Roadha Mihaaru
ލަންކާއަށް ދިޔަ ދިވެހިންގެ އަދަދު ދަށަށް

ލަންކާއަށް ދިޔަ ދިވެހިންގެ އަދަދު 2.8 ޕަސެންޓް ދަށްވެއްޖެ

12 ޖުލައި 2018

މިއަހަރު ފުރަތަމަ ހަ މަސްދުވަހު ސްރީ ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު 2.8 ޕަސެންޓް ދަށްވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މިއަހަރު ފުރަތަމަ ހަ މަސްދުވަހު ސްރީ ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު 2.8 ޕަސެންޓް ދަށްވެއްޖެ އެވެ.

ލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެ ގައުމަށް 33،490 ދަތުރުކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުކޮށްފައި ވަނީ 34،439 ދިވެހިންނެވެ.

މިދިޔަ ހަ މަސްދުވަހުގެ ތެރޭގައި ދިވެހިން އެންމެ ގިނައިން ލަންކާއަށް ދަތުރުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ. އެ މަހު 7،239 ދިވެހިން ދަތުރުކޮށްފައިވެ އެވެ.

ތަފާސްހިސާބު ދައްކާ ގޮތުން ލަންކާއަށް ހަތް ވަނަ އަށް އެންމެ ގިނައިން ދަތުރުކުރަނީ ދިވެހިންނެވެ. އަދި އޭގެ ފަހުން އެންމެ ގިނައިން މީހުން ދަނީ އެމެރިކާ، ކެނެޑާ އަދި ފްރާންސުންނެވެ. އެއީ އެ ގައުމުގެ ޓޫރިޒަމް މާކެޓްގެ ހަތަރު ޕަސެންޓެވެ.

ލަންކާގެ ޓޫރިޒަމާ ބެހޭ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ ގައުމަށް އެންމެ ގިނައިން ދަތުރުކުރަނީ އިންޑިއާ މީހުންނެވެ. މިދިޔަ ޖޫން މަހު އެކަނިވެސް އިންޑިއާއިން ލަންކާއަށް 32،971 މީހުން ދަތުރުކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 18.4 ޕަސެންޓްގެ ކުރިއެރުމެކެވެ.

އަވަށްޓެރި ލަންކާއަކީ ބޭސްފަރުވާއަށާއި ވިޔަފާރިކުރުމަށާއި އެނޫން ވެސް އެކި ބޭނުންތަކުގައި ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމެވެ. ރާއްޖޭގެ އެއްވެސް އެއާލައިނެއް ލަންކާއަށް ދަތުރު ނުކުރި ނަމަވެސް އެ ގައުމުގެ ގައުމީ އެއާލައިނުން ދުވާލަކު ހަތަރު ދަތުރު ރާއްޖެއަށް ކުރެ އެވެ.