01 ޖޫން 2017
ރޯދައިގެ އަޅުކަމަކީ ކެއިންބުއިމާއި ޖިންސީ ޝަހުވަތް ފުއްދުމުން ވަކި ވަގުތެއްގައި ދުރުހެލިވެގަނެގެން އަދާކުރާ އަޅުކަމަކަށް ވިއަސް ރޯދައިގެ ހިކުމަތަކީ ހަމައެކަނި މި ދެ ޝަހުވަތް ކޮންޓްރޯލު ކުރަން ދަސްކުރުން އެކަންޏެއް ނޫނެވެ. އިސްލާމީ ނަޒަރުން ބަލާއިރު ކޮންމެ އަޅުކަމެއްގެ ވެސް އަމާޒަކީ ތަޤުވާވެރިވާން ދަސްވުމެވެ. އެއީ ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލި ވުމެވެ. ނަފްސުތަކުގައިވާ ކިލަނބުކަން ފިލުވައި ނަފްސު ތަޒުކިޔާ ކުރުމެވެ. ރިވެތި އަޚްލާޤީ ސިފަތަކުން މީހާ ޒީނަތްތެރިވުމެވެ. ވީމާ ރޯދައިގެ އަޅުކަމުން ވެސް އަޚްލާޤީ ސިފަތަކެއް ދަސްވާން ޖެހޭނެ އެވެ.
ރޯދައިގެ އަޅުކަމަކީ ކެއިންބުއިމާއި ޖިންސީ ޝަހުވަތް ފުއްދުމުން ވަކި ވަގުތެއްގައި ދުރުހެލިވެގަނެގެން އަދާކުރާ އަޅުކަމަކަށް ވިއަސް ރޯދައިގެ ހިކުމަތަކީ ހަމައެކަނި މި ދެ ޝަހުވަތް ކޮންޓްރޯލު ކުރަން ދަސްކުރުން އެކަންޏެއް ނޫނެވެ. އިސްލާމީ ނަޒަރުން ބަލާއިރު ކޮންމެ އަޅުކަމެއްގެ ވެސް އަމާޒަކީ ތަޤުވާވެރިވާން ދަސްވުމެވެ. އެއީ ﷲ ގެ އަމުރުތަކަށް ކިޔަމަންވެ ނަހީތަކުން ދުރުހެލި ވުމެވެ. ނަފްސުތަކުގައިވާ ކިލަނބުކަން ފިލުވައި ނަފްސު ތަޒުކިޔާ ކުރުމެވެ. ރިވެތި އަޚްލާޤީ ސިފަތަކުން މީހާ ޒީނަތްތެރިވުމެވެ. ވީމާ ރޯދައިގެ އަޅުކަމުން ވެސް އަޚްލާޤީ ސިފަތަކެއް ދަސްވާން ޖެހޭނެ އެވެ.
ރޯދައާ ބެހޭ ގޮތުން ކީރިތި ޤުރުއާނުގައިވާ އާޔަތްތަކާއި ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ދެއްވާފައިވާ އިރުޝާދުތަކަށް ބަލާއިރު ރޯދައިގެ ހުކުމްތަކުގެ ތެރޭގައި ސުލޫކީ ނުވަތަ އަޚްލާޤީ ޙުކުމްތަކެއް ހިމެނޭ ކަން ފާހަގަވެގެން ދެ އެވެ. މިގޮތުން ޢިލްމުވެރިން ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލާއިރު އެއް ސުލޫކަކީ ކައުނުގެ ހަރަކާތްތަކާއި ވަގުތުތަކަށް މީހާ ތަބާވެ އެއަށް ހުރުމަތްތެރިކޮށް ހިތަން ދަސްކުރުމެވެ. ރޯދަ ހިފަން ޖެހެނީ ހަނދުމަހުގެ މަސްތަކުން ކުރެ މަހެއްގައި ކަމަށްވާތީ އެއީ ތަފާތު މޫސުންތަކުގައި ތަފާތު ދިގުމިނުގެ ދުވަސްތަކުގައި އެކި ފަހަރު ކުރަން ޖެހޭ ކަމަކަށް ވެދެ އެވެ. އަދި މިކަމަށް ބޯލެނބުމުގައި ފަގީރެއް މުއްސަންޖެއް މޮޅު މީހެއް ދެރަމީހެއް ތަފާތުވުމެއް ނެތެވެ.
