Roadha Mihaaru
މަޖިލީހުގެ އަމީންއާންމުގެ މަގާމަށް ނިއުޝާ އައްޔަންކުރަނީ

މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ނިއުޝާ އައްޔަން ކުރަނީ

09 ޖުލައި 2018

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތި ލެއްވި، އަމީން އާންމުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ފާތިމަތު ނިއުޝާ އަށް ރުހުން ދޭން ފެނޭތޯ މިއަދު ވޯޓަށް އެހުމަށް ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ކުރިމަތި ލެއްވި، އަމީން އާންމުގެ ނައިބުގެ މަގާމުގައި މިހާރު ހުންނެވި ފާތިމަތު ނިއުޝާ އަށް ރުހުން ދޭން ފެނޭތޯ މިއަދު ވޯޓަށް އެހުމަށް ނިންމައިފި އެވެ.

މަޖިލީހުގެ އަމީން އާންމުގެ މަގާމުގައި ހުންނެވި އަހުމަދު މުހައްމަދު މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ވެސް ނިއުޝާ އެވެ.

މަޖިލީހުގެ ޖަލްސާގައި ރައީސް އަބްދުﷲ މަސީހް މުހައްމަދު ވިދާޅުވީ އަމީން އާންމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމާ ގުޅިގެން އެކަމަށް ކުރިމަތިލެއްވީ ނިއުޝާ އެކަނި ކަމަށެވެ. އަދި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންގެ ކޮމިޓީއަކުން ނިއުޝާއާ އިންޓަވިއު ކުރި އިރު، އޭނާ އަކީ މަގާމަށް އެކަށީގެންވާ ބޭފުޅެއްގެ ގޮތުގައި މެމްބަރުން ނިންމަވާފައިވާ ކަމަށް ވެސް މަސީހް ވިދާޅުވި އެވެ.

ނިއުޝާ އެ މަގާމަށް އައްޔަން ކުރަން ފެނޭތޯ ބެލުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ފަހު 1:30ގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އަމީން އާންމު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލާ ބޭފުޅުންގެ ނަންތައް މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅައި، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.

ނިއުޝާއަކީ 2012 އިން ފެށިގެން ހުންނެވީ އަމީން އާންމުގެ ނައިބުގެ މަގާމުގަ އެވެ. އޭގެ ކުރިން، މަޖިލީހުގެ ލީގަލް ކައުންސިލްގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.

އަމީން އާންމަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު، 55،000ރ. ލިބިވަޑައިގަންނަވާނެ އެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެކަމަކު، ތިން ގަޑިއިރުގެ ފުރުސަތަކަށް ބަހުސް ކުރަން ރިއާސަތުން ހުޅުވައިލުމާ ގުޅިގެން އެއްވެސް މެމްބަރަކު ބިލަށް ބަހުސް ކުރާކަށް ބޭނުމެއް ނުވި އެވެ. އެހެންވެ، ވޯޓު ގަޑީގައި މި ބިލު ބަލައިގަތުމަށް ފެނޭތޯ ވޯޓަށް އެހުމަށް ވަނީ ނިންމައިފަ އެވެ.

އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ނިންމި އިރު، ދާދި ފަހުން ވަނީ އަމީން އާންމުގެ އެހީތެރިޔާގެ މަގާމަށާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ވެސް ދެ ބޭފުޅަކު އައްޔަން ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުން، ޖަލްސާ ނުފެށި ބައި ގަޑިއިރަށް ވުރެ ގިނަ އިރުވުމާ ގުޅިގެން ޖަލްސާ ފެށުން ފަސް ކުރުމަށް ފަހު، މިއަދުގެ ޖަލްސާ ފެށީ ދެ ގަޑިއިރު ފަހުންނެވެ.

ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ ފަންސަވީސް ޕަސެންޓެވެ. މިހާރުގެ މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު ގާނޫނުއަސާސީގައި އެ ބުނާ އަދަދަކީ 21 މެމްބަރުންނެވެ. ޖަލްސާ ނުފެށި ލަސްވީ އެ އަދަދަށް މެމްބަރުން ތަޅުމުގައި ނެތުމުންނެވެ.