Roadha Mihaaru
ޕީއެސްއެމްގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގެންފި

ޕީއެސްއެމްގެ ބޯޑު އެކުލަވާލުމުގެ ބާރު ރައީސަށް ލިބޭ އިސްލާހު މަޖިލީހަށް ބަލައިގެންފި

10 ޖުލައި 2018

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގަވަނިން ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިކޮށް، ބޯޑަށް އާ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ގަވަނިން ބޯޑުގައި މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިކޮށް، ބޯޑަށް އާ މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

މަޖިލީހުގެ ޖަލްސާގައި މި ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންގެ އިއްތިފާގުންނެވެ. ބިލު މަޖިލީހަށް ބަލައިގަތުމާ އެކު، ރިއާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދު ވަނީ ބިލު ދިރާސާ ކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުއްވައިފަ އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ބިލުގައި ވަނީ ޕީއެސްއެމް ބޯޑުގެ މެމްބަރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށްފަ އެވެ. އަދި މެމްބަރުން އައްޔަންކުރަން ބޭނުންވާ ނަންތަކެއް ރައީސް، ޕްރައިވަޓައިޒޭޝަން ބޯޑަށް ހުށަހަޅުއްވާތާ 10 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން ބޯޑުން ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލަން ވާނެ ކަމަށް ވެސް އޭގައިވެ އެވެ.

ބޯޑުގައި ތިއްބަވާނީ ޗެއާމަނަކާއި މެނޭޖިން ޑިރެކްޓަރަކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މަޖިލިހުންނެވެ. މަޖިލިހަށް ނަންތައް ފޮނުއްވާނީ ރައީސެވެ. މިހާރުގެ ބިލްގައި އޮތީ ދައުލަތުގެ މީޑިއާ ހިންގާ ބޯޑަށް މެމްބަރުން އައްޔަންކުރުމުގެ ބާރު މަޖިލިހުން ނެގުމަށް ފަހު ހަމައެކަނި ރައީސަށް ދީފަ އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު ބުނާ ގޮތުން ދައުލަތުން ހަރަދުކުރާ އެ މީޑިއާ ހިންގަން ވާނީ ނުފޫޒުން އެއްކިބާވެ އޮވެ، ހަމަހަމަ ކަންމަތީގަ އެވެ. އެކަމަކު ޕީއެސްއެމްގެ ޗެނަލްތަކުން އިދިކޮޅު ހަރަކާތުގެ ހަބަރުތައް ގެނެސްނުދޭތީ ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ.

މީގެއިތުރުން، ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހަޅުއްވާފައިވާ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރަން ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ. މި ބިލު ވެސް ބަލައިގަތީ 32 މެމްބަރުންގެ އިއްތިފާގުންނެވެ.