ދެ ވަނަ ސުލޫކަކީ ކުށްތަކުން ސަލާމަތްވާން ދަސްކުރުމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ޙަދީޘް ކުރައްވާ ގޮތުގައި ރޯދައަކީ އައްޑަނައެކެވެ. އެބަހީ އެންމެހާ ކުށްތަކުން މީހާ ސަލާމަތްކޮށްދޭ އެއްޗެކެވެ. އެހެންކަމުން އިންސާނާ އުފައްދަވާފައި ވަނީ ޖިސްމާނީ ޝަހުވަތްތައް ފުއްދުމަށް އެކަނި ނޫންކަން ދަންނަން ޖެހެ އެވެ. އަދި އެއަށް ވުރެ މުހިންމު ކަމެއް ކަމުގައިވާ ރޫހާނީ ގޮތުން މީހާ މަތީ ދަރަޖައަކަށް ވާސިލުވުމަށް ކަން ގަބޫލު ކުރަން ޖެހެ އެވެ. ނަތީޖާއެއްގެ ގޮތުން ބިންމަތީގެ ޝަހުވަތްތަކާ ހަނގުރާމަކޮށް ޝަހުވަތްތަކުގެ އަޅަކަށް ނުވެ އެންމެހާ ކުށްތަކުން ސަލާމަތްވާން ރޯދައަށް ހުންނަ އިރު މަސައްކަތް ކުރަން ޖެހެ އެވެ.
ތިން ވަނަ ސުލޫކަކީ އަމިއްލަ ނަފްސު ހިސާބުކޮށް އިސްލާހު ކުރަން ދަސްކުރުމެވެ. ރޯދަ މަހަކީ އެ މަހުގައި ޝައިޠާނުންތައް ކަސްތަޅު އެޅުވޭ މަހެކެވެ. މީގެ ސަބަބުން ނަފްސު އިސްލާހު ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ. ނަމަވެސް އިންސާނާގެ ނަފްސު ތަރައްގީ ކުރެވިފައިވާ މިންވަރަށް ބަލާއިރު ނަފްސުގެ ތިން ދަރަޖައިގެ ތެރެއިން ނަފްސުލް އައްމާރާ (ނުބައި ކަންތަކަށް އަމުރު ކުރާ ނަފްސު) ގެ ދަރަޖައިގައި ހުރެއްޖެ ނަމަ ޝައިތާނާ ގެ ވަސްވާސް ނެތަސް ކުށަށް އަރައިގަތުމަކީ ވެދާނެ ކަމެކެވެ.
އެހެންކަމުން ނަފްސު ހުރި ދަރަޖަ ދެނެގަތުމަށްޓަކައި ނަފްސު ހިސާބު ކުރަން ޖެހެއެވެ. މިކަމުގެ ގާބިލުކަން ﷲ ވަނީ އިންސާނާ އަށް ދެއްވާފަ އެވެ. އަދި މިގޮތަށް ހިސާބު ކުރުމަށް ފަހު ނަފްސު އިސްލާހު ކުރަން އޭގެ ތަފާތު ދަރަޖަތަކުގައި ހިމެނޭ ކަންކަން ކުރެވިދާނެ އެވެ. އަދި މިގޮތުން ނަފްސުއްލައްވާމާ (އަމިއްލައަށް އަމިއްލަ ނަފްސު ކުށްވެރިކުރާ ނަފްސު) ގެ ދަރަޖަ އަށް ނަފްސު ގެންދެވިދާނެ އެވެ. އަދި އެއަށް ފަހު ވެސް ނަފްސު އިސްލާހު ކުރުމުގެ އަޒުމް ވަރުގަދަކޮށް އިތުރަށް ތަރައްގީ ކުރަން ކުރާ މަސައްކަތުން ނަފްސުލް މުޠްމައިންނަ (ހިތްހަމަޖެހުން ލިބިގެންވާ ނަފްސު) އަށް ވެސް ފަހަރެއްގައި ތިމާގެ ނަފްސު މަތިވެރި ކުރެވިދާނެ އެވެ. ވީމާ ނަފްސު ހިސާބު ކުރުމަކީ މުހިންމު ސުލޫކެކެވެ.
ހަތަރު ވަނަ ސުލޫކަކީ ނަފްސު އިސްލާހު ކުރުމާ ގުޅިފައިވާ އެހެން ސުލޫކެކެވެ. އެއީ ނަފްސު މުރާޤަބާ ކުރަން ދަސްކުރުމެވެ. މުރާޤަބާ ކުރުމަކީ މުޅި ނަފްސުގެ އެތެރެއާ ބޭރު ބަލަހައްޓައި ގާޑު ކުރުމެވެ. މިސާލަކަށް ރޯދައިގެ އަޅުކަމުގައި ނަމަ އޮޅިގެން ނުވަތަ ހަނދާން ނެތިގެން ނަމަވެސް ރޯދަގެއްލޭ ޝަރުޢީ ކަންތަކުން ކަމެއް ވިޔަ ނުދިނުމަށް ފާރަވެރިވެ ހުރުމެވެ. އަދި ހަމަ އެއާ އެކު އެއަށްވުރެ ބޮޑަށް ބޭރުގެ ގުނަވަންތައް ކަމަށްވާ އަތާއި ފަޔާއިދޫ ފަދަ ގުނަވަންތަކުން ކުރެވޭ އެންމެހާ ކުށްތަކަށް ފާރަވެރި ވުމެވެ.
