Roadha Mihaaru
ކަވާނީގެ ދެ ލަނޑުން، ރޮނާލްޑޯގެ ޕޯޗުގަލް ކަޓައިފި

ކަވާނީގެ ދެ ލަނޑުން، ރޮނާލްޑޯގެ ޕޯޗުގަލް ކަޓައިފި

01 ޖުލައި 2018

ސޯޗީ (ޖޫން 30) - އެޑިސަން ކަވާނީގެ ދެ ގޯލުން 2-1 އިން ޕޯޗުގަލް ބަލިކޮށް ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް އުރުގުއޭ މިރޭ ދަތުރުކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސޯޗީ (ޖޫން 30) - އެޑިސަން ކަވާނީގެ ދެ ގޯލުން 2-1 އިން ޕޯޗުގަލް ބަލިކޮށް ވޯލްޑް ކަޕް ކުއާޓާ ފައިނަލަށް އުރުގުއޭ މިރޭ ދަތުރުކޮށްފި އެވެ.

ކުއާޓާ ފައިނަލުގައި އުރުގުއޭ ކުޅޭނީ، ލިއޮނެލް މެސީގެ އާޖެންޓީނާ ބަލިކުރި ފްރާންސާ ދެކޮޅަށެވެ.

މިއީ އުރުގުއޭ އަތުން ޕޯޗުގަލް ބަލިވި ފުރަތަމަ ފަހަރެވެ. މިއީ ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން ވެސް މެ އެވެ. މި މެޗުން ލިބުނު މޮޅާ އެކު މިއީ 1930 ވަނަ އަހަރަށް ފަހު އުރުގުއޭ ޖެހިޖެހިގެން ވޯލްޑް ކަޕްގައި މޮޅުވި ފުރަތަމަ ފަހަރެވެ. އެ ފަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕް މުބާރާތް ކާމިޔާބުކުރީ އުރުގުއޭ އިންނެވެ.

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، މި ބައްޔާ އެކު، އެހެން ވޯލްޑް ކަޕެއްގައި ފެންނާނެކަމުގެ އުއްމީދު ކުޑަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މިއީ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕެވެ. އުމުރުން 33 އަހަރުގެ ރޮނާލްޑޯގެ ކެރިއަރުގައި ނުލިބި އޮތް ބޮޑު ހަމައެކަނި މުބާރާތަކީ ވޯލްޑް ކަޕެވެ. މި ފަހަރުގެ މުބާރާތުގައި އޭނާ ހަތަރު ލަނޑު ޖަހާފައިވެ އެވެ.

މިރޭގެ މެޗަކީ ޔޫރޯ އާއި ވޯލްޑް ކަޕްގައި ރޮނާލްޑޯ ޕޯޗުގަލަށް ކުޅުނު 38 ވަނަ މެޗެވެ. މިއާ އެކު އޭނާ ވަނީ އެ ދެ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅުނު ޔޫރަޕްގެ ކުޅުންތެރިޔާ ޖަރުމަނުގެ ކުރީގެ ތަރި ބަސްޓިއަން ޝްވައިންސްޓައިގާގެ ރެކޯޑާ ހަމަކޮށްފަ އެވެ.

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ހަމަލާ ފޮނުވާލީ ރޮނާލްޑޯ އެވެ. އޭނާ ޖެހި ޝޮޓް އަމާޒުވީ އުރުގުއޭގެ ގޯލްކީޕަރު ފެނާންޑޯ މުސްލޭރާ އަތަށެވެ.

އުރުގުއޭ އަށް ފުރަތަމަ ލީޑުނަގައިދިން ލަނޑު ކަވާނީ ޖެހީ މެޗުގެ ހަތް ވަނަ މިނިޓްގަ އެވެ. ލުއިސް ސުއަރޭޒް ނަގައިދިން ބޯޅައަކުން ކަވާނީ ބޮލުން ޖަހަން ފުއްމައިގެން އެރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ ކޮނޑުގައި ޖެހިފަ އެވެ. އެ ބޯޅަ އަށް ކަވާނީ އެރިއިރު ޕޯޗުގަލްގެ ޑިފެންޑަރުން ތިބީ އޮފްސައިޑަށް އަތް ނަގައިގެންނެވެ.

އުރުގުއޭ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން ސުއަރޭޒް ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ރުއީ ޕަޓްރީސިއޯ މަތަކުރީ އެވެ.

އުރުގުއޭގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލަން ޕޯޗުގަލް އިން ކުރަމުންދިޔަ މަސައްކަތަށް ފުރަތަމަ ހާފުގައި ކުރިއެރުމެއް ލިބޭ ގޮތެއްނުވި އެވެ. ހިލޭ ޖެހުމަކުން ރޮނާލްޑޯ ޖެހި ބޯޅައެއް ބްލޮކްވިއިރު، ކޯނަރުތަކުން ލިބޭ ބޯޅަތަކުގައި ވެސް ޕޯޗުގަލަށް ބޭނުމެއް ނުހިފުނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދިހަ މިނިޓް ތެރޭ ޕޯޗުގަލަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ޕެޕޭ އެވެ. އަރިމަތިން ރަފައެލް ގަރޭރޯ ނަގައިދިން ހުރަހަކުން ޕެޕޭ މި ލަނޑު ޖެހީ ބޮލުންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އުރުގުއޭ ކޮޅަށް ވަން ފުރަތަމަ ލަނޑެވެ. އަދި ގައުމީ ޓީމަށް ޕެޕޭ ކުޅުނު 99 މެޗުން ޖެހި ހަ ވަނަ ގޯލެވެ.

ޕޯޗުގަލަށް އެ ނަތީޖާގައި ހިފަހައްޓައިލެވުނީ ހަތް މިނިޓް ވަންދެނެވެ. މެޗުގެ 62 ވަނަ މިނިޓްގައި ކަވާނީ ޖެހި ހިތްގައިމު ގޯލުން އުރުގުއޭ އިން ވަނީ އަލުން ލީޑުނަގައިފަ އެވެ. އޭރިއާ ރޮނގުކައިރިން ކަވާނީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ދެ ވަނަ ފަހަރަށް ނަތީޖާ ހަަަމަހަމަ ކުރަން މެޗުގެ 69 ވަނަ މިނިޓްގައި ޕޯޗުގަލްގެ ބެނާޑޯ ސިލްވާ އަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާ އަށް ނުހިފުނެވެ. އުރުގުއޭގެ އޭރިއާ ތެރެއިން ކީޕަރު މުސްލޭރާ އަތުން ދޫވި ބޯޅަ ލިބުނީ ބެނާޑޯ ސިލްވާ އަށެވެ. އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ކަވާނީ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން މެޗުގެ 70 ވަނަ މިނިޓްގައި އޭނާ ދަނޑުން ފޭބި އެވެ.

ޕޯޗުގަލުން ފަހު ވަގުތުގައި އުރުގުއޭ ހާފު ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އިތުރު ލަނޑެއް ޖަހަން ނުޖެހުނެވެ. ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރުވެގެންނެވެ.

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގެ ހަތަރު ވަނަ ހޯދި އުރުގުއޭ 2014 ގެ މުބާރާތުގެ ދެ ވަނަ ބުރުން ކެޓީ އެވެ.