Roadha Mihaaru
ޓީމް ޕްރޮފައިލް: ބެލްޖިއަމް

ޓީމް ޕްރޮފައިލް: ބެލްޖިއަމް

01 ޖޫން 2018

ވަކިވަކި ކުޅުންތެރިންގެ ހުނަރުވެރިކަމަށް ބަލަންޏާ ބެލްޖިއަމަކީ މި ފަހަރުގެ ވޯލްޑް ކަޕުން ފެންނާނެ އެންމެ ވަރުގަދަ އެއް ޓީމެވެ. އެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ޕްރިމިއާ ލީގާއި އިޓާލިއަން ލީގާއި ޖަރުމަން ލީގުގައި އެންމެ ވިދުން ފަދަ ކުޅުންތެރިންނެވެ. އެކަމަކު ޓީމެއްގެ ގޮތުގައި ބެލްޖިއަމް އެހާ ވަރުގަދަ ކަމަށް ތަޖުރިބާކާރުން ނުދެކެ އެވެ. މި ހުރިހާ ކުޅުންތެރިންނާ އެކު ނުކުމެ 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ވޭލްސް އަތުން ބަލިވެ ކެޓީ އެވެ. ބެލްޖިއަމް އަކީ ދުނިޔޭގެ ފުޓްބޯޅައިގައި މިހާތަނަށް އައިއިރު މާބޮޑު ބާރެއް ނޫނެވެ. ވޯލްޑް ކަޕުގެ އެންމެ ބޮޑު ކާމިޔާބަކީ 1986 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ އެވެ. އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕުގެ ފައިނަލަށް 1980 ވަނަ އަހަރު ދަތުރުކުރި ފަހުން އެ މުބާރާތުގައި ވެސް ކާމިޔާބެއް ނެތެވެ. އެކަން ބަދަލުކުރެވެން އޮތީ ވެސް ބެލްޖިއަމްގެ މި ޖީލުގެ ކުޅުންތެރިންނަށެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ އެޑެން ހަޒާޑާއި ރޮމެލޫ ލުކާކޫ އާއި ކެވިން ޑި ބްރޭނާ އާއި ޑްރިއެސް މާޓިންސް އަދި ވިންސެންޓް ކޮމްޕެނީ ފަދަ ކުޅުންތެރިންނާ އެކު ބެލްޖިއަމަށް މަންޒަރު ބަދަލުކޮށްލަން ލިބިފައިވާ ރަނުގެ ފުރުސަތެކެވެ.

ކޮލިފައިވި ގޮތް

މި އަހަރުގެ ވޯލްޑް ކަޕަށް ބެލްޖިއަމް ކޮލިފައިވީ ޔުއެފާ ކޮލިފިކޭޝަނުގެ ގްރޫޕް އެޗްގެ އެއް ވަނަ ހޯދައިގެން ފަސޭހަކަމާ އެކު އެވެ. ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވެ އެއް ވަނަ ހޯދީ 28 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ގްރީކަށް ލިބުނީ 19 ޕޮއިންޓެވެ. ކޮލިފައިންގައި އެ ޓީމުގެ ރޮމެލޫ ލުކާކޫ 10 ގޯލް ޖެހި އެވެ. މީގެ އިތުރުން އެޑެން ހަޒާޑް ހަ ގޯލް ޖެހިއިރު، ޑްރިއެސް މާޓިންސް އާއި ތޯމަސް މުނިއާ، ކޮންމެ ކުޅުންތެރިއަކު ފަސް ގޯލް ޖެހި އެވެ. މިކަމުން ވެސް އެ ޓީމުގެ އެޓޭކިން ފޯހުގެ ވަރުގަދަކަން އެނގެ އެވެ.

ކޯޗު

ބެލްޖިއަމްގެ ކޯޗަކީ ސްޕެއިނުގެ ރޮބާޓޯ މާޓިނޭޒެވެ. މިއީ އޭނާ ގައުމީ ޓީމަކަށް ކޯޗުކޮށްދޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިރުޝާދު ދިނީ އިންގްލެންޑުގެ ސްވަންސީ ސިޓީ އާއި ވިގަން އެތުލެޓިކާއި އެވަޓަން އަށެވެ. އޭނާ ވަނީ ވިގަން އަށް 2013 ވަނަ އަހަރު އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްދީފަ އެވެ. ބެލްޖިއަމްގައި ތިބި ހުނަރުވެރި ކުޅުންތެރިންނާ ބަލާއިރު މާޓިނޭޒަކީ އެ ޓީމަށް އެންމެ އެކަށީގެންވާ ކޯޗު ކަމަށް ނުދެކޭ މީހުން އެބަތިއްްބެވެ. ހާއްސަކޮށް ބެލްޖިއަމްގެ އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ރަޖާ ނައިންގޫލާން އަށް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ނުދިނުމުން މާޓިނޭޒަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.