ޕާކިސްތާނުގެ މުސްލިމުން ތަރާވީހު ނަމާދު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ރޯދައަށް ހުންނަ އިރު ދުރުހެލިވާން ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ އެއްވެސް ކަމެއް ވިޔަ ނުދީ ގާޑު ކުރުމެވެ. މިސާލަކަށް ދޮގުހެދުމާއި ޣީބަ ބުނުމާއި ހަޑިހުތުރު އެއްޗެތި ކިޔުމާއި ދޮގުހެކި ދިނުމާއި މީހުންނާ ޒުވާބު ކުރުމާއި މަލާމާތް ކުރުން ފަދަ ދުލުގެ އާފާތްތަކުން ރޯދަވެރިޔާ ދުރުހެލިވާން ކީރިތި ރަސޫލާ އަންގަވައެވެ. އަދި އެހެންމީހަކު ތިމާއަށް އެފަދަ ކަމެއް ކޮށްފިނަމަ ނުވަތަ ކުރަން އުޅެފިނަމަ އެކަމުގައި ބައިވެރި ނުވެ ތިމަން މިހުރީ ރޯދައަށޭ ބުނެ ދުރުހެލިވާން އިރުޝާދު ދެއްވަ އެވެ.
އަދި މިފަދަ ކަންކަން ދޫކޮށްނުލެވޭ ނަމަ ކެއިންބުއިން ދޫކޮށްލައިގެން ހުރުމުގެ ބޭނުމެއް ނެތްކަމުގައި ވެސް މާތް ނަބިއްޔާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، ހަދީޘް ކުރައްވަ އެވެ. އަދި ބައެއް ރޯދަވެރިންނަށް ކަރުހިއްކުމާއި ބަނޑުހައިވުން ނޫން އެހެން ކަމެއް ނުލިބި ދިއުމަކީ ވެދާނެ ކަމެއް ކަމުގައިވެސް އެކަލޭގެފާނު އިންޒާރު ދެއްވަ އެވެ.
ފަސް ވަނަ ސުލޫކަކީ ﷲ ތިމާގެ ޢަމަލުތައް މުރާޤަބާ ކުރައްވާނެ ކަން އަބަދުވެސް ހަނދާނުގައި ބާއްވައި އެކަލާނގެ އަށް ބިރުވެތިވާން ދަސްކުރުމެވެ. މާނައަކީ ރޯދަ އަށް ހުރެ ކެއުމާއި ބުއިމާއި އެނޫންވެސް ޝަހުވަތްތައް އަދި އެންމެހާ ނުރަނގަޅު ޢަމަލުތައް ތިމާ ދޫކޮށްލަނީ ހަމައެކަނި ﷲ އަށް ކަމަށް ވާތީ ކޮންމެ ތަނެއްގައި ކޮންމެ ހާލެއްގައި ހުއްޓަސް ﷲ އެކަން ދެނެވޮޑިގެންވާނެ ކަން އަދި ބައްލަވާ ވޮޑިގެންވާނެކަން ގަބޫލު ކުރުމާއެކު ﷲ އަށް ބިރުވެތިވެ އެކަންކަމުން ދުރުހެލި ވުމެވެ.
ހަ ވަނަ ސުލޫކަކީ ކެތްތެރިކަން ދަސްކުރުމެވެ. ރޯދައަކީ ތަޤުވާގެ މަދަރުސާ އެކެވެ. ކެއުމާއި ބުއިން އަދި އެހެން ޝަހުވަތްތަކަށް ކެތްކުރަން ދަސްކޮށްފި ނަމަ ދެން އެހެން ކަންކަމުގައިވެސް ކެތް ކުރަން ފަސޭހަވެގެން ދާނެ އެވެ. ވީމާ ކެތްކުރަން ދަސްކުރަން ޖެހެ އެވެ. ހަތް ވަނަ ސުލޫކަކީ މުސްލިމު ޖަމާޢަތާ ތިމާ އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން ދަސްކުރުމެވެ. ހުރިހާ މުސްލިމުން އެއް މަހެއްގައި އެއް ފަރާތަކަށް އަދި އެންމެންވެސް ފަޖުރުލީއްސުރެ އިރު އޮއްސެންދެން ރޯދައަށް ހުރުމުން މުސްލިމުންގެ އެއްގޮތްކަން ފެނި އެއްބައެއް ކަމުގެ އިހުސާސްތައް ކުރަން ޖެހެ އެވެ.
