26 މެއި 2018
އާއިލާގެ މެމްބަރުންނާއި ގާތް މީހުންނާ ދުރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ދެރަވާ ކަމަށާއި އެކަމަކު "ދުލެއް" ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އާއިލާގެ މެމްބަރުންނާއި ގާތް މީހުންނާ ދުރުގައި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ދެރަވާ ކަމަށާއި އެކަމަކު "ދުލެއް" ނުދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ގައި ހުންނެވި ނަޝީދު ވަނީ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިފަ އެވެ. އެ މަނިކުފާނަށް އައި ހުކުމަށް ފަހު، 2016 ގެ ކުރީކޮޅު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ފަހުން، ސިޔާސީ މަސައްކަތްޕުޅު ކުރައްވަނީ ރާއްޖެ އިން ބޭރުގައި ހުންނަވައިގެންނެވެ.
މި މަހުގެ 30 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ހަމައެކަނި ކެންޑިޑޭޓް ނަޝީދުގެ ކެމްޕެއިންގެ ތެރެއިން، ފޭސްބުކް ލައިވް މެދުވެރިކޮށް، ސަޕޯޓަރުންނާ ބައްދަލު ކުރައްވައި، މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެކަނި އުޅުއްވަން ޖެހިވަޑައިގަންނަވާތީ ދެރަވާ ކަމަށެވެ. ރާއްޖެ އަށް އަދި ވަޑައިނުގެންނެވުނު ކަމުގައި ވިޔަސް، އެކަމުން އަރައިގަނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖެ ވަޑައިގަންނަވާނީ ކޮންއިރަކުންތޯ މީހަކު ކުރި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ދާދި އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
"މައިންބަފަައިން ދިމާނުވާ ކަން އެއީ ދެރަވާ ކަމެއް. ގެ އަށް ނުވަދެވޭތީ އާއި ގާތް ތިމާގެ މީހުންނާ ދިމާނުވާތީ މިހުރީ އަޅުގަނޑު ވަރަށް ދެރަވާ ކަންކަން. ދެން ކީއްތޯ ކުރާނީ؟" މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ސަޕޯޓަރުންނަށް ހަމައެކަނި ދެއްވި ހިތްވަރަކީ ކަންބޮޑު ނުވުމަށާއި ހާސް ނުވުމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ދޫ ދެއްވާ ގޮތަކަށް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ސްރީ ލަންކާގައި މިވަގުތު އުޅުއްވާ ނަޝީދަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ވެސް އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ނަޝީދު ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ބޭފުޅުންތަކެއް ދޫކޮށްލަން، މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ވާތީ ނަޝީދަށް އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ ކަމަށް އެމްޑީޕީން ގަބޫލުކުރެ އެވެ. ނަމަވެސް އެ އަމުރާ ގުޅިގެން ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރި އެވެ. އަދި ދެން ތިއްބެވި ތިން ފަނޑިޔާރުން ވަނީ، ގައިދީން މިނިވަން ކުރުމަށް އަމުރުގައި އޮތް ބައި ބާތިލްކޮށްފަ އެވެ.
ސަޕޯޓަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ނަޝީދު މިއަދު ވެސް ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށާއި އެމަނިކުފާނުގެ ނަންފުޅު ވޯޓު ކަރުދާސް ކޮޅުގައި އޮންނާނެ ކަމަށެވެ.
ފޭސްބުކްގައި ކުރިއަށް ދިޔަ ލައިވްގައި ގިނަ ބަޔަކު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަގަށް ނެގި ފައިސާ ހޯދައިދޭނަންތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި ނަޝީދު ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތް ހިމެނޭ ގޮތަށް ރައީސް ޔާމީންގެ ސަރުކާރުގައި ވަގަށް ނެގި ހުރިހާ ފައިސާއެއް ހޯދައި ހަޒާނާގައި ބަހައްޓާނެ އެވެ.
ނަޝީދު ވިދާޅުވީ ދެ ފުށް ފެންނަ، ޑިމޮކްރަޓިކް ނިޒާމެއް ހިންގުމަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވެން އޮތް އެންމެ މުހިންމު ކަންތައް ކަމަށެވެ.
ޑިމޮކްރަޓިކް ނިޒާމެއްގެ އިތުރުން، ވަކި ފަރުދުންގެ ހައްގުތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮރަޕްޝަނާ ދެކޮޅަށް ހިންގެން އޮންނަ މުހިންމު ކަމެއް ކަމަށާއި އެކަންކަން ރާއްޖޭގައި ހިންގަން ޖެހޭ ކަމަށް ވެސް ހުންނެވި ނަޝީދު ވިދާޅުވި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް، ގެއްލުނު އެއްވެސް ފައިސާއެއް ދައުލަތަކަށް ނުލިބެ އެވެ.
ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ މައްޗަށް ދައުވާތަކެއް އުފުލިއިރު، މިހާތަނަށް ޝަރީއަތަށް ސާބިތުވީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވުމުގެ ދައުވާ އެކަންޏެވެ.
ނަޝީދުގެ ބައެއް ސިޔާސަތުތައް ހާމަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއްގައި ހަތަރު ސަރަހައްދުގައި ސިނާއީ މަސައްކަތް ކުރާނެ ތަނެއް ކަނޑައަޅައި މަތީ ތައުލީމް ހިލޭ ފޯރުކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
ކުދި އާބަދީތައް އުޅޭ ރަށްތަކަށް ވެސް ތަރައްގީގެ މަޝްރޫއުތައް ގެންދާނެ ކަމަށާއި އެއް ތަނަކަށް މީހުން ޖަމާކުރުމުގެ ބަދަލުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމް ހަރުދަނާކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ބިދޭސީން ވެސް ހިމެނޭ ގޮތަށް އެންމެންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމާއި ގޭންގްތަކުގައި އުޅޭ މީހުން އަލުން ހަމަ މަގަށް ގެނައުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މައްސަލަ އަށް އިންސާފެއް ނުލިބޭނެ
ޕީޕީއެމް މެމްބަރުންނަށް ދައުލަތުން ދިން ފައިސާ ނުދައްކާ
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
ޔާމީންގެ ހުކުމް ފަސްކުރުމާ މެދު ގޮތެއް ނިންމަނީ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް