Roadha Mihaaru
ދަރަނިވެގެން ވެސް ތަރައްގީ ހޯދައިދޭނަން: ރައީސް

ދަރަނިވެގެން ވެސް ތަރައްގީ ހޯދައިދޭނަން: ރައީސް ޔާމީން

24 ޖޫން 2018

ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭން ރާއްޖޭގެ ދަރަނި އަދިވެސް އިތުރު ކުރައްވާނެ ކަމަށާއި ލޯނު ނަގައިގެން ހަގީގަތަކަށް ހައްދަވައިދެއްވަނީ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދު ކަމަށް ރައީސް އަބްދުﷲ ޔާމީން ކ. ތުލުސްދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދޭން ރާއްޖޭގެ ދަރަނި އަދިވެސް އިތުރު ކުރައްވާނެ ކަމަށާއި ލޯނު ނަގައިގެން ހަގީގަތަކަށް ހައްދަވައިދެއްވަނީ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދު ކަމަށް ރައީސް އަބްދުﷲ ޔާމީން ކ. ތުލުސްދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އަތޮޅު ތިން ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި، ތުލުސްދޫގެ ބަނދަރު ހުޅުއްވައިދެއްވައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ކުރީ ސަރުކާރުތަކުން ހޯދައި ނުދިން ތަރައްގީ އާއި ކުރިއެރުން އެމަނިކުފާނުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ހޯދައި ދެއްވާފައިވާ ކަމަށެވެ. މިކަމާ ގުޅުވައި، އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެ، ހާސްވެ، ފާޑުކިޔަނީ ރާއްޖޭގެ ދަރަނި އިތުރުވާ މައްސަލައިގައި ކަމަށް ވިދާޅުވި އެވެ.

"ރައީސް ޔާމީން ކަންކަން މި ކުރައްވަނީ ހާދަ ބޮޑެތި ދަރަނި ދެން އަންނަ ބަޔަކާ ހަވާލުކޮށްފައޭ [އިދިކޮޅުން ބުނޭ]. މިއީ، އެ ބޭފުޅުންގެ ވިސްނުން، ފިކުރު ހުރި ވަރު. ތުލުސްދޫ ރައްޔިތުން ގަބޫލުކުރާނަންތޯ، 40 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވެން ނެތިއްޔާ، ލޯނު ނަގައިގެން ނަމަވެސް ބަނދަރު ނުހަދާ ދޫކޮށްލަން؟" ރައީސް ސުވާލު ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ނުވެއްޖެ ނަމަ، ރައްޔިތުން އެދެނީ ކޮންމެވެސް އެހެން ގޮތްތަކެއް ހޯދައިގެން ނަމަވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ.

ރައީސް ތުލުސްދޫގައި: ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް

ރައީސް ތުލުސްދޫގައި: ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް

"އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ ފައިސާ ހޯދައިގެން، އާމްދަނީ ހޯދައިގެން. ފައިސާ ހޯދެން އޮތް ގޮތަކަށް ހޯދައިގެން މިކަންކަން [މަޝްރޫއުތައް] ނިންމަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑާ މުގާބަލާ ކުރަން ތިބި އިދިކޮޅު މީހުންގެ ވިސްނުން ހުރި ވަރު މިކަމުން ވެސް އެބަ އެނގޭ. އެ ބޭފުޅުން އަމިއްލަ އަށް އިއުތިރާފްވެވަޑައިގަންނަވާ ގޮތުން ވެއްޖިއްޔާ، އެ ދަރަނި އަދާކުރާނެ ގޮތެއް އެބޭފުޅުންގެ ޚިޔާލުފުޅަކު ނެތް. އަޅުގަނޑުގެ ވިސްނުމަކީ އަދިވެސް އަޅުގަނޑު ދަރަނި އިތުރުކުރުން. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނަން."

ރައީސް ވިދާޅުވީ އަތުގައި ފައިސާ ހުރެ، ޔުނިވާސިޓީން މަތީ ތައުލީމް ހާސިލްކޮށް، މަސްއޫލިއްޔަތު އަދާކުރާ އެންމެ މަތީ މަގާމްތަކުގައި ތިއްބަސް ބައެއް މީހުންގެ އިޚްލާސްތެރިކަމެއް ނެތް ކަމަށެވެ. ރާއްޖޭގައި ފަހުގެ ތާރީހުގައި ކަންކަން ވެގެންދިޔަ ގޮތުން އެކަން އޮތީ ސާފުވެފައި ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ރަށްތަކަށް ތަރަައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހިންގީ، މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެން ނޫނެވެ. މަގުމަތީގައި އަބަދު މުޒާހަރާކުރަން ތިބޭ ނަމަ، އެތަނުގައި އިމާރާތަކަށް ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ކަންކަމުގައި އަޑުއުފުލުމުގެ ކުރިން، އެ ކަންކަން ސަރުކާރުން ދެނެގަންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ އުއްމީދު ހާސިލްކޮށްދޭނީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.