Roadha Mihaaru
ފާރިސްގެ މައްސަލަ ދިޔާނާ ފުލުހަށް ހުށަހަޅައިފި

ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ފާރިސްގެ މައްސަލަ ދިޔާނާ ފުލުސް އޮފީހަށް ހުށަހަޅުއްވައިފި

23 ޖެނުއަރީ 2021

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ވިޔަފާރިވެރިޔާ އަދި ފިރިކަލުން އަބްދުﷲ ޖާބިރު ދެއްވި ފައިސާ އަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ދިޔާނާ ސައީދު ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، ވިޔަފާރިވެރިޔާ އަދި ފިރިކަލުން އަބްދުﷲ ޖާބިރު ދެއްވި ފައިސާ އަށް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހިޔާނާތްތެރިވި ކަމަށް ވިދާޅުވެ، ދިޔާނާ ސައީދު ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، މައުމޫނަށް 29 މިލިއަން ރުފިޔާ ދެއްވި ކަމަށާއި އެކަމަކު އެ ފައިސާ އަނބުރާ ނުދެއްވާ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ މައްސަލަ އޭނާ މީގެ ދެ އަހަރު ކުރިން ފުލުހަށް ވެސް ހުށަހެޅުއްވި އެވެ.

ޖާބިރު ވިދާޅުވެފައިވާ ގޮތުން، ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހަވާލު ކުރެއްވީ ދެ ފަރާތުން އެއްބަސްވި ގޮތަށް ކަންތައްތައް ނުދާ ކަމުގައިވާ ނަމަ އެ ދަރަންޏަށް ކުރީގެ މައުމޫން ޒިންމާވެ ވަޑައިގަންނަވާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި އަނބިކަނބަލުން ދިޔާނާގެ އެ ތުހުމަތު މައުމޫން ދޮގު ކުރައްވަ އެވެ. މައުމޫން ވިދާޅުވާ ގޮތުން އެ ފައިސާ އެ މަނިކުފާނަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އެކަމަކު ޖާބިރު ވިދާޅުވީ މައުމޫނަށް ރައްދު ކުރެއްވުމަށް އެދި ފައިސާ ހަވާލު ކުރެއްވީ ފާރިސްއާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ދިޔާނާ ފުލުސް އޮފީހަށް ފާރިސްގެ މައްސަލަ ހުށަހެޅުއްވީ، މައުމޫނަށް އެ ފައިސާ ލިބިވަޑައިނުގަންނަވާ ނަމަ އެ ފައިސާ އަށް ފާރިސް ހިޔާނާތްތެރިވެ ވަޑައިގެންނެވީ ކަމަށް ތުހުމަތު ކުރައްވަ އެވެ.

ފުލުސް އޮފީހަށް ފާރިސްގެ މައްސަލަ ހުށަހަޅުއްވައި ދިޔާނާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މައުމޫނުގެ ބަސްފުޅު ގެރެންޓީއަކަށް ނުވި ކަމާއި އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ޝަރީއަތުގައި ވެސް މައުމޫން ވިދާޅުވީ އެ ފައިސާ ލިބިވަޑައި ނުގަންނަވާ ކަމަށެވެ. އެއްވެސް ހެއްކެއް ނެތި، އެ މައްސަލަ ހުކުމާ ހަމައަށް ގޮސްފައިވާއިރު ހިޔާނާތުގެ ތުހުމަތު އަމާޒުވަނީ ފާރިސްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

"...އެހެންވެ ހިޔާނާތުގެ ތަހުގީގު ފާރިސް މައުމޫންގެ މައްޗަށް ކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި ތަހުގީގުގައި ހެކި ހުށަހަޅާނެ ކަމަށް ވެސް ދަންނަވަމެވެ." ފުލުސް އޮފީހަށް ފޮނުއްވި ސިޓީގައި، ކުރީގެ ބަންޑާރަނައިބު ވިދާޅުވި އެވެ.