Roadha Mihaaru
މިލާނާއި އިންޓަ އެންމެ ފަހުން ދެ ސްޓޭޑިއަމަކަށް؟

އިންޓަ އިން ސެންސީރޯގައި މަޑުކުރަނީ، މިލާން ބޭނުންވަނީ އާ ސްޓޭޑިއަމެއް

11 މެއި 2018

މިލާން (މޭ 11) – އޭސީ މިލާނުން ބޭނުންވަނީ އާ ސްޓޭޑިއަމެއް ކަމަށާއި އެކަމަކު އިންޓަ މިލާނުން ބޭނުންވަނީ ސެންސީރޯ ސްޓޭޑިއަމުގައި ތިބެން ކަމަށް މިލާނުގެ މޭޔަރު ޖިސެއްޕޭ ސަލާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (މޭ 11) – އޭސީ މިލާނުން ބޭނުންވަނީ އާ ސްޓޭޑިއަމެއް ކަމަށާއި އެކަމަކު އިންޓަ މިލާނުން ބޭނުންވަނީ ސެންސީރޯ ސްޓޭޑިއަމުގައި ތިބެން ކަމަށް މިލާނުގެ މޭޔަރު ޖިސެއްޕޭ ސަލާ ވިދާޅުވެއްޖެ އެވެ.

ސެންސީރޯ ސްޓޭޑިއަމް ދެ ކްލަބުން ހިއްސާކުރަމުން އަންނައިރު އެއީ ހަގީގަތުގައި މިލާނުގެ މުނިސިޕަލްޓީގެ ސްޓޭޑިއަމެކެވެ. ދެ ކްލަބުގެ އަތުގައި ވެސް ސީދާ އަމިއްލަ ސްޓޭޑިއަމެއް ނެތުމުން މާލީ ފައިދާ އެހާ ބޮޑަށް ނެގެން ނޯވެ އެވެ. ޔުވެންޓަސްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސިއްރަކީ ވެސް ޒަމާނީ، އަމިއްލަ ސްޓޭޑިއަމެއް ލިބި މާލީ ގޮތުން ތަނަވަސްވުމެވެ. ރޯމާ އިން ވެސް އާ ސްޓޭޑިއަމަކާ ދިމާލަށް ދަތުރުކުރަމުން އަންނަ ކަމަށް ބެލެވެ އެވެ.

"ސެން ސީރޯ؟ މިލާނުން އަންނަނީ ތަންތަން ބަލަމުން (އާ ސްޓޭޑިއަމެއް ބިނާކުރުމަށް). ސަަބަބަކީ އިންޓައާ ހިލާފަށް އެ ކްލަބުން އުއްމީދުކުރޭ އާ ސްޓޭޑިއަމެއް ބިނާކުރަން،" ސަލާ ވިދާޅުވި އެވެ. "ބަލާބެލުމަށް ހިތްގައިމަކަަސް، ބައިނަލްއަގްވާމީ އެހެން ސިޓީތަކުގައި ހުރި ސްޓޭޑިއަމްތަކުގެ ފެންވަރުގައެއް ނޫން ސެން ސީރޯ އެހުރީކީ. އާ ސްޓޭޑިއަމެއް އަޅައިފި ނަމަ ސިޓީ އަށް ވެސް ބޭނުންތެރިވެދާނެ."

މީގެ 92 އަހަރު ކުރިން ބިނާކުރި ސެން ސީރޯ އަކީ ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ސްޓޭޑިއަމެވެ. އެ ސްޓޭޑިއަމުގައި 1934 އަދި 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މެޗުތައް ކުޅެފައިވާއިރު ޗެމްޕިއަންސް ލީގުގެ ފައިނަލް ހަތަރު ފަހަރު ވަނީ ބާއްވައިފަ އެވެ. އެއީ ޔޫރަޕުގައި ހުރި އެންމެ ރީތި އެއް ސްޓޭޑިއަމަށްވީ ނަމަވެސް 80 ހާސް މީހުންގެ ޖާގައިގެ މި ސްޓޭޑިއަމުގައި ޒަމާނީ ވަސީލަތްތަކެއް ނެތެވެ. ސްޓޭޑިއަމް ބާވުމުގެ ސަބަބުން، ވަންނަ ސަޕޯޓަރުންނަށް ވެސް އެންމެ ހިތްހަމަޖެހޭ މާހައުލެއް ނޯވެ އެވެ.

ދެ ސްޓޭޑިއަމް ބޭނުންކުރަމުން އަންނަ އޭސީ މިލާނާއި އިންޓަ މިލާނަކީ ޔޫރަޕުގެ ފުޓްބޯޅައިގެ ގަދަ ދެ ބާރެވެ. އެކަމަކު ފަހަކަށް އައިސް ޔޫރަޕުގެ އެންމެ ބޮޑު މުބާރާތުން ވެސް ފުރުސަތެއް ނުލިބެ އެވެ.