Roadha Mihaaru
ސަރުކާރު ވައްޓާލަން މަހާތިރާއި އަންވަރު އެއްގަލަކަށް

ސަރުކާރު ވައްޓާލަން މަހާތިރާއި އަންވަރު އަނެއްކާވެސް އެއްގަލަކަށް

03 އޯގަސްޓް 2021

ކުއާލަ ލަމްޕޫރު (އޮގަސްޓް 2) - މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ހަރަކާތުގައި، ކުރިން ސިޔާސީ ދެ ވާދަވެރިން ކަމަށްވާ މަހާތިރު މުހަައްމަދާއި އަންވަރު އިބްރާހިމް އެއްގަލަކަށް އަރުއްވައި، ދެ ބޭފުޅުން ވެސް އެ ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކުއާލަ ލަމްޕޫރު (އޮގަސްޓް 2) - މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ ސަރުކާރު ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ފަށާފައިވާ ހަރަކާތުގައި، ކުރިން ސިޔާސީ ދެ ވާދަވެރިން ކަމަށްވާ މަހާތިރު މުހަައްމަދާއި އަންވަރު އިބްރާހިމް އެއްގަލަކަށް އަރުއްވައި، ދެ ބޭފުޅުން ވެސް އެ ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގެންފި އެވެ.

މިއަދު ބާއްވަން ހަމަޖެއްސި ޕާލަމެންޓުގެ ބައްދަލުވުން ކެންސަލްކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުން ރެކޯޑް އަދަދަކަށް ކޮވިޑް ކޭސް ފެނުމުން ކަމަށް ބުނެ އެވެ. ނަމަވެސް ސިޔާސީ ވާދަވެރިން ތުހުމަތު ކުރަނީ ޕާލަމެންޓުގެ ބައްދަލުވުން ކެންސަލް ކުރީ ބޮޑުވަޒީރު މުހްޔިއްދީންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިފާނެތީ ކަމަށެވެ.

ކޮރޯނާވައިރަސް ފެތުރޭ ކަމަށް ބުނެ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު ޕާލަމެންޓުގެ ބައްދަލުންތައް ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. ޕާލަމެންޓުގެ ބައްދަލުންތައް ފަށާފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ބައްދަލުވުންތަކެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ޕާލަމެންޓް ސަސްޕެންޑްކޮށްފައި ވަނީ ބޮޑުވަޒީރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށެވެ.

މަހާތިރާއި އަންވަރު (ވ) އިދިކޮޅު ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

މަހާތިރާއި އަންވަރު (ވ) އިދިކޮޅު ހަރަކާތުގައި މިއަދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:އޭއެފްޕީ

ޕާލަމެންޓުގެ 100 އަށް ވުރެ ގިނަ މެންބަރުން ބޭއްވި އިހްތިޖާޖުގައި، ދެ ފަހަރު ބޮޑުވަޒީރުކަން ކުރެއްވި މަހާތިރާއި އަންވަރު މިއަދު ވަނީ ބައިވެރިވަޑައިގެންފަ އެވެ. މަހާތިރާއި އަންވަރު ސިޔާސީ އެއް ޕްލެޓްފޯމަކުން ފެނުމަކީ މެލޭޝިއާގައި ވަރަށް ނާދިރު ކަމެކެވެ. ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ސަރުކާރުގެ ކޮރަޕްޝަން ބޮޑުވުމުން، 2018 ވަނަ އަހަރުގެ އިންތިޚާބުގައި މަހާތިރާއި އަންވަރު އެއްގަލަކަށް އެރުއްވުމަށް ފަހު ކޯލިޝަން ސަރުކާރަކުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ މަހާތިރެވެ. ނަމަވެސް އަންވަރާ ޚިޔާލު ތަފާތުވެ އެތެރޭގެ ކޯޅުން ބޮޑުވެ އެންމެ ފަހުން މަހާތިރު މިދިޔަ އަހަރު އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވި މުހްޔިއްދީން ޔާސީނަށް ޕާލަމެންޓުގެ އިތުބާރު ގެއްލުމުން އޭނާ ގެންދަވަނީ އިތުބާރު ނެތްކަމުގެ ވޯޓަކަށް ހުރަސް އެޅުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރައްވަމުންނެވެ.

"އެތައް ބަޔަކު އޭނާ (މުހްޔިއްދީން) ކުށްވެރިކުރާ އިރު ވެސް ލަދެއް ނެތި އެ ހުންނަވަނީ އިސްތިއުފާ ވެސް ނުދެއްވާ،" ކުއާލަ ލަމްޕޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަހާތިރު، 96، ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ މުހްޔިއްދީން ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށާއި ޕާލަމެންޓުގެ އަޣުލަބިއްޔަތު ތާއީދު އޭނާ އަށް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މިއަދު އިހްތިޖާޖް މި ކުރަނީ ރައްޔިތުންގެ ހިމާޔަތުގައި،" އަންވަރު ވިދާޅުވި އެވެ.

މަހާތިރާއި އަންވަރު ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

މަހާތިރާއި އަންވަރު ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ޕާލަމެންޓުގެ އެތައް މެންބަރުންނެއް ވަނީ މުހްޔިއްދީންގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ.

މަހާތިރުގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައި އަންވަރަކީ ބޮޑުވަޒީރުގެ ނައިބެވެ. ނަމަވެސް ދެބޭފުޅުންގެ މެދުގައި މައްސަލަ ޖެހި، 1990 ގެ ތެރޭގައި ވަނީ އަންވަރު މަގާމުން ދުރުކޮށް، އެއްޖިއްސުން ގުޅުން ހިންގާކަމުގެ ތުހުމަތާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ހިއްޕަވާކަމުގެ ތުހުމަތުގައި ޖަލަށްލައިފަ އެވެ. އެކަމަކު ގިނަ ބަޔަކު ގަބޫލް ކުރަނީ އެއީ ސިޔާސީ ގޮތުން ދިން އަދަބެއް ކަމަށެވެ.

ދެ ބޭފުޅުން އަލުން ގުޅިވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ތާރީޚީ އިންތިޚާބަށް އުފެއްދި ބޮޑު ކޯލިޝަނާ އެކު އެވެ.