުރުން 12 އަހަރުގެ ކުއްޖަކު ފަސް ކިލޯމީޓަރަށް 16 މިނެޓު 40 ސިކުންތުން ދުވެގެން ރެކޯޑެއް ހަދައިފި އެވެ.

އިނގިރޭސިވިލާތުގެ ބެލްފާސްޓަށް އުފަން އެމާރް މެކްކީގެ އެ ރެކޯޑަކީ އެ އުމުރުގެ ކުއްޖަކު މިހާތަނަށް އެހާ ކުރު ވަގުތު ކޮޅެއްގެ ތެރޭގައި ދުރަށް ދުވެގެން ހެދި ރެކޯޑެވެ. އެ ރެކޯޑް ހަދާފައި ވަނީ މި ހަފުތާ ބަންދުގައި ޑައުން ރޯޔަލް ރޭސްކޯހުގައި ބޭއްވި އިވެންޓެއްގަ އެވެ.

އެމާރް އަކީ ހުޅަނގު ބެލްފާސްޓްގެ ވިލޯފީލްޑް ކުލަބްގެ މެމްބަރެކެވެ. އޭނާ އަކީ ވަރަށް ކުޑަ އިރުއްސުރެ، ދުވުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. ކުރިން އާންމުކޮށް ދުވެ ހަދަނީ ޕާކް ފަދަ ހުސް ތަންތަނުގައި ކަމަށް ވިޔަސް އުމުރުން 9 އަހަރުގައި ވިލޯފީލްޑް ކުލަބާ ގުޅި ޕްރޮފެޝަނަލް ދުވުންތެރިއެއްގެ ގޮތުގައި މަސައްކަތް ފެށި އެވެ. އެމާރް އަބަދު ވެސް ބަލަނީ އޭނާ އަށް ދުވުނުހާ ބާރަކަށް ދުވާށެވެ.

އިވެންޓްގައި އެމާރް ދުވަނީ.

އިވެންޓްގައި އެމާރް ދުވަނީ.

"މިކަމުގައި ކުލަބްގެ މެމްބަރުންގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ބޮޑު. ކުލަބްގެ އެންމެންނަކީ ވެސް ވަރަށް ފްރެންޑްލީ ބައެއް،" ބީބީސީ ރޭޑިއޯ އަލްސްޓާ އަށް އެމާރް ބުންޏެވެ. "ދުވުމުގައި ރެކޯޑެއް ހެދުނީ ކޯޗުންގެ ފަރާތުން ވެސް ލިބުނު އިރުޝާދުތަކާއި އެހީގެ ސަބަބުން. މިއީ ކުރިއަށް ދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް."

އެންމެ 12 އަހަރު ދުވުމުން ދަރިފުޅު ހޯދި ކާމިޔާބީއާ މެދު އެމާރްގެ މަންމަ ކެތެރީން ވެސް ހުރީ ވަރަށް އުފަލުންނެވެ. އޭނާ ބުނީ މިއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިދިޔަ އަހަރުން ފެށިގެން ލޮކްޑައުންއާ ހެދި ދަރިފުޅަށް ޓީމާ އެކު ޓްރެއިނިން ހަދާނެ މާ ރަނގަޅު ފުރުސަތުތަކެއް ފަހިވެފައެއް ނެތް. އެހެންވެ މި ކާމިޔާބީއާ ހަމައަށް ބޮޑަށް ޓްރޭނިން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ދަރިފުޅު އެކަނި،" ކެތުރީން ބުންޏެވެ.

އޭނާ ބުނީ ދަރިފުޅު ހޯދި ކާމިޔާބީ އަކީ ދުވުމުގެ މައިދާނުގައި އެމާރް ތަރިއަކަށް ހަދައިދޭން ވެސް ބިންގާ އެޅުނު ކަމެކެވެ.

އެމާރް.

އެމާރް.

"އަހަންނަށް ޔަގީން މިކަމުގައި ކުރިއަށް ދެވޭނެ ހުރިހާ މަގުތައް ފަހިކޮށްދީފި ނަމަ ދަރިފުޅަކީ އިނގިރޭސިވިލާތަށް ރީތި ނަން ވެސް ހޯދައިދެވޭ ވަރުގެ ކުއްޖަލަށް ވާނެ،" ކެތުރީން ބުންޏެވެ. "އާއިލާ އިން މިކަމުގައި އޭނަ އަށް އެހީތެރިކަން ދޭނެ. އަހަރެން ވަރަށް ބޭނުން ދަރިފުޅު ދުވުމުގެ ދާއިރާ އިން ކުރިއަށް ދާން. ދުވުމޭ ކިޔަސް މިއީ އެހާ އާދައިގެ ކަމެއް ނޫން."

އޭނާ ބުނީ އެމާރް ގުޅުނު ކުލަބާއި އޭގެ މެމްބަރުންނާއި ކިޔަވާ ސްކޫލުން މިހާރު ދަރިފުޅަށް ވަރަށް ބޮޑަށް އެހީވާ ކަމަށެވެ. އެހެންވެ އެކަމާ ވަރަށް އުފާވާ ކަމަށް ބުންޏެވެ.

އެމާރްގެ ކުރިން 12 އަހަރުގެ ކުއްޖަކު ފަސް ކިލޯ މީޓަރަށް ދުވުމުގެ ރެކޯޑް އޮތީ 2017 ގައި އެ ރެކޯޑް ހެދި އެމެރިކާގެ ފްލޮރިޑާގެ އަނަބެލް ވެލްޝެވާގެ އަތުގަ އެވެ. އެއީ 17 މިނިޓް 16 ސިކުންތުން 5 ކިލޯމީޓަރަށް ދުވެގެންނެވެ.