Roadha Mihaaru
ޣިޔާސުއްދީނުގެ ނިންމުން އައީ ކޮވިޑް ކޭސްތަކަކާ ގުޅިގެން

ޣިޔާސުއްދީނުން އޮންލަައިންކޮށް ކިޔަވައިދޭން އުޅުނީ ދަރިވަރަކާއި ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމުން

31 ޖެނުއަރީ 2021

ގްރޭޑް 10 ނޫން އެހެން ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންލައިންކޮށް ގެންދަން މިދިއަ ބުރާސްފަތިދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ނިންމީ، ދަަރިވަރަކާއި ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށް، "މިހާރު"އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގްރޭޑް 10 ނޫން އެހެން ހުރިހާ ގްރޭޑެއްގެ ކިޔެވުން އޮންލައިންކޮށް ގެންދަން މިދިއަ ބުރާސްފަތިދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ނިންމީ، ދަަރިވަރަކާއި ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށް، "މިހާރު"އަށް އެނގިއްޖެ އެވެ.

އެކަމަކު އެޑިޔުކޭޝަން މިނިސްޓްރީގެ ގައިޑްލައިނާ އެއްގޮތަށް ކިޔެވުން ކުރިއަށް ގެންދަން އެންގުމުން، މިއަދު އަނެއްކާ ވަނީ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ވެސް ސްކޫލަށް ގެންގޮސް ކިޔަވައިދޭން ފަށައިފަ އެވެ.

އަލުން ސްކޫލުގެ ނިންމުން ބަދަލުކޮށް، މިދިއަ ހުކުރުދުވަހު ބެލެނިވެރިންނަށް ފޮނުވި ސިޓީގައި ބުނީ މިހާތަނަށް ދެ މުވައްޒަފަކާއި ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވް ވުމުގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުން ކަމަށް ބެލެވޭ 16 ދަރިވަރަކާއި ހަ މުވައްޒަފަކު ކަރަންޓީނުގައި ތިބި ކަމަށެވެ. އެކަމަކު އެ ދަރިވަރުންނާއި މުވައްޒަފުންނަކީ، ޕޮޒިޓިވްވި ދަަރިވަރާއި ދެ މުވައްޒަފުންނާ ކޮންޓެކްޓްވި ބައެއްކަން ނުވަތަ އެ ކޭސްތަކާ ގުޅުމެއް ނެތް އެހެން ކޭސްތަކެއްގެ ކޮންޓެކްޓުން ކަމެއް، ސިޓީގައި ތަފުސީލުކޮށްފައެއް ނުވެ އެވެ.

ޣިޔާސުއްދީންގެ އިތުރުން ބައެއް އެހެން ސްކޫލްތަކުން ވެސް ކޮވިޑް ކޭސްތައް މަދުމަދުން އެބަ ފެނެ އެވެ. އެކަމަކު އެއިން ކުއްޖަކަށް/މީހަކަށް ކޮވިޑްގެ ވައިރަސް އެރީ ސްކޫލު ތެރެއިންކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ. އަދި އެއްވެސް ސްކޫލެއްގައި ކޮވިޑް ކޭސްތައް ފެތުރިފައެއް ވެސް ނުވެ އެވެ.

ޕްރިންސިޕަލް އަލީ މުސްތަފާ ސޮއިކުރައްވައި ބެލެނިވެރިންނަށް ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި ސްކޫލުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރާށެވެ. ނަމަވެސް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ސްކޫލުން އަޅާފައި ހުރި ނަމަވެސް މާލޭގައި ވައިރަސް ފެތުރެމުންދާ ގޮތުން އެ ރައްކާތެރިކަން ކަށަވަރުކުރަން އުނދަގޫ ކަމަށް ބުނެފައިވެ އެވެ.

ގްރޭޑް 9-1އާ ދެމެދު ދަރިވަރުންނަށް ހަމައެކަނި އޮންލައިންކޮށް ކިޔަވައިދޭން ބުރާސްފަތި ދުވަހުން ފެށި ނަމަވެސް އަންނަ މޭ/ޖޫންގައި އޮންނަ އޯ ލެވެލް އިމްތިހާނު ހަދާ ގްރޭޑު 10ގެ ދަރިވަރުންނަށް ކިޔަވައިދޭން އޮތީ ސްކޫލަށް ހާޒިރުކޮށްގެންނެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވަސްވަރު އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިޔަ އިރު އެކަން އެންމެ ރަނގަޅަށް ކުރި އެއް ސްކޫލަކީ ވެސް ޣިޔާސުއްދީނެވެ.

އެކަމަކު ކޮވިޑް ކޭސްތަކާ ގުޅިގެން އަލުން އޮންލައިންކޮށް ކިޔަވާ ގޮތަށް ސްކޫލުން އަމިއްލައަށް ހަމަޖެއްސުމުން އެޑިއުކޭޝަން މިނިސްޓްރީން އެންގީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ސްކޫލު ހުޅުވައިގެން ކިޔެވުން ކުރިއަށް ގެންދާށެވެ.

ޣިޔާސުއްދީނުން ބެލެނިވެރިންނަށް ފަހުން ފޮނުވި ސިޓީގައި ބުނީ ވަގުތީ ގޮތުން އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ސީނިއަ މެނޭޖްމަންޓާއި އެގްޒެކެޓިވް މެނޭޖްމަންޓް އަދި ބެލެނިވެރިންގެ މަންދޫބުން ނިންމީ ވެސް ހާލަތު ބަދަލުވުމުން އަލުން ހުޅުވައިގެން ކިޔަވައިދޭން ފަށަން ކަމަށެވެ.

ޣިޔާސުއްދީން ސްކޫލަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައިދޭނީ ކުރިން ވެސް އޮތް ޓައިމްޓޭބަލާ އެއްގޮތަށެވެ.

"މި ނިންމުމާ އެކު [ދަރިވަރުންގެ] ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކަން އެންމެ ރަނގަޅަށް ފިޔަވަޅު އަޅާނަމެވެ،" ސިޓީގައި ބުންޏެވެ.