Roadha Mihaaru
ޕީއެސްއެމުން އެންމެ ރެއަކަށް 83،000ޑޮލަރު ބޭކާރު!

ނަތީޖާ އާންމުކުރަން އެކަނި ގެނައި ސެޓަކަށް ޕީއެސްއެމުން 83،000 ޑޮލަރު ބޭކާރުކޮށްފި!

21 ފެބުރުއަރީ 2019

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) އިން 83،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަށް ރާއްޖެ އިން ބޭރުން ކުއްޔަށް ގެނައި ވާޗުއަލް ސެޓުގެ ބޭނުން ނުހިފި، ދައުލަތުގެ ފައިސާ އިން ބޭކާރު ޚަރަދެއް ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) އިން 83،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) އަށް ރާއްޖެ އިން ބޭރުން ކުއްޔަށް ގެނައި ވާޗުއަލް ސެޓުގެ ބޭނުން ނުހިފި، ދައުލަތުގެ ފައިސާ އިން ބޭކާރު ޚަރަދެއް ކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 24 ގަޑިއިރު ކެމްޕޭން ކޮށްދިނުމުގެ ސިޔާސަތެއް ގެންގުޅުނު ދައުލަތުގެ މީޑިއާ އިން، އެ ސެޓު (އޮގްމެންޓެޑް ރިއަލިޓީ) ކުއްޔަށް ހިފީ މެލޭޝިއާގެ ބައެއްގެ އަތުންނެވެ. އެނގިފައިވާ ގޮތުގައި، އެންމެ ރެއަކު ބޭނުން ކޮށްލަން 83،000 ޑޮލަރަށް ޕީއެސްއެމުން އެ ސެޓު ކުއްޔަށް ހިފިއިރު، އެ އަގުގައި އާ ސެޓެއް ގަންނަން ލިބެ އެވެ.

މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އަގު ބޮޑުކޮށް ކުއްޔަށް ނަގާ ނަމަ ވެސް އެންމެ ދުވަހަކު ބޭނުންކޮށްލަން އެފަދަ ސެޓެއް 50،000 ޑޮލަރަށް ލިބޭނެ ކަމަށެވެ.

އިންތިޚާބުތަކުގެ ނަތީޖާ ޓީވީއެމުން އާއްމުކޮށް ބެލުންތެރިންނަށް ކިޔައިދެނީ ކުރިމަތީގައި ހުންނަ ޓީވީ ސްކްރީނަށް ބަލައިގެންނެވެ. އެކަމަކު، އޮގްމެންޓެޑް ރިއަލީ ޕީއެސްއަމަށް ގެނައީ، ޕްރެޒެންޓަރުގެ ފަހަތުން ނަތީޖާ ބާތައް އަރާ ގޮތް ދެއްކުމަށެވެ.

ބޮޑު ހޭދައެއްކޮށްގެން ރިޔާސީ އިންތިޚާބަށް ޕީއެސްއެމުން ގެނައި ވާޗުއަލް ސެޓް ވަކި ހިސާބަކުން ބޭނުން ނުކުރެވުނު ކަން، މި ސަރުކާރުން އެތަނަށް އައްޔަން ކޮށްފައިވާ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ކަށަވަރު ކޮށްދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސެޓުގެ ހަގީގީ ބޭނުން ނުހިފުނީ މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެންނެވެ. އެންމެ ރެއަކަށް ޕީއެސްއެމުން ކުރީ ބޮޑު ޚަރަދެއް ކަމަށް އަލީ ވެސް ވިދާޅުވި އެވެ.

"ބޮޑު ޚަރަދެއް ކުރީ، އެކަމަކު އޭގެ ފުރިހަމަ ބޭނުމެއް ވެސް ނުކުރެވުނު،" އަލީ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީއެސްއެމުން މަސައްކަތް ކުރީ ޔާމީންގެ ސަރުކާރާއި ޕީޕީއެމްގެ ޕްރޮޕެގަންޑާ ފަތުރައި އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭށެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަން ފުރުސަތު ނުދީ، ހުރިހާ ވަގުތެއް ޔާމީންގެ ކެމްޕޭނަށް ހުސްކުރިއިރު، ޕީއެސްއެމްގެ ބޯޑުގެ ބައެއް މެމްބަރުން ޔާމީންގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ވެސް ބައިވެރިވެވަޑައިގަތެވެ.

ކުރީގެ ސަރުކާރުގައި ޕީއެސްއެމުން ވަނީ ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ވެސް ކޮށްފަ އެވެ. އެގޮތުން ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިބްރާހިމް ޚަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުހައްމަދު އިކްރާމް ތިއްބަވަން، ޓީވީއެމް އިމާރާތުގައި ޚާއްސަ އޮފީސް ބައެއް ހަދަން ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހޭދަކޮށްފައިވެ އެވެ. އޭގެއިތުރުން، ޕީޕީއެމްގެ އެކި ހަރަކާތްތައް ގެނެސް ދޭން ވެސް ޕީއެސްއެމުން 3.1 މިލިއަން ރުފިޔާގެ ވަގުތު ހިލޭ ދީފައިވެ އެވެ.

ޕީއެސްއެމްގެ ދައުރު އަދާކުރުމުގައި ހިޔާނާތަށް މަގުފަހިވާ ކަންކަން ހިނގާފައި ހުރި ކަމަށް ތުހުމަތު ކުރާތީ، އެތަނާ ހަވާލުވެވަޑައިގެން އަލީ އިސްވެ ހުންނަވައި ވަނީ ޚަރަދުތަކާ ގުޅޭ އޮޑިޓެއް ހަދައިފަ އެވެ. އެއިން ފާހަގަވި މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަން ބަދަލުވި މަރުހަލާގައި އެކުލަވާލި އިންތިގާލީ ކޮމެޓީގެ ހޯދުންތަކުން އެނގުނު ގޮތުގައި ޕީއެސްއެމަށް ދައުލަތުގެ ބަޖެޓުން އަހަރަކު ދޭ 140 މިލިއަން ހޭދަކޮށްފައި ވަނީ މެނޭޖްކުރުމެއް ނެތި އެވެ. ބޭކާރު ޚަރަދުތައް ގިނަވީ، ޕަބްލިކް ސާވިސް މީޑިއާ އަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ މެންޑޭޓުގެ އިތުރުން، ބައެއް ކަންކަން ކުރަން އުޅުމުން ކަމަށާއި ފަހުން ފައިސާ ލިބޭނެ ކަމަށް ބަލައިގެން ވެސް ބައެއް ޚަރަދުތައް ކޮށްފައިވާ ކަމަށް ކޮމެޓީން ބުނެފައިވެ އެވެ.