Roadha Mihaaru
ބިން ވިއްކުމުގައި ބެހެނިވެރިންނަށް އިސްކަން ދޭން ފަށަނީ

ދައުލަތަށް ލިބޭ ބިން ވިއްކުމުގައި، އެ ބިމުގެ ބެހެނިވެރިންނަށް އިސްކަން ދޭންޖެހޭ ގޮތަށް ހަދައިފި

15 ޖުލައި 2018

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބޭ ބިންތައް ވިއްކުމުގައި އެ ބިމެއްގެ ބެހެނިވެރިންނާއި ވާރިސުންނަށް އިސްކަން ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން ދައުލަތަށް ލިބޭ ބިންތައް ވިއްކުމުގައި އެ ބިމެއްގެ ބެހެނިވެރިންނާއި ވާރިސުންނަށް އިސްކަން ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ސަރުކާރުން ފްލެޓް ދެނީ ވަކި މިންވަރަކަށް ވުރެ ކުދި ބިންތައް ހުންނަ ފަރާތްތަކުން، އެ ފަރާތެއްގެ ބިން ދައުލަތަށް ދޫކޮށްލަން އެއްބަސްވުމުންނެވެ.

އެ ގޮތަށް، ދައުލަތަށް ލިބޭ ބިންތައް ވިއްކުމާ ގުޅޭ އުސޫލެއް ކުރިން އެކުލަވާލާފައި އޮންނައިރު، އެ އުސޫލު އޭރު އޮތްގޮތުން އެފަދަ ބިންތައް ވިއްކުމުގައި އެންމެ އިސްކަން ދޭނީ ވިއްކާ ބިމަކާ ޖެހިގެން އޮންނަ ބިމެއްގެ ބެހެނިވެރިންނަށެވެ. އަދި ވިއްކަން އިއުލާން ކޮށްފައިވާ ބިމުގެ ބެހެނިވެރިންނަށް އިސްކަން ދެވެނީ އޭރު އުސޫލު އޮތްގޮތުން ދެވަނައަށެވެ.

އެކަމަކު، އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން، އެ ފަދަ ބިންތައް ވިއްކުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ ވިއްކަން އިއުލާން ކުރާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިން ނުވަތަ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމަށް ފަހު، އެންމެ ހައްގު ފަރާތަކަށެވެ. އަދި ޖެހިގެން އޮންނަ ބިމެއްގެ ބެހެނިވެރިންނަށް އިސްކަން ދެވޭނީ އޭގެ ފަހުން ކަމަށް އާ އިސްލާހުގައި ވެ އެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވި ބިންތައް ވިއްކަން ދެ ފަހަރެއްގެ މަތިން ހައުސިން މިނިސްޓްރީން ކުރިން އިއުލާން ކުރި އެވެ. އޭގެ ތެރޭގައި މާލޭގެ ހަތަރު އަވަށުގެ ބިންތައް ވެސް ހިމެނެ އެވެ.