އަށް ވަނަ ސުލޫކަކީ ކީރިތި ޤުރުއާނާ ދޯޅުވާން ދަސްކުރުމެވެ. ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މަހެވެ. އެހެންކަމުން އެފޮތް ކިޔަވައި އެފޮތުން އިރުޝާދު ލިބިގަންނަން މިއަށް ވުރެ ވަކިން ރަނގަޅު މައްސަރެއް ނުވެ އެވެ. ނުވަވަނަ ސުލޫކަކީ ދުޢާ އިޖާބަ ކުރުމުގެ ވަގުތުތަކުގެ ބޭނުން ހިފަން ދަސްކުރުމެވެ. މިގޮތުން ޚާއްޞަކޮށް ރޯދަވީއްލާ ވަގުތާއި ލައިލަތުލްޤަދުރި ވިލޭރެ އާއި ޢާންމުކޮށް ރޭގަނޑުގެ ވަގުތުތަކާއި އަދި ރޯދައަށް ހުންނަ އިރު ގިނަގިނައިން ދުޢާ ކުރަން ޖެހެ އެވެ.
ދިހަ ވަނަ ސުލޫކަކީ އިޢުތިކާފަށް އިނުމުގެ އާދަ ދިރުވަން ދަސްކުރުމެވެ. އެގާރަވަނަ ސުލޫކަކީ ދީލަތިވެ ހެޔޮ ފޯރުވުމުގެ އާދަ ނަފްސުގައި އަށަގެންނެވުމަށް ދަސްކުރުމެވެ. މިގޮތުން ރޯދައަށް ހުރުމުގެ ސަބަބުން ތިމާއަށް ކުރެވޭ އިހުސާސްތަކުން ޢިބްރަތް ލިބިގަނެ ފަގީރުންނާއި މިސްކީނުން އުޅޭނެ ގޮތް ތަސައްވުރު ކުރަން ޖެހެއެވެ. އަދި ނަތީޖާއެއްގެ ގޮތުން ހެޔޮ ފޯރުވާ އުޅެން ޖެހެ އެވެ.
މި ބަޔާންކުރެވުނީ ރޯދަ ހިފުމުގެ ތެރޭގައި އެކަންކަމަށް އަޅުގަނޑުމެން ސަމާލުވެ ދަސްކުރަން ޖެހޭ ސުލޫކު ތަކެކެވެ. ނުވަތަ އަޚްލާޤީ ރިވެތި ސިފަ ތަކެކެވެ. މިސިފަތަކުގެ މުހިންމު ކަމަށްޓަކައި އިހުގެ ބައެއް ސަލަފުން ދެކެވަޑައިގަންނަވަނީ މި ކަންކަމަށް ތަބާ ނުވެއްޖެ ނަމަ ރޯދަ ވެސް ގެއްލޭނެ ކަމަށެވެ. ޝަރުޢީ ހަމައިން ބަލާއިރު މި ދަރަޖައަށް މިކަން ނުދިޔަ ނަމަވެސް ހަމަ ޔަގީނުންވެސް މި ސުލޫކުތައް ދަސްނުކުރެވޭ ނަމަ އެއީ ރޯދައަށް އުނިކަން ލިބޭނެ ކަމެކެވެ. ވީމާ ރޯދައިގެ އަޅުކަމުން މި އަޚްލާޤީ ސިފަތައް ދަސްކުރަން ހުރިހާ މުސްލިމުންވެސް ސަމާލުވާން ޖެހެ އެވެ.
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
އިހުގެ އުންމަތްތައް: ޘަމޫދުބާގައި މީހުން ނެތިކުރެއްވުން
ރިވެތި އަޚުލާގު ދެމެހެއްޓުމަށް އީމާންތެރިކަން މުހިންމު
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
އިންސާނާގެ ނަފްސާނީ ބޭނުންތައް ހާސިލު ކުރުން
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
ބިނާ ކުރަންވީ އުފެއްދުންތެރި އިސްލާމީ ޝަޚުޞިއްޔަތެއް
އިހުގެ އުންމަތްތައް: ޢާދުބާގައި މީހުން ނެތިކުރެއްވުން
ވިސްނައި ފިކުރު ކުރުމުގެ އަޅުކަމަށް ސަމާލުވުން