Roadha Mihaaru
މަގުހެދުމުގެ މަސައްކަތާ އެކު ޓްރެފިކަށް ބަދަލުތަކެއް

މަގުހެދުމުގެ މަސައްކަތާ އެކު ޓްރެފިކަށް ބަދަލުތަކެއް

21 ޖޫން 2018

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.

ތާރުއަޅައިގެން މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނާތީ، އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ދިމާލުގެ އެކި ގޯޅިތަކާއި މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އެ މަގު ފުޅާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަނީ، މާލެ އާއި ހުޅުލެއާ ދޭތެރޭގައި އަޅާ ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރުމުގެ މަޝްރޫއުގެ ތެރެއިންނެވެ.

އެ އޮތޯރިޓީން އިއްޔެ ކުރި އިއުލާނުގައި ބުނީ ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ބަންދުކޮށްފައިވާތި، މަގުތަކާއި ގޯޅިތަކުގެ ޓްރެފިކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި ހަރުކޮށްފައިވާ ޓްރެފިކް ނިޝާންތަކާ އެއްގޮތަށް އަމަލުކުރަން އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަގުގެ މަސައްކަތް ކުރަމުން އަންނާތީ ހައުސިން މިނިސްޓްރީން މިހާރު ވަނީ، ބޮޑުތަކުރުފާނު މަގުން ނަސަންދުރާއާ ޖެހިގެން އޮންނަ މެހެލި ގޯޅި އަށް ވަދެގެން މޫކައި ހޮޓެލް ކައިރިން އުތުރަށް ދެވޭ ގޮތަށް ހަދައިފަ އެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން، ނަސަންދުރާގެ އިރުމަތީ ގޯޅިން ނިކުމެގެން ބޮޑުތަކުރުފާނު މަގަށް ވަދެވޭނެ އެވެ. އެހެންވެ އަލަށް ގެނައި ބަދަލާއެކު އެ ގޯޅީގައި ދެކޮޅަށް ދުއްވޭނެ އެވެ.

މި ބަދަލު ގެނައީ، މަގުގެ މަސައްކަތް ނިމެންދެން ކަމެއް ނުވަތަ ހަމައެކަނި އެ ސަރަހައްދުގެ މަސައްކަތް ނިމެންދެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބްރިޖާއެކު އެ މަގުގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ، ޖުލައި 26 ވަނަ ދުވަހު ބްރިޖު ހުޅުވައި ބޭނުންކުރަން ފެށުމެވެ.