އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު އިތުރު ވަގުތުގެ ތެރޭގައި އަބްދުﷲ މިސްބާހު ޖެހި ގޯލުން ޔުނައިޓެޑް ވިކްޓަރީއާ 1-1 އިން އެއްވަރުކޮށް ގްރީން ސްޓްރީޓްސް އިން ޕޮއިންޓެއް ހޯދައިފި އެވެ.
11 މެއި 2018
އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު އިތުރު ވަގުތުގެ ތެރޭގައި އަބްދުﷲ މިސްބާހު ޖެހި ގޯލުން ޔުނައިޓެޑް ވިކްޓަރީއާ 1-1 އިން އެއްވަރުކޮށް ގްރީން ސްޓްރީޓްސް އިން ޕޮއިންޓެއް ހޯދައިފި އެވެ.
ލީގުގެ ގަދަ ހަޔެއްގައި އޮންނަން މިއަދުގެ މެޗަށް ނުކުތްއިރު، ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް އަށް ވެސް އޮތީ މޮޅެއް ހޯދުން މުހިއްމުވެފަ އެވެ. މިއަދުގެ މެޗު އެއްވަރުވުމުން ގްރީން އިން ވަނީ އެ ޓީމުގެ މަގާމު ދަމަހައްޓައިފަ އެވެ.
ގްރީން ސްޓްރީޓްސް ހަ ވަނައިގައި އޮތީ ނުވަ މެޗުން ނުވަ ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް ވިކްޓަރީ ހަތް ވަނައިގައި އޮތީ ނުވަ މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ތިން ޕޮއިންޓް ނުލިބުމުން ޔުނައިޓެޑް ވިކްޓަރީ ގަދަ ހަޔަކަށް ވަންނަން ކުރަމުން އަންނަ މަސައްކަތަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ.
މިއަދުގެ މެޗު ފަށައިގެން މެޗުގެ 12 ވަނަ މިނިޓްގައި ކިރްގިސްތާން ކުޅުންތެރިޔާ އާތޯ މުލަޔޯނޯފް ނަގައިދިން ބޯޅަ އަކުން ޔުނައިޓެޑް ވިކްޓަރީ އަށް ލަނޑު ޖަހައިދިނީ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް އެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް ނަތީޖާ ހަމަހަމަ ކޮށްދޭން އަހުމަދު ރިލްވާން (ރިލޭ) އަށް ދެ ފުރުސަތެއް ލިބުނެވެ. ރިލޭ ފޮނުވާލި ފުރަތަމަ ބޯޅަ އަރިމަތީ ދަނޑީގައި ޖެހުނުއިރު، ދެ ވަނަ ފުރުސަތުގައި އޭނާ ޖެހި ބޯޅަ ޔުނައިޓެޑް ވިކްޓަރީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ގްރީން ސްޓްރީޓްސްގެ އިބްރާހިމް ޝަފްރާޒް (ޝަފްލޭ) އާއި ޔޫކްރޭން ކުޅުންތެރިޔާ ބިލާލް ރަސެލް ފޮނުވާލި ދެ ބޯޅައިގެ ހުރަހަކަށްވީ ވެސް ކީޕަރު ތޮލާލް އެވެ.
ފުރަތަމަ ހާފުގެ ފަހު ފަނަރަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ވަރަށް ބޮޑަށް އެޓޭކަށް ޖެހިގެން ކުޅުނެވެ. އެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ޔުނައިޓެޑް ވިކްޓަރީ ޑިފެންޑަރުން ދިޔައީ އެ ކުޅުންތެރިން ހުއްޓުވުމުގައި ކުރި ހޯދަމުންނެވެ.
ދެ ވަނަ ހާފް ފެށިގެން ފުރަަތަމަ މިނިޓް ތެރޭ ޔުނައިޓެޑް ވިކްޓަރީން ދެ ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން އަހުސަން ނައީމް ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުހައްމަދު ސާއިފް އެވެ. އޭގެ ފަހުން ވެސް ލަނޑު ޖަަހަން ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިންނަށް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ގްރީން ސްޓްރީޓްސް އިން ވަނީ ފުރަތަމަ ދިހަ މިނިޓަށް ފަހު ރިލޭގެ ބަދަލުގައި މުހައްމަދު ރިސްވާން (ފުކޭ) ކުޅެން އަރުވައިފަ އެވެ. އަދި ފަހުން މިސްބާހު ވެސް ކުޅެން އެރުވުމާ އެކު ގްރީން ސްޓްރީޓްްސް އިން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ.
