Roadha Mihaaru
އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 1

އެތުގެ އެކުވެރިންގެ ވާހަކަ އާއި އިބުރަތްތައް 1

03 ޖޫން 2018

ކީރިތި ޤުރްއާނުގެ އަލް ފީލް ސޫރަތަކީ، ފީލް ބާގައިގެ މީހުން (އެތުގެ އެކުވެރިން) ކަޢުބަތުﷲ ގެފުޅު މުގުރާލަން އައުމުން ﷲ އެބައިމީހުންނާ މެދު ކަންކުރެއްވި ގޮތުގެ ވާހަކަ ބަޔާން ކުރެވިގެންވާ ސޫރަތެކެވެ. މި ސޫރަތުން މުސްލިމުން ދިރިއުޅުމުގައި އެއިން އިބުރަތް ހާސިލު ކުރެވިދާނެ ކަންތައްތަކެއް ޢިލްމުވެރިން ފާހަގަ ކުރައްވާފައިވާ ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މި ލިޔުމުގައި ބަލައިލާނަމެވެ. އަދި ދެންހުރި ކަންކަމަށް އެހެން ލިޔުމެއްގައި ބަލައިލާނަމެވެ.

ކީރިތި ޤުރްއާނުގެ އަލް ފީލް ސޫރަތަކީ، ފީލް ބާގައިގެ މީހުން (އެތުގެ އެކުވެރިން) ކަޢުބަތުﷲ ގެފުޅު މުގުރާލަން އައުމުން ﷲ އެބައިމީހުންނާ މެދު ކަންކުރެއްވި ގޮތުގެ ވާހަކަ ބަޔާން ކުރެވިގެންވާ ސޫރަތެކެވެ. މި ސޫރަތުން މުސްލިމުން ދިރިއުޅުމުގައި އެއިން އިބުރަތް ހާސިލު ކުރެވިދާނެ ކަންތައްތަކެއް ޢިލްމުވެރިން ފާހަގަ ކުރައްވާފައިވާ ވެއެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް މި ލިޔުމުގައި ބަލައިލާނަމެވެ. އަދި ދެންހުރި ކަންކަމަށް އެހެން ލިޔުމެއްގައި ބަލައިލާނަމެވެ.

ޤުރްއާނުގައި ވާހަކަތައް ބަޔާން ކުރަނީ އިބުރަތަކަށް

ފީލުބާގައިގެ މީހުންގެ ވާހަކައިގެ ޚުލާޞާ އަކީ، މައްކާގައި ހުންނަ ގެފުޅަށް މީހުން ޒިޔާރަތްކޮށް ހަދާތީ އެކަމާ ހަސަދަވެރިވެ ހިތްހަމަ ނުޖެހިގެން ޙަބުޝް ކަރައިގެ ރަސްގެފާނު، ޞަންޢާގައި އެގޮތަށް މީހުން ޒިޔާރަތް ކުރަން ތަނެއް ހެދި އެވެ. އެއީ އޭރުން މައްކާ އަށް ދާ މީހުންގެ ތެރެއިން ގިނަ ބަޔަކު މައްކާގެ ބަދަލުގައި ޞަންޢާ އަށް ދާނެ ކަމަށް ބަލައިގެންނެވެ.

ނަމަވެސް މިކަން ކާމިޔާބެއް ނުވި އެވެ. އަދި އެ ތަނަށް ބައެއް މީހުން އިހާނެތިކޮށް ވެސް ހިތި އެވެ. މިކަމުގެ ރުޅީގައި ގެފުޅު މުގުރާލަން ލަޝްކަރެއް ތައްޔާރު ކުރި އެވެ. އެތްތަކެއް ވެސް ހިމެނޭ މި ލަޝްކަރު މައްކާ އަށް ދިޔަ މަގުމަތީގައި މައްކާގެ އަހުލުވެރިންގެ މުދާތައް ފޭރިގަތެވެ.

ނަމަވެސް މައްކާގެ އަހުލުވެރިން މި ލަޝްކަރާ އިދިކޮޅަށް ހަނގުރާމަ އަށް ނުކުންނަން އެއްވެސް ވަރަކަށް ތައްޔާރެއް ނުވެ އެވެ. ލަޝްކަރުގެ ކޮމާންޑަރަކަށް ހުރި އަބްރަހަތުލް އަޝްރަމް މައްކާ އަށް އަރައި މައްކާގެ ވެރިއަކަށް ހުންނެވި ޢަބްދުލްމުއްޠަލިބްއާ ބައްދަލު ކުރި އެވެ. ޢަބްދުލް މުއްޠަލިބުގެފާނު އަބްރަހަތުގެ ފަރާތުން އެދިވަޑައިގަތީ އެ މީހުން އަތުލި މުދާތައް އަނބުރާ ދިނުމަށެވެ. އޭގެ ތެރޭގައި އެކަލޭގެފާނުގެ ޖަމަލުތައް ވެސް ހިމެނޭ ގޮތުގަ އެވެ.

