Roadha Mihaaru
ލަނޑު ޖެހިކަމަށް ހެދިގެން އުޅުމުން ރޮނާލްޑޯ ޖޯކަކަށް

ލަނޑު ޖެހިކަމަށް ހެދިގެން އުޅުމުން ރޮނާލްޑޯ ޖޯކަކަށް

29 ނޮވެމްބަރ 2022

ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ރޭ އުރުގުއޭ އަތުން 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ކޮން ކުޅުންތެރިޔެއް ކަމާ މެދު ސުވާލު އުފެދުނީ، މިޑްފީލްޑަރު ބްރުނޯ ފެނާންޑޭޒް، ގޯލް ކުރިމައްޗަށް ނެގި ހުރަހަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ހަރަކާތް ކުރުމުންނެވެ.

ވޯލްޑް ކަޕްގެ ގުރޫޕް އެޗްގައި ރޭ އުރުގުއޭ އަތުން 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ކޮން ކުޅުންތެރިޔެއް ކަމާ މެދު ސުވާލު އުފެދުނީ، މިޑްފީލްޑަރު ބްރުނޯ ފެނާންޑޭޒް، ގޯލް ކުރިމައްޗަށް ނެގި ހުރަހަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ހަރަކާތް ކުރުމުންނެވެ.

ހަގީގަތުގައި އެ ލަނޑު ޖެހީ ބްރުނޯ އެވެ. އެކަމަކު ލަނޑު ޖެހި ކަމަށް ހެދިގެން ރޮނާލްޑޯ ވަރަށް ބޮޑަށް އުފާފާޅު ކުރި އެވެ. އޭނާ އަށް ހީވީ އޭނާ އެ ލަނޑު ޖެހުނު ކަމަށެވެ. ތަކުރާރުކޮށް ވީޑިއޯ ރިޕްލައި ބެލުމުން ވެސް ރޮނާލްޑޯ ބޮލުގައި އެ ބޯޅަ ސީދާ ޖެހިފައެއް ނުވެ އެވެ. އޭނާގެ ބޮލާ މިލިމީޓަރެއްހައި ކައިރިން ބޯޅަ ދިއުމުން ބޯޅައިގެ އިހްސާސް ރޮނާލްޑޯ އަށް ކުރެވިދެނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ފީފާއިން ފުރަތަމަ ކަނޑައެޅީ ވޯލްޑް ކަޕުގައި ރޮނާލްޑޯ ޖެހި ގޯލްގެ އަދަދު ނުވަޔަކަށް އަރައިފި ކަމަށެވެ.

ރޮނާލްޑޯ އުފާފާޅު ކުރި ގޮތުން ގިނަ ފަރާތްތަކުން ވަނީ އޭނާ އަށް ފާޑު ކިޔުން އޮއްސާލާފަ އެވެ. އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް ނޫހުގެ ޗީފް ސްޕޯޓްސް ރައީޓާ އޮލިވާ ހޯލްޓް ޖެހީ މަޖާ ޖޯކެކެވެ.

"ރޮނާލްޑޯ ނުޖަހާ ލަނޑެއް އޭނާ ޖެހިކަމަށް ހަދައި އެ ލަނޑު އޭނާގެ ލަނޑަކަށް ހެދުމަށް ކެތްމަދުވެފައި ހުރުމުން އެއީ ވަރަށް މަޖާ ކަމެއް. އޭނާގެ ބޮލާއި ބޯޅައާ ދެ މެދުގައި ހުރި ޖާގަ އަށް ޑަބަލް ޑެކް ބަހެއް ވެސް ވެެއްދޭނެ،" ރޮނާލްޑޯ އަށް ޖޯކް ޖަހަމުން ހޯލްޓް ޓްވިޓާގައި ލިޔެފައި ވެއެވެ.

އެޑްވާޑް ކިޔާ މީހަކު ބުނެފައި ވަނީ އަކުރުން އަކުރަށް ބެލިޔަސް އެއީ ރޮނާލްޑޯގެ ގޯލެއް ނޫން ކަން ސާފުކޮށް އެނގޭ ކަމަށެވެ.

"ބްރޫނޯގެ ލަނޑަކަށް ރޮނާލްޑޯ އުފާފާޅު ކުރި ގޮތުން އެއް ވެސް ލަދެއް ނެތް،" އެޑްވާޑް ބުނެފައި ވެއެވެ.

ރޮނާލްޑޯގެ ނަމަށް ލަނޑު ލިސްޓް ކުރި، ފީފާއިން ވެސް ފަހުން ނިންމުން ބަދަލު ކުރި އެވެ.

"މި ގޯލާ މެދު ރަސްމީކޮށް ނިންމާފައި ވަނީ ބްރުނޯ ފެނާންޑޭޒް ޖެހި ގޯލެއްގެ ގޮތުގަ އެވެ،" ފީފާ ވޯލްޑް ކަޕް ޓްވިޓާ އެކައުންޓުން ފަހުން ޓްވީޓް ކޮށްފައިވެ އެވެ.

ބައެއް ފަރާތްތަކުން ގަބޫލު ކުރާގޮތުގައި ބްރުނޯ އެ ގޯލް ޖެހިއަސް ރޮނާލްޑޯގެ އެ ހަރަކާތާ ނުލައި އެ ބޯޅަ ގޯލްގެ ތެރެއަށް ނުވަންނާނެ އެވެ. އުރުގުއޭގެ ކީޕަރު ސާޖިއޯ ރޮޗޭ އަށް ބޯޅައިގެ ވާނުވާ އޮޅުނީ ރޮނާލްޑޯ ބޯޅަ އަށް ހަރަކާތް ކުރުމުން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ބްރޫނޯ ވެސް ބުނީ އޭނާ ހީކުރީ އެ ލަނޑު ޖެހީ ރޮނާލްޑޯ ކަމަށެވެ. އޭނާގެ ބޭނުމަކީ ރޮނާލްޑޯ އަށް އެ ބޯޅަ ހުރަސްކޮށް ދިނުން ކަމަށް ވެސް މެންޗެސްޓާ ޔުނައިޓެޑްގައި ރޮނާލްޑޯ އާއެކު ކުޅޭ މިޑްފީލްޑަރު ބުންޏެވެ.

"އަހަރެން ވެސް އުފާފާޅު ކުރީ ކްރިސްޓިއާނޯ ޖެހި ކަމަށް. އަހަރެން ވެސް ހީކުރީ އޭނާ ޖެހި ގޯލެއް ކަމަށް. އަހަރެންގެ އަޒުމަކަށްވީ ވެސް އޭނާ އަށް އެ ބޯޅަ ހުރަސްކޮށް ދިނުން،" ބްރުނޯ ބުންޏެވެ.

"އެންމެ މުހިންމު ކަމަކީ އަހަރެމެންނަށް ދެވަނަ ބުރަށް ދެވުން. އަދި ވަރަށް ވަރުގަދަ ޓީމަކާ ދެކޮޅަށް މޮޅުވުން."

މެޗަށް ފަހު ވެސް ރޮނާލްޑޯ ވަނީ އެ ބޯޅަ އޭނާގެ ބޮލުގައި ޖެހުނު ކަމަށް ބުނެ މައްސަލަ ޖައްސައިފަ އެވެ.