Roadha Mihaaru

ލައިލާ، އަންވަރު އިބްރާހީމާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ، މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު، ޑރ. އަންވަރު އިބްރާހީމާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

ލައިލާ، އަންވަރު އިބްރާހީމާ ބައްދަލު ކުރައްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

14 ޖޫން 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ، މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރު، ޑރ. އަންވަރު އިބްރާހީމާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އިނގިރޭސި ވިލާތުގައި ބޭއްވެވި އެ ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މެލޭޝިޔާގެ ބޮޑު ވަޒީރުގެ ކުރީގެ ނައިބާއި ލައިލާ ބައްދަލުކުރެއްވި އިރު، ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުން އަންވަރު ފިލާވަޅުތަކެއް ހޯއްދެވި ކަމަށް އަންވަރުގެ ދަރިކަލުން ނޫރުލް އިއްޒާ ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ. އިއްޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މަސައްކަތް ކުރެއްވި ގޮތަށް އަންވަރު ވެސް މަސައްކަތް ކުރައްވައި އެ މަނިކުފާނުގެ ފަރާތްޕުޅުން ފިލާވަޅު ލިބިގެންނެވި ކަމަށެވެ.

ލައިލާގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވެސް، އަންވަރާ ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ އެކު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބުގެ ވެރިކަން ބަދަލުވި އިރު އެކަމުން ރާއްޖޭގެ އިދިކޮޅު ފަރާތްތަކަށް ބޮޑު އުފަލެއް ލިބުނެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ މެލޭޝިއާގެ ސިޔާސީ މަސްރަހާ ރާއްޖޭގެ ހާލަތާ ވަރަށް އެއްގޮތް ކަމަށެވެ.