Roadha Mihaaru
އުރީދޫ މަސްރޭހުގެ އެއް ވަނަ މަލަހިނި ޓީމަށް

އުރީދޫ މަސްރޭހުގެ އެއް ވަނަ މަލަހިނި ރިސޯޓުގެ ޓީމަށް

17 ޖޫން 2018

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސް ރޭސް ކަމަށްވާ އުރީދޫ މަސް ރޭހުގެ މި އަހަރުގެ ޗެމްޕިއަން ޓީމަކަށް މަލަހިނި ރިސޯޓުގެ ޓީމް ހޮވިއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސް ރޭސް ކަމަށްވާ އުރީދޫ މަސް ރޭހުގެ މި އަހަރުގެ ޗެމްޕިއަން ޓީމަކަށް މަލަހިނި ރިސޯޓުގެ ޓީމް ހޮވިއްޖެ އެވެ.

މަސް ރޭހުގެ އެއް ވަނަ ހޯދުމާ ގުޅިގެން އުރީދޫން ވަނީ މަލަހިނި ޓީމަށް 175،000ރ.ގެ ލޯންޗަކާއި، 150،000ރ.ގެ އެވިންރޫޑް ބްރޭންޑްގެ 60 ހޯސްޕަވަރުގެ އިންޖީނެއް ދީފަ އެވެ.

ރޯދަ މަހާ ގުޅުވައިގެން އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސް ރޭހުގެ މި އަހަރުގެ ދެ ވަނަ ޓީމަކަށް ހޮވުނީ މިލައިދޫން ބައިވެރިވި ޓީމެވެ. ތިން ވަނަ ލިބުނީ އެންޒީގެ ޓީމަށެވެ.

އެ ޓީމުތަކުގެ އިތުރުން، ފައިނަލުގައި ވާދަކުރީ އެޗްޑީސީ އާއި ސްޓެލްކޯ އަދި ތާޖް އެގްޒޯޓިކާ އެވެ.

މި އަހަރު އެންމެ ތަފާތު މާކެޔޮޅަކަށް ހޮވިފައިވަނީ ސެމީ ފައިނަލްގައި 11.05 ކިލޯގެ ފާނައެއް ބޭނި، މިލައިދޫ ޓީމްގެ އަބްދުލްހާދީ މުހައްމަދެވެ. އަދި އެންމެ ތަފާތު އަންހެން ކެޔޮޅަށް ހޮވިފައިވަނީ 10.5 ކިލޯގެ ހަންޖެއް ބޭނި، މަލަހިނި ޓީމްގެ ނަޝާމާ މުހައްމަދެވެ. އެ ދެ މީހުންނަށް އިނާމެއްގެ ގޮތުން އުރީދޫން 5،000ރ. ދިނެވެ.

މަސް ރޭހުގެ އެއްވަނަ ހޯދި މަލަހިނި ރިސޯޓުގެ ޓީމް.

މަސް ރޭހުގެ އެއްވަނަ ހޯދި މަލަހިނި ރިސޯޓުގެ ޓީމް.

އުރީދޫގެ ސޭލްސް އެންޑް ބްރޭންޑް ޑައިރެކްޓަރު ހުސައިން ނިޔާޒް ވިދާޅުވީ މި އަހަރުގެ މުބާރާތް ވަރަށް ކާމިޔާބު ކަމަށާއި އަންނަ އަހަރުގެ މުބާރާތުގައި ވެސް ގިނަ ޓީމުތަކެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް، މި އަހަރުގެ މުބާރާތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޓީމުތައް ބައިވެރި ކޮށްގެން ކުރިއަށް ގެންދިއުމުން މުބާރާތުގެ ފޯރި ގަދަވެގެން ގޮސްފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި އެކި ޓީމުތަކާއި އެކު މި ފަަހަރުގެ މަސް ރޭސް ވެގެން ދިޔައީ ވަރަށް މަޖާ އަދި ފޯރިގަދަ މުބާރަތަކަށް، އަދި އަޅުގަނޑުގެ އުއްމީދަކީ އަންނަ އަހަރުގެ މުބާރާތުގައި ވެސް މި ޓީމްތަށް ފެނިގެން ދާނެ ކަމަށް،" ނިޔާޒް ވިދާޅުވި އެވެ.