މިކަމާ އަބްރަހަތު އަޖައިބުވުމުން ޢަބްދުލްމުއްޠަލިބުގެފާނު ވިދާޅުވި އެވެ. "ޖަމަލުތަކުގެ ވެރި މީހަކީ ތިމަންކަލޭގެފާނެވެ. ގެފުޅުގެ ވެރި ފަރާތެއް ވެސް ވެ އެވެ. އެ ފަރާތުން އެތަން ހިމާޔަތް ކުރައްވާނެ އެވެ."

އަބްރަހަތުގެ ބޮޑާކަން އިތުރަށް ވަރުގަދަވެގެން ދިޔަ އެވެ. އަދި ގެފުޅު މުގުރާލަން އަވަސްވެގަތެވެ. އެ ހިނދު ބައިބަޔަށް އައި ކުދިކުދި ދޫނިތަކެއް، ގާވެފައިވާ މަށީގެ ހިލަކޮޅުތަކެއް އެ ލަޝްކަރަށް އުކަމުން ދިޔަ އެވެ. މި ހިލަކޮޅުތަކުގެ ވަރުގަދަ ކަމުން މުޅި ލަޝްކަރު އެ ވަރުގަދަ އެތްތަކާ އެކު ހަލާކު ކޮށްލި އެވެ. ޖަނަވާރު ކައިފައި ހުރި ހުއިތަކެއް ފަދައިން ހަދާލި އެވެ.

މި ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރުމުން މުސްލިމުން ދެނެގަންނަން ޖެހޭ އެންމެ ފުރަތަމަ ކަމަކީ މި ވާހަކަ އިން އިބްރަތް ހާސިލު ކުރަން ޖެހޭނެ ކަމެވެ. އެހެނީ ޤުރްއާނުގައި ކޮންމެ ވާހަކައެއް ވެސް ބަޔާން ކުރަނީ އެ ސަބަބަށްޓަކައި ކަމަށްވާތީ އެވެ. މިގޮތުން ސީދާ މި ވާހަކަ އިން ލިބޭ އިބުރަތްތަކުގެ އިތުރުން މުޅި ސޫރަތަށް ބަލައިލުމުން ފާހަގަ ކުރެވޭ ކަންތައްތަކެއް އެބަހުއްޓެވެ.

ހުމަޒާ ސޫރަތުގައިވާ އަޒާބުގެ ވާހަކަ ކަށަވަރު ވުން

ކީރިތި ޤުރްއާނުގައި ފީލް ސޫރަތް ތަރުތީބު ވެފައި މިވަނީ އޭގެ ކުރިން އޮތް ހުމަޒާ ސޫރަތާ ވިދިގެންނެވެ. ހުމަޒާ ސޫރަތުގައި ބަޔާންވެފައި ވަނީ ޣީބަ ބުނެ ފުރައްސާރަކޮށް ވައްތަރުޖައްސައި އުޅުނު މީހަކަށް އަދި އޭނާ ފަދަ އެހެން ކާފިރުންނަށް ނަރަކައިގައި ހުރި ގަދަފަދަ އަޒާބުގެ ވާހަކަ އެވެ. މި އަޒާބުގެ ވާހަކައާ ވިދިގެން ފީލްބާގައިގެ މީހުންނަށް އެ ކުރިމަތިވި ކޯފާގެ ވާހަކަ ބަޔާން ކުރެވުމުން އެއިން ކަށަވަރު ވެގެންދަނީ ފީލްބާގައިގެ މީހުންނަށް އެކަން ހަގީގަތުގައި ވެސް ކުރިމަތިވެގެން ދިޔަ ފަދައިން ހުމަޒާ ސޫރަތުގައި ކާފިރުންނަށް އޮތް ﷲގެ ވަޢީދު (އަޒާބު ދެއްވާނެ ކަމުގެ ވައުދު) ވެސް އެއީ ހަމަކަށަވަރުން ޤިޔާމަތް ދުވަހުން ވާނެ ކަމެއް ކަމެވެ.

މައުލޫމާތު ލިބިގަންނަ ވަސިލަތްތަކާއި ކަށަވަރު ކުރުމުގެ ވަސީލަތްތައް

ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފީލް ސޫރަތް ފެށެން އޮންނަ "އަލަމް ތަރަ" ގެ މާނަ އަކީ "ކަލޭގެފާނު ދެނެވަޑައިނުގަންނަވަންތޯ" ކަމަށެވެ. އެހެންކަމަށް ވާނަމަ "އަލަމް ތަޢުލަމް" ނުވަތަ އެ މާނަ އޮތް އެހެން ލަފުޒެއް ނެތީ ކީއްވެތޯ އެވެ؟ ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އިންސާނާ މަޢުލޫމާތު ހޯދުމުގައި އެންމެ ފުރަތަމަ ދެ ހިއްސަކީ އިވުމާއި ފެނުމެވެ.

