Roadha Mihaaru
މައުމޫން ހަމީދުގެ ބަޔާނާއި އަޑުގެ ސާމްޕަލް ނަގައިފި

މައުމޫން ހަމީދުގެ ބަޔާނާއި އަޑުގެ ސާމްޕަލް ނަގައިފި

07 ޖޫން 2018

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް، މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށް އޭނާ އަށް ތުހުމަތުކުރާ މައްސަލައިގައި ބަޔާން ނަގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލް، މައުމޫން ހަމީދު ފުލުހުންގެ އިދާރާއަށް މިއަދު ހާޒިރުކޮށް އޭނާ އަށް ތުހުމަތުކުރާ މައްސަލައިގައި ބަޔާން ނަގައިފި އެވެ.

މައުމޫން ފުލުހަށް ހާޒިރުކުރީ ފެބްރުއަރީ 13 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ދެއްވި ވާހަކައެއްގައި، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭގޮތުން ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެވެ.

ފުލުސް އޮފީހަށް ހާޒިރުކޮށް މައުމޫންގެ ބަޔާން ނެގިއިރު އޭނާގެ މައްޗަށް ހަތަރު ތުހުމަތެއް ކުރެ އެވެ.އޭގެތެރޭގައި ހެކި ފޮރުވަން އުޅުމާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ދަތިކުރަން އުޅުމުގެ އިތުރުން ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ކުށެއްކުރަން އުޅުން ހިމެނެ އެވެ.

މައުމޫން "މިހާރު" އަށް ވިދާޅުވީ އޭނާގެ ބަޔާނާއި ފޮޓޯގެ އިތުރުން އަޑުގެ ސާމްޕަލް ފުލުހުންނަށް ދީފައިވާ ކަމަށެވެ. ކޯޓު އަމުރެއް ނެތި އެކަންކަން އޭނާ ކޮށްދެއްވީ ފުލުހުންގެ މަސައްކަތް "އެއްލަކިން" ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ދެންނެވި އެކަންކަން [ފޮޓޯ ނެގުމާއި އަޑުގެ ސާމްޕަލް] ނަގަން ކޯޓު އަމުރެއްގެ ދަށުންތޯ ވާނީ. އަޅުގަނޑު ދެންނެވި ކޯޓު އަމުރެއް ބޭނުމެއް ނޫނޭ. އެހެންވެ މިއަދުން މިއަދަށްވެސް ދައުވާ ކުރަން ފޮނުވޭ ވަރު ކޮށްދީފަ މިއައީ،" އޭނާ ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ 112 ދުވަސް ކުރިން ހިނގި ކަމެއް މިއަދުތަހުގީގު ކުރަން ފެށުމަކީ ފުލުހުންގެ ދައުރުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

"މިއީ މި ދޭތެރެއަކުން އަޅުގަނޑު ކުރި ޓްވީޓްތަކާ ގުޅިގެން ސިޔާސީ ބޭފުޅެއް ހިތްހަމަނުޖެހިގެން ފުލުހުންނަށް އެންގީމަ ކުރައްވާ ކަމެއް. އަޅުގަނޑު ގަބޫލެއް ނުކުރަން ފުލުހުންނަކީ އެހާ ނާގާބިލު ބައެއް ކަމަކަށް،" މައުމޫން ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ވަކީލެއްގެ ގޮތުގައި ވެސް މައުމޫން ހަމީދު މަސައްކަތް ކުރައްވަ އެވެ.