Roadha Mihaaru
ތެލުގެ އެކްސްޕޯޓަށް އެމެރިކާއިން އަޅާ ހުރަސްތައް ހުއްޓުވާނަން: އީރާން

ތެލުގެ އެކްސްޕޯޓަށް އެމެރިކާ އިން އަޅާ ހުރަސްތައް ހުއްޓުވާނަން: އީރާން

02 ޖުލައި 2018

ތެހެރާން (ޖުލައި 2) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ އިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް ތެހެރާނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ޖުލައި 2) - އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވަން އެމެރިކާ އިން ކުރަމުންދާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް ތެހެރާނުން ބުނެފި އެވެ.

އީރާނުގެ ނައިބް ރައީސް އިޝާގު ޖަހަންގީރީ ވަނީ ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގައި އީރާނުގެ މަގާމު ސައުދީ އަރަބިއާ އަށް ނުހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އީރާނުގެ ތެލުގެ އެކްސްޕޯޓަށް އެމެރިކާ އިން ކުރިމަތި ކުރާ ހުރަސްތައް ހުއްޓުވާނަން. އީރާނުގެ ސަރުކާރުގައި ވެސް ޕްލޭނެއް އެބައޮތް. ﷲ އިރާދަކުރެއްވިއްޔާ އީރާނުން ބޭނުންވާ ވަރަށް ތެޔޮ ވިއްކޭނެ ކަމުގެ އުއްމީދު ބޮޑު،" ރަސްމީ ޓީވީން ދުރަށް ދެއްކި އިގްތިސާދީ އިވެންޓެއްގައި ޖަހަންގީރީ ވިދާޅުވި އެވެ.

އެމެރިކާ އިން ދަނީ މި އަހަރުގެ ނޮވެމްބަރު 4 ވަނަ ދުވަހުގެ ފަހުން އީރާނާ އެކު ތެލުގެ ވިޔަފާރި ކުރާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާ އިން އެންމެ ބޮޑަށް ޓާގެޓްކޮށްފައިވާ ގައުމަކީ އިންޑިއާ އެވެ. ޗައިނާ އަށް ފަހު އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމަކީ އިންޑިއާ އެވެ.

އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށް ފަހު މާކެޓުން މަދުވާ ބައި އިތުރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ވަނީ ސައުދީ ރަސްގެފާން ސަލްމާންގެ އަރިހުން އެދިވަޑައިގެންފަ އެވެ. ޓްރަމްޕް އެދިވަޑައިގެންނެވި ގޮތަށް ސައުދީން މިހާރު ވަނީ ދުވާލަކު ދެ މިލިއަން ފީފާ ތެޔޮ އިތުރަށް އުފައްދަން އެއްބަސްވެފަ އެވެ.

ޖަހަންގީރީ ވިދާޅުވީ އެމެރިކާ އިން މަސައްކަތް ކުރަނީ އީރާނުގެ ކޯޓާ ދަށްކޮށްފި ނަމަ ތެލުގެ މާކެޓަށް ބަދަލެއް އަޔަނުދިނުމަށް ކަމަށެވެ. އަދި ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ސައުދީ އަރަބިއާގެ ކިބައިން އެމެރިކާ އާދޭސް ކުރީ އެ ބޭނުމުގައި ކަމަށް ވެސް ޖަހަންގީރީ ވިދާޅުވި އެވެ.

"އެ މަގްސަދުގައި އީރާނަށް ގެއްލުންދޭ މަސައްކަތް ކުރާ ކޮންމެ ގައުމަކުން އެ ދަނީ އީރާނަށް ވަރަށް ބޮޑަށް ޣައްދާރުވަމުން. އެ ޣައްދާރުވުމުގެ އަގު ކޮންމެވެސް ދުވަހަކުން އަދާކުރަން ޖެހޭނެ،" ޖަހަންގީރީ ވިދާޅުވި އެވެ.

ރަޝިޔާ އަށް ފަހު އެންމެ ބޮޑު ގޭހުގެ ރިޒާވް ވަނީ އީރާނުގަ އެވެ. އަދި ހަތަރު ވަނަ އަށް އެންމެ ބޮޑު ތެޔޮ ސަޕްލަޔަރަކީ ވެސް އީރާނެވެ.