މުހިއްމު ކުޅުންތެރިން

ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަކީ އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ހުނަރުވެރި އެޓޭކިން މިޑްފީލްޑަރުންގެ ތެރެއިން އެކަކެވެ. ގޯލާ ވެސް އެހާމެ ރަށްޓެއްސެވެ. އިންގްލެންޑުގެ ޗެލްސީން ފަހަކަށް އައިސް ހޯދަން އަންނަ ކާމިޔާބީގައި ހަޒާޑުގެ ދައުރު ވަރަށް ބޮޑެވެ. ބެލްޖިއަމް ގައުމީ ޓީމަށް 81 މެޗުން 21 ގޯލް ޖަހަދީފައިވާ ހަޒާޑަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ބެލްޖިއަމުން ކާމިޔާބެއް ހޯދާނެ ނަމަ އެކަމަށް އެންމެ ބޮޑަށް ބަރޯސާވާން ޖެހޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ ސަޕޯޓަރުން ވެސް ގިނަ ކުޅުންތެރިއަކަށްވާތީ އޭނާގެ ކުޅުން ދެކިލަން އެތައް ބަޔަކު ވޯލްޑް ކަޕަށް އިންތިޒާރުކުރާނެ އެވެ.

ބެލްޖިއަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑް. --ފޮޓޯ: އޭއެފްޕީ

ބެލްޖިއަމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެޑެން ހަޒާޑް. --ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ ޔުނައިޑެޓުގެ ފޯވާޑް ރޮމެލޫ ލުކާކޫ އަކީ ސަޕޯޓަރުންގެ މެދުގައި އެހާ މަގްބޫލު ކުޅުންތެރިއެއް ނޫނެވެ. އެކަމަކު އޭނާ އަންނަނީ ދަނޑުމަތީީގައި އެކަމަށް ޖަވާބުދެމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 10 ގޯލް ޖެހިއިރު ގައުމީ ޓީމަށް މިހާތަނަށް 33 ގޯލް ވަނީ ޖަހައިފަ އެވެ. އެއާ އެކު އޭނާ ވެފައިވަނީ ބެލްޖިއަމްގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށެވެ. އޭނާ ވަނީ 2014 ވަަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގައި ވެސް ކުޅެފަ އެވެ. އެހެން އޭނާ މިހާރު ގުނޭނީ ތަޖުރިބާކާރު ކުޅުންތެރިންގެ ލިސްޓުންނެވެ. ވަކިވަކި ހުނަރަށް ބަލާއިރު ލުކާކޫ ވެގެންދާނީ މި ފަހަރުގެ ވޯލްޑް ކަޕުން ވެސް ފެންނާނެ އެންމެ މޮޅު އެއް ފޯވާޑަށެވެ.

ގްރޫޕުގައި އޮތް ފުރުސަތު

ވޯލްޑް ކަޕުގައި ބެލްޖިއަމް ހިމެނެނީ އިންގްލެންޑާއި ޕެނަމާ އަދި ޓިއުނީޝިއާއާ އެއް ގްރޫޕެއްގަ އެވެ. ފެންވަރަށް ބަލާއިރު މި ގްރޫޕުން ބެލްޖިއަމާއި އިންގްލެންޑް ފަސޭހަކަމާ އެކު ދެ ވަނަ ބުރަށް ދާނެ ކަމަށް ބެލެވެ އެވެ. ދެން އޮތީ އެއް ވަނަ މަގާމަށް ވާދަކުރުމެވެ. ގިނަ ބަޔަކު ބުރަވަނީ ބެލްޖިއަމް ކޮޅަށެވެ. ސަބަބަކީ އިންގްލެންޑަށް ވުރެ ނިސްބަތުން ތަޖުރިބާކާރު ކުޅުންތެރިންނާއި ހުނަރުވެރި ކުޅުންތެރިން ބެލްޖިއަމް ޓީމުގައި ގިނަވުމެވެ.