Roadha Mihaaru
މިވެރިކަން މިފަހަރު ބަދަލު ކުރަން ޖެހޭނެ: ސުއޫދު

މިވެރިކަން ކޮންމެހެން ވެސް މިފަހަރު ބަދަލު ކުރަން ޖެހޭނެ: ސުއޫދު

18 ޖޫން 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ، ދެން ދުވަހަކު ވެސް ރާއްޖެ އަތުނުޖެހޭ ހިސާބަކަށް ހިނގައިދާނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ކޮންމެހެން ވެސް ބަދަލު ކުރަން ޖެހޭނެ ކަމަށާއި އެ ފުރުސަތުގެ ބޭނުން ނުހިފައިފި ނަމަ، ދެން ދުވަހަކު ވެސް ރާއްޖެ އަތުނުޖެހޭ ހިސާބަކަށް ހިނގައިދާނެ ކަމަށް ކުރީގެ އެޓާނީ ޖެނެރަލް ހުސްނުއް ސުއޫދު މިރޭ ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބަށް އެމްޑީޕީން ފަށާފައިވާ "ޖަޒީރާ ރާއްޖެ" ކެމްޕޭނަށް މާލޭގައި ތައްޔާރުކުރި އައްޑޫ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލް ސުއޫދު ވިދާޅުވީ، އެމްޑީޕީން މި ފަށައިގަންނަނީ ވަރަށް ވެސް ބޮޑު މަސައްކަތެއް ކަމަށެވެ. އޭގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ސަރުކާރު ބަދަލު ކުރުމެވެ.

ތިން އަހަރުގެ މުއްދަތަށް ވެރިކަން ކުރި އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބު އަދި އެ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ހިތްހަމަޖެހިވަޑައިނުގެން ވަކި ހިސާބަކުން އެ މަގާމުން އިސްތިއުފާ ދެއްވި ސުއޫދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރަން ޖެހޭ ސަބަބުތައް ވަރަށް ގިނަ އެވެ.

"އޭގެ ތެރެއިން އަޅުގަނޑު ފާހަގަކޮށްލާނެ އެންމެ ބޮޑު ކަމަކީ ހަމަހަމަ ކަމެއް ނެތުމާއި އަދުލު އިންސާފު ނެތުން. އެތައް ބަޔަކަށް އަނިޔާ ލިބިގެންދާ ދިއުން. ރާއްޖެ ފޭރިގަންނަމުން ދިއުން. ކޮރަޕްޝަންގެ ވަބާ ނައްތައި ނުލެވުން. އަދި ކޮރަޕްޝަން އިތުރު ކުރުމަށް ނުވަތަ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދުވަހެއް ދުވަހަކަށް މި ސަރުކާރު ކުރިއަށްދާ ދިއުން ހުއްޓުވަން އެބަޖެހޭ." އައްޑޫ މީދު އަށް އުފަން ސުއޫދު ވިދާޅުވި އެވެ.

މާލޭގައި އައްޑޫ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ތެރެއިން.

އޭނާ ވިދާޅުވީ، ތަރައްގީގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކީ ކޮރަޕްޝަން އޭގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އޭގެ ނާޖާއިޒު ފައިދާ ވެސް ބަޔަކު ނަގަމުންދާ ކަމަށެވެ.

"އެހެންވީމާ އެއީ ކޮންމެހެން ހުއްޓުވަން ދިވެހިންނަށް ލާޒިމުވާ ކަމެއް. އަޅުގަނޑުމެންގެ ރާއްޖެ ކުރިއެރުމުގައި އެކަމުގެ [ކޮރަޕްޝަނުގެ] ސަބަބުން ހުރަސްތަކެއް އެބައެޅޭ. އެހެންވީމާ އަދުލު އިންސާފު ގެއްލިފައި އޮތުމާއި އަނިޔާވެރިކަން އިތުރުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން މި ސަރުކާރު ބަދަލު ކުރަން ޖެހޭ،" ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ތަނޑިރަތްމާގޭގައި ހަދާފައިވާ އައްޑޫ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު ސުއޫދު ވިދާޅުވި އެވެ. "މިވެރިކަން ދަމަހައްޓާ ކަމަށް ވެއްޖިއްޔާ އަނެއްކާ ވެސް [މިވެރިކަން] އިތުރު ފަސް އަހަރަށް ދެމިގެން ހިނގައްޖެ ނަމަ އަޅުގަނޑުމެންނަށް މި ރާއްޖެ ދުވަހަކު ވެސް ދެން އަތުޖެހިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ."

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުން ދިވެހިންގެ މުއްސަނދިކަން ފޭރި ގަނެ، ދިވެހިންގެ ބިންތައް ވެސް ބޭރު މީހުންނަށް ކޮރަޕްޝަނުގެ ތެރެއިން ވިއްކައި ވަނީ ނިންމައިފަ އެވެ.

މާލޭގައި އައްޑޫ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ތެރެއިން.

"އިގުތިސާދީ ވަސީލަތެއް އޮތް ކަމަށް ވަންޏާ ބޭރު މީހުންގެ އަތްމައްޗަށް އެ ދަނީ. އެހެންވީމާ މި ސަބަބުތަކަށްޓަކައި މިވެރިކަން ބަދަލު ކުރަން ޖެހޭކަން ގަބޫލު ކުރާ އެކަކީ އަޅުގަނޑަކީ،" ސުއޫދު ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްްޔާތުގައި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ މާލޭގައި އައްޑޫގެ ކެމްޕޭން ޖަގަހައެއް ހުޅުވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މީގެ ސަބަބުން އައްޑޫގެ ކެމްޕޭން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި އައްޑު އަކީ އެމްޑީޕީގެ ބޮޑު ކިއްލާއެކެވެ. އެގޮތުން، ކުރީގެ އިންތިޚާބުތަކުގައި ވެސް އެމްޑީޕީ އަށް ވޯޓް ދިން ގޮތަށް މި ފަހަރު ވެސް އައްޑޫން އެ ޕާޓީ އަށް ގިނަ އަދަދެއްގެ ވޯޓު ހޯދައިދީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރާނެ ކަމަށް ވިދާޅުވި އެވެ.