Roadha Mihaaru
ރައީސް ޔާމީން ބައެއް ރަށްތަކަށް ދަތުރުފުޅު ފައްޓަވައިފި

ރައީސް ޔާމީން ބައެއް ރަށްތަކަށް ދަތުރުފުޅު ފައްޓަވައިފި

24 ޖޫން 2018

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން، ވެރިކަން ކުރާ ޕީޕީއެމުން ފަށާފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީން ބައެއް ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން، ވެރިކަން ކުރާ ޕީޕީއެމުން ފަށާފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީން ބައެއް ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު ވަޑައިގަތީ މާލެ އަތޮޅު ތުލުސްދު އަށެވެ. އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު، އެ އަތޮޅު މާފުއްޓާއި ގުރައިދު އަށް ވަޑައިގަންނަވާނެ އެވެ. މާފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ގުރައިދޫގެ ވެސް ބަނދަރު ހުޅުއްވައިދެއްވާނެ އެވެ.

މި ދަތުރުފުޅަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގަތުމަށް ފަހު، ޝެޑިއުލްގައި ދެން އޮތީ ށ. އަތޮޅެވެ. އެ އަތޮޅަށް ވަޑައިގަންނަވާނެ ދުވަހެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ރައީސް ޔާމީން 2018 ނަމުގައި ޕީޕީއެމުން މި ދަތުރުތައް ޕްރޮމޯޓްކުރަމުން އައި ނަމަވެސް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް ކުރައްވަނީ ކެމްޕޭން ދަތުރުފުޅުތަކެއް ނޫން ކަމަށެވެ. އެއީ، މި ސަރުކާރުން ރަށްތަކުގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސްގެ މި ދަތުރުފުޅުތަކަކީ އާދައިގެ މަތިން، ރަށްރަށުގައި ކުރިއަށް ގެންދާ އުމްރާނީ މަޝްރޫތަކުގެ ނިމުން ފާހަގަކުރެއްވުމާއި ރައްޔިތުންނާއި ކައުންސިލްތަކާ ބައްދަލުކުރެއްވުން. އެއީ، ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅެއް ނޫން،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ރަށްތަކުގައި ސަރުކާރުން ހިންގާފައިވާ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރާ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަކީ އެ ރަށްތަކުގެ ރައްޔިތުން އެދޭ އެދުމެކެވެ. އެހެންވެ ވަގުތު ދެއްވުނު މިންވަރަކުން ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ރަށްތަކަށް ދަތުރުފުޅުތައް ފެއްޓެވި އިރު، އެ މަނިކުފާނުގެ ފަރާތްޕުޅުން ކެބިނެޓުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ މާލޭގައި ދޮރުން ދޮރަށް ހިންގަވަމުންނެވެ. ޕީޕީއެމުގެ ކެންޑިޑޭޓެއްގެ ގޮތުގައި ވެރިކަމުގެ ދެ ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާއިރު، އިދިކޮޅުން ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅަ އެވެ.

ގުޅިފައިވާ ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރެ ރައީސް ޔާމީން ބަލިކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް އެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅަ އެވެ.