Roadha Mihaaru
މަގުމަތިން ރޯދަ ވީއްލަން އެހީތެރިވެދޭނެ މީހުން ހޯދަނީ

މަގުމަތިން ރޯދަ ވީއްލަން އެހީތެރިވެދޭނެ މީހުން ހޯދަނީ

18 މެއި 2018

މަގުމަތިން ދާ މީހުންނަށް ރޯދަ ވީއްލާ ތަކެތި ބަހާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަގުމަތިން ދާ މީހުންނަށް ރޯދަ ވީއްލާ ތަކެތި ބަހާނެ މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނަށް އިސްލާމް ދީނުގެ މައުލޫމާތުދީ، ދީނުގެ ސުންނަތްތަކާއި ރިވެތި އާދަތައް ދިރުވަން މަސައްކަތް ކުރާ "ޓީމް ދައުވާ މޯލްޑިވްސް" އިން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި، ބަންގި ގޮވާއިރު ގެއަށް ނުދެވޭ މީހުންނަށް މަގުމަތިން ކަދުރާއި ފެންފުޅި ބަހަ އެވެ. އެ މީހުން މިކަން ކުރާތާ މިއީ ފަސް ވަނަ އަހަރެވެ.

މަގުމަތިން ދާ މީހުން ރޯދަ ވީއްލުމަށް ޓީމް ދައުވާއިން ތައްޔާރުކޮށްފައިވާ ކަދުރު ކޮތަޅާއި ފެންފުޅިތަކެއް

މަގުމަތިން ދާ މީހުން ރޯދަ ވީއްލުމަށް ޓީމް ދައުވާއިން ތައްޔާރުކޮށްފައިވާ ކަދުރު ކޮތަޅާއި ފެންފުޅިތަކެއް

ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 200 ވަރަކަށް މީހުންނަށް ރޯދަ ވީއްލުން ފޯރުކޮށްދޭ މި ގުރޫޕުން މިކަން ކުރަނީ މަޣްރިބް ނަމާދު ބަންގި ގޮވަން ކައިރިވުމުން، މާލޭގެ އެކި ހިސާބުތަކަށް މަގުމައްޗަށް ނިކުމެ އެވެ. ވީހާ ވެސް ގިނަ ބަޔަކަށް މި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގުރޫޕުން މިހާރު ވަނީ ވޮލެންޓިއަރުން ހޯދުމަށް އިއުލާންކޮށްފަ އެވެ.

"ރޯދަ މަހުގެ މަޣްރިބް ގަޑިއަކީ އޮފީހާއި ކިޔެވުން ވެސް ނޯންނަ ވަގުތަކަށް ވާތީ، ރޯދައިގެ ފަހު ވަގުތުކޮޅު މި ކަހަލަ ހެޔޮ ކަމެއް ކޮށްލުމަކީ ވަރަށް ހިތްހަމަ ޖެހޭނެ ކަމެއް... ކޮންމެ މީހަކު ވެސް އެ މީހަކަށް ފަސޭހަ ސަރަހައްދަކުން މަގުމައްޗަށް ނިކުމެ، މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑުމެން ވަރަށް އެދޭ ކަމެއް،" ޓީމު ދައުވާގައި އިސްކޮށް އުޅޭ ހާތިމް ޔޫސުފް ބުންޏެވެ.

މަގުމަތިން ދިޔަ ޒުވާނަކަށް، ބަންގި ގޮވުމުން ރޯދަ ވީއްލުމަށް ކަދުރާއި ފެން ދެނީ

މަގުމަތިން ދިޔަ ޒުވާނަކަށް، ބަންގި ގޮވުމުން ރޯދަ ވީއްލުމަށް ކަދުރާއި ފެން ދެނީ

މަގުމަތިން ދާ މީހުން ރޯދަ ވީއްލުމަށް އެ ގުރޫޕުން ބަހަނީ، މީހުން އެކަމަށް ހަދިޔާކޮށްފައިވާ ފައިސާއިން ގަނެފައިވާ ތަކެއްޗެވެ. އަދި ކޮތަޅަކަށް ކަދުރު އަޅައި ފެންފުޅިއާ އެކު ޕެކް ކުރަނީ އެކަމުގައި ހަރަކާތްތެރިވާ އަންހެނުންގެ ގުރޫޕަކުންނެވެ. ކޮންމެ ދުވަހެއްގެ ވެސް 5:30 ވުމުން، ޓީމު ދައުވާގެ ޒުވާނުންނާއި އެކަމުގައި ވޮލަންޓަރީކޮށް އުޅޭ މީހުން ރޯދަ ވީއްލާތަކެތި މަގުމައްޗަށް ނިކުމެ ބަހަނީ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަވީ ހަވީރު ފިންޏަށް ނިކުމެ އުޅޭ މީހުން ނުވަތަ ޓެކްސީ ޑްރައިވަރުން ބަންގި ގޮވާއިރު ވެސް ގެއަށް ނުދެވި މަގުމަތީގައި އުޅޭތަން. އެހެންވެ، އެ މީހުންނަށް ރޯދަ ވީއްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިކަން ފެށީ،" ހާތިމް ބުންޏެވެ.

މިކަމުގައި ބައިވެރިވާން އެދޭ މީހުން، ޓީމް ދައުވާގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމަށް އެ ގުރޫޕުން އެދެ އެވެ.