ކައުންޓަ އެޓޭކެއްގައި މެޗުގެ 65 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ އަލީ ހައިޝަމް (ޗުމްޕު) އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.
ގްރީން ސްޓްރީޓްސް އިން މެޗުގެ 75 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަ ކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާ ތެރެއިން އެ ޓީމުގެ ޔޫކްރޭނުގެ މިޑްފީލްޑަރު ސޮބުލް އިލިއާ ފޮނުވާލި ބޯޅަ އަމާޒުވީ ތިރީ ދަނޑިއަށެވެ.
މެޗުގެ 87 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު އަވީން އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. އެއާ އެކު މެޗުގެ ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީން ކުޅުނީ ވަރަށް ފަހަތަށް ޖެހިގެންނެވެ.
ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދިން ލަނޑު މިސްބާހު ކާމިޔާބުކުރީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގަ އެވެ. އޭރިއާ ތެރެއިން މިސްބާހަށް ލިބުނު ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މެޗުން ބޭނުންވި ކަންތައް ހާސިލްނުވީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.
"ވަރަށް ބައިވަރު ޗާންސް ލިބުނު މި މެޗުގައި. ފަހު ހާފް ފެށައިގެން ވެސް ހަތަރު ފަސް ޗާންސް ލިބުނު އެ އެއްޗެހި ބޭނުން ނުކުރީމަ މި ހިސާބަށް މިއައީ. ގޯސް ހިސާބެއްގައި އޮތުމާ އެކު ކުޅުންތެރިން ކުރި މަސައްކަތާ އެއްޗެހި ވެސް ރަނގަޅު. ޕްރެޝަރު ވެސް އޮންނާނެ. ދެން ކޮޅަށް އެ ވަންނަ ގޯލަށް އެބަޖެހޭ ޒިންމާ ވެސް ވާން. އިތުުރު އެއް ގޯލު ޖެހިނަމަވެސް މެޗު ލިބުނީސް" ނަޒީހު ބުންޏެވެ.
އޭނާ ބުނީ ކުރިއަށް ހުރި މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ އެންމެ ރަނގަޅަށް ނުކުޅެވުނު ނަމަވެސް މި މެޗުން ލިބުނު ޕޮއިންޓުގެ ފައިދާ އެ ޓީމަށް ކުރާނެ ކަމަށެވެ.
"މިއީ ގްރީން ސްޓްރީޓްސް ވަރަށް ދަށް ދުވަހެއް. ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭ. އެއީ މި އެއް ޕޮއިންޓް ހުރިހާ އިރެއްގައި ވެސް ވަރަށް މުހިއްމު ކަމަށް ގަބޫލުކުރެވެނީ. މި ކަހަލަ މެޗުތަކުގައި މިވާ ގޮތަކީ އެ މީހުންނަށް އެޑްވާންޓޭޖް ލިބޭ ހިސާބުން ގާތްގަނޑަކަށް 10 ވަރަކަށް ފަހަރު ނޫނީ އަށެއްކަ ފަހަރު ސްޓްރެޗަރު ވެސް އަރާނެ. މި ކަހަލަ މެޗެއްގައި ޓައިޓް ސިޓުއޭޝަނެއްގައި އެ ލިބޭ އެއްޗެއް ނުޖަހާފިއްޔާ ޕްރެޝަރަށްދާނެ،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ މި މެޗުން މި ލިބުނު ޕޮއިންޓުގެ މުހިއްމުކަން ގްރީން ސްޓްރީޓްސް ޕްރިމިއާ ލީގަށްދާއިރު ފެންނާނެ ކަމަށެވެ.
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ހިތްހަަމަޖެހުމެއް
ޔޫވީ އެއްވަރުވުމުން ގްރީނަށް ގަދަ ހަޔެއް ކަށަވަރުވެއްޖެ
ޓީސީއާ އެއްވަރުވެ ޔޫވީ އަށް ފުރުސަތު ހަނިވެއްޖެ
ޓީސީ ބަލިކޮށް ގްރީން ޕްރިމިއާ ލީގާ ގާތަށް
ޔޫވީ މި އޮތީ ހިމަ ނަރެއްގެ މަތީގައި: ނަޒީހު
ޔޫވީ ބަލިކޮށް މާޒިޔާ ދިވެހި ޕްރިމިއާ ލީގަށް
ފަހު ވަގުތާ ޖެހެންދެން ޔޫވީ ހިތްވަރުކުރާނެ: ތޮލާލް
ޔޫވީ ބަލިކޮށް ވިކްޓަރީ ތިން ވަނަ އަށް
ޔޫވީ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް
ބޮޑު މޮޅާ އެކު ނިއު އެއް ވަނަ އަށް