Roadha Mihaaru
ސަލާމަތް ވާނީ އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު

ސަލާމަތުގެ އައްސޭރި އޮތީ، މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވޯޓު ދީގެން: ނަޝީދު

06 ނޮވެމްބަރ 2018

އިދިކޮޅު ފަރާތްތަކުން ފެށި ދަތުރު އަދި ނުނިމޭ ކަމަށާއި ސަލާމަތުގެ އައްސޭރި އަކަށް ދެވޭނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދީގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ސ. ފޭދޫން މުހައްމަދު ޔާމީން

އިދިކޮޅު ފަރާތްތަކުން ފެށި ދަތުރު އަދި ނުނިމޭ ކަމަށާއި ސަލާމަތުގެ އައްސޭރި އަކަށް ދެވޭނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީއަށް ވޯޓު ދީގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"ސަލާމަތުގެ އައްސޭރިއަށް ދެވޭނީ މަޖިލީހުގެ އިންތިޚާބު ތަނަވަސް އަޣުލަބިއްޔަތަކުން ތިލަފަތަށް ވޯޓު ދެއްވީމާ،" އައްޑު އަށް ފެއްޓެވި ދަތުރުފުޅުގައި ފޭދޫގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، އެމްޑީޕީގެ ނަން ވިދާޅުނުވެ، އެކަމަކު އެ ޕާޓީގެ ލޯގޯ އަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވިއިރު، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެކި ދާއިރާތަކަށް އެމްޑީޕީގެ މެމްބަރުން ވަނީ ކެމްޕެއިން ފަށައިފަ އެވެ. ނަމަވެސް، މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ފެނިވަޑައިގަންނަވަނީ އެމްޑީޕީގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. މިއާ އެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަދި ސުޕްރީމް ކޯޓުން ފަހުން އެ ނިންމުން ބާތިލް ކުރުމުން ގޮނޑި އިޔާދަ ވެފައިވާ އިދިކޮޅު 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ދިނުމާ މެދު ވެސް އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގެ އެހެން ޕާޓީތަކާ ދެމެދު ވަރަށް ބޮޑު ހިޔާލު ތަފާތުވުމެއް ވަނީ އުފެދިފަ އެވެ.

ފޭދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ކުރިއަށް އޮތް ތަނުގައި ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވެ ވަޑައިނުގަންނަވާނެ ކަމަށެވެ.

ތިން އަހަރު ދުވަސް ވަންދެން އަމިއްލަފުޅަށް އަރުވާލެގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން މާލެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އައްޑު އަށް ވަޑައިގެން ނަޝީދު ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން މާބޮޑަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެކަމުން ވެސް އެނގެނީ އަނިޔާވެރިކަމާއި ބޭވަފާތެރިކަމާއި ހިޔާނާތްތެރިވުމަކީ ކުރިއަށް ދާނެ ކަންކަމެއް ނޫން ކަމެވެ.

ނަޝީދު މިއަދު ފޭދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

ނަޝީދު މިއަދު ފޭދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ.

"އަނިޔާވެރިކަމާއި ބޭވަފާތެރި ކަމާއި ހިޔާނާތްތެރި ކަމަކީ އިންސާނާ ފަހަތަށް ގެންދާ ކަންކަން. އިންސާނާ ނިކަމެތި ކުރާ ކަމެއް. ނަތީޖާއެއްގެ ގޮތުން އެ ބޭފުޅުންގެ [ރައީސް ޔާމީންގެ] ރަހްމަތްތެރިންގެ އާރެއް ބާރެއް ނެތް. އެ ބޭފުޅުން ތިއްބެވީ އެކަނިވެފައި، ބިކަވެފައި، ނިކަމެތިވެފައި،" ފޭދޫގައި އުޅޭ ނަޝީދުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނާ ވާދަކުރައްވައި، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. ރައީސް ޔާމީނާއި އިބޫއާ ދެމެދު 38،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތު ހުއްޓެވެ. އިންތިޚާބުގައި އިބޫ އަށް 134،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް 96،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ހުރިހާ ރައްޔިތުންގެ ހަތަރެސްފައި ބަނދެފައި ވޯޓު ލުމުން ވެސް ރައީސް ޔާމީން މާ ބޮޑު ތަނުން ނާކާމިޔާބީއާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ނަމަވެސް، ހަމަ އެ ނޭވާގައި ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފެށި ދަތުރު އަދި މިހާތަނަށް އައިއިރު ނިމިފައި ނުވާ ކަމަށެވެ.

ނަޝީދު މިއަދު އައްޑުއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. -- ފޮޓޯ: އެމްޑީޕީ

ނަޝީދު މިއަދު އައްޑުއަށް ވަޑައިގަތުމުން، އެމަނިކުފާނަށް އެ ރަށުގެ ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވަނީ. -- ފޮޓޯ: އެމްޑީޕީ

ވަރަށް ގިނަ ބަޔަކު ބައިވެރިވި ބައްދަލުވުމުގައި ނަޝީދު ވަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އިދިކޮޅު ލީޑަރުން ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މަސައްކަތް ކުރެއްވިކަން ފާހަގަ ކުރައްވައިފަ އެވެ.

ނަޝީދު ވިދާޅުވީ، "ޖަޒީރާ" ރާއްޖޭގައި އެތައް ސަތޭކަ ރަށެއްގައި ގިނަ ބަޔަކު ދިރިއުޅޭ އިރު، އައްޑޫގައި އުޅޭ މީހުންގެ ހިޔާލާއި ފިކުރާއި އެހެން ރަށްތަކުގައި ދިރިއުޅޭ މީހުންގެ ހިޔާލާ ތަފާތުވެދާނެ ކަމަށެވެ. އެކަމަކު، ތަރައްގީ ހޯދާނީ ތަފާތުގެ ތެރެއިން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު މެންދުރު ފަހު، އައްޑު އަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެތައް ސަތޭކަ ބަޔަކު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖަމާވި އެވެ. އަދި އެ ހުރިހާ އެންމެންނާ ސަލާމް ކުރެއްވުމަށް ނަޝީދު ވަނީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ހޭދަ ކުރައްވައިފަ އެވެ.