Roadha Mihaaru
އެމްޕީއެލްގެ ކެފޭ ހުކުރު ދުވަހު އަލުން ހުޅުވަނީ

އެމްޕީއެލް ކެފޭ ހިންގަން ބަޔަކާ ހަވާލުކޮށް، ހުކުރު ދުވަހު އަލުން ހުޅުވަނީ

30 މެއި 2018

އެމްޕީއެލް އިން ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭ އެހެން ބަޔަކާ ހަވާލުކޮށްގެން އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމްޕީއެލް އިން ނޯތު ހާބަރުގައި ކުރިން ހިންގި ކެފޭ އެހެން ބަޔަކާ ހަވާލުކޮށްގެން އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އުތުރު ބަނދަރުގައި ހަދާފައިވާ ކެފޭ އަންނަ ހުކުރު ދުވަހު ހުޅުވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް، ކެފޭ ހިންގުން ހަވާލުކުރީ ކޮން ބަޔަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، ކެފޭ ހިންގާނެ ބަޔަކު ކަނޑައެޅީ އެމްޕީއެލްގެ ބޯޑުންނެވެ.

ނޯތު ޕޯޓު ކެފޭ ހިންގާނެ ބަޔަކު އަލުން ހޯދަން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވެސް އެމްޕީއެލް އިން ނިންމި އެވެ. އެ ތަން ހިންގާނެ ބަޔަކު ހޯދަން އޭރު ނިންމީ އިއުލާން ކުރުމުން އެކަމަށް އެކަށީގެންވާ ފަރާތަކުން ކުރިމަތި ނުލުމުން ކަމަށް ބުނެ އެވެ. އެހެންވެ، ކުރިން ހުށަހެޅި ބިޑުތައް އެމްޕީއެލް އިން ވަނީ ކެންސަލް ކޮށްފަ އެވެ.

އެ ކުންފުނިން 2016 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި ކެފޭ އަށް މަހަކު 400،000ރ. ގެ ބޮޑު ގެއްލުމެއް ވާ ކަމަށް ބުނެ މިދިޔަ އަހަރުގެ މެއި މަހު ވަނީ ބަންދު ކޮށްފަ އެވެ. އެ ތަން ބަންދުކުރި އިރު ފަސްދޮޅަހަކަށް މުވައްޒަފުން މަސައްކަތް ކުރަމުން ގެންދިޔަ އެވެ. ކެފޭ ބަންދުކުރި ނަމަވެސް އެ މުވައްޒަފުން ވަޒީފާ އިން ވަކިނުކުރާ ކަމަށް ވެ އެވެ.

އެމްޕީއެލްގެ ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެމްޕީއެލް އިން ކުރިން ދޫކުރި ލިޔުމުގައި ބުނެފައި ވަނީ ކެފޭ ކުއްޔަށް ހިފާ ފަރާތުން ކެފޭގެ ޕާޓްނަޝިޕް ފީގެ ގޮތުގައި މަހަކު މަދުވެގެން 200،000ރ. ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ތަން ހިންގަން ވާނީ އެ ކުންފުނީގެ 50 ޕަސެންޓް ހިއްސާ އެކުލެވޭ ގޮތަށް ކަމަށާއި އެ ތަނުގެ މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަންވާނީ ވެސް އެތަން ކުއްޔަށް ހިފާ ފަރާތުން ކަމަށް އެމްޕީއެލް އިން ބުނެފައިވެ އެވެ.