އޭގެ ތެރެ އިން ވެސް އިވުމަކީ އެންމެ ފުރަތަމަ ކަންކަން ބަލައިގަންނަ ހިއްސެވެ. އެހެންވެ އިވުމާއި ފެނުމުގެ ވާހަކަ ކީރިތި ޤުރްއާނުގައި އަންނަ އިރު ފުރަތަމަ އަންނާނީ އިވުމުގެ ވާހަކަ އެވެ. މިކަން މިހެން އޮތް ނަމަވެސް ވަރުގަދަކަމުގެ ގޮތުން ބަލާއިރު އިވުމުގެ ހިއްސަށްވުރެ ފެނުމުގެ ހިއްސު ވަރުގަދަވާނެ އެވެ. ސަބަބަކީ އިވުމުގެ ހިއްސުން ލިބޭ އެއްޗެއް ކަށަވަރު ކުރަން ދަލީލަކަށް ބޭނުން ޖެހޭއިރު ފެނުމުގެ ހިއްސުން ލިބޭ އެއްޗަކަށް އިތުރު ދަލީލެއް ބޭނުން ނުވުމެވެ.

އަނެއްކޮޅުން އިންސާނުންނަކީ ހިއްސީ މައުލޫމާތުގެ އިތުރަށް ބުއްދީގެ ބޭނުންކޮށްގެން ކަންކަން ދެނެގަންނަ މަޚްލޫޤެކެވެ. ހިއްސުތަކާ އެކު ބުއްދީގެ ބޭނުން ކުރުމުން އެ ދެވެނީ ޔަގީންކަމާއި ކަށަވަރު ކަމަށެވެ. މިގޮތުން ޔަގީން ކުރާއިރު ވެސް ފެނުމުގެ ހިއްސުން އަންނަ ޔަގީންކަން އެއީ ވަރަށް ޔަގީން ދެނެގަތުމެކެވެ. އާދެ، "ޢިލްމުލް ޔަޤީން" އެވެ.

މުސްލިމުންނަށް ﷲ ގެ ޙަޟްރަތުން އަންނަ ޚަބަރުތައް އެއީ ޔަގީންކަމުގެ އެނގުމެކެވެ. އެހެންކަމުން އެއީ ފެންނަ ކަމެއް ފަދަ ކަމެކެވެ. މިގޮތުން ފީލް ބާގައިގެ މީހުންނަށް މެދުވެރިވި ހާދިސާ ހިނގީ ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އުފަންވެ ވަޑައިގަތުމުގެ 50 ދުވަސް ކުރިން ކަމުގައި ވިއަސް އާޔަތުން އެ އިޝާރާތް ކުރަނީ އެ ހާދިސާ އަކީ އެކަލޭގެފާނަށް ފެނިވަޑައިގަތް ފަދަ ހާދިސާއެއް ކަމަށެވެ.

ސީދާ ﷲ އަށް ނިސްބަތްވާ ކަންކަން އާދަކާދައާ ތަފާތުވުން

ފީލްބާގައިގެ މީހުން ހަލާކު ކޮށްލަން އުޅުނީ ﷲގެ ގެފުޅެވެ. ﷲ އަށް ސީދާ ނިސްބަތްވާ ކޮންމެ އެއްޗެއް ﷲ ގެ އެހެން މަޚްލޫޤުންނާ ތަފާތު ވާނެ އެވެ. ހަމަ އެގޮތަށް ކައުނުގައި ހިނގާ ކަންކަން ﷲ އަށް ނިސްބަތް ކުރަނީ އެ ކަންކަމުގެ ސަބަބު މެދުވެރި ކުރައްވާ ފަރާތަކީ ﷲ ކަމުގައި ވާތީ އެވެ.

ނަމަވެސް ބައެއް ކަންކަމަކީ ސަބަބަކާ ނުލައި ސީދާ ﷲ އަށް ނިސްބަތް ކުރެވޭ ކަންކަމެވެ. މިފަދަ ކަންކަން ތަފާތުވާނެ އެވެ. އެންމެ ބޮޑު ތަފާތަކީ ކައުނުގައި ﷲ ލައްވާފައިވާ އިލާހީ ޤާނޫނުތަކާ ޚިލާފަށް މިފަދަ ހާލަތްތަކުގައި ކަން ހިނގުމެވެ. މިސާލަކަށް އިބްރާހީމްގެފާނު އަލިފާނަށް އެއްލާލެވުމުން އެ ފިނި އެއްޗެއް ކަމުގައި ވުމެވެ. މޫސާގެފާނުގެ އަސާކޮޅު ހަގީގީ ހަރުފަ އަކަށް ވުމެވެ.

މިގޮތުން މި ތަނުގައި ވެސް "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކަންތައް ކުރެއްވި ގޮތް" އޮތުމުން އެކަން އެވަނީ ސީދާ ﷲ އަށް ނިސްބަތްވެފަ އެވެ. އަދި މިކަން ގުޅިފައި ވަނީ އެކަލާނގެ އަށް ނިސްބަތްވާ ތަނަކަށެވެ. އާދެ ﷲ ގެ ގެފުޅެވެ. އެހެންވެ ކަން ހިނގާ ދިޔައީ ސަބަބުތައް މެދުވެރިވެގެން ކައުނުގައި ކަންކަން ހިނގަމުންދާ ގޮތަކަށް ނޫނެވެ.

(ނުނިމޭ)