Roadha Mihaaru
1000 މީހުންނަށް ހައްޖަށް ނުދެވިދާނެކަމުގެ ބިރު އުފެދިއްޖެ

1000 މީހުންނަށް ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު އުފެދިއްޖެ

01 އޯގަސްޓް 2016

ސައޫދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެ އަށް މި އަހަރަށް ދިން 2000 މީހުންގެ ކޯޓާގެ ތެރެއިން 1،000 ކޯޓާ ލިބޭނެ ކަމާ މެދު ސުވާލު އުފެދި، އެ ކޯޓާތަކުން ހައްޖަށް ދެވިދާނެ ކަމާ ދޭތެރޭ ބިރު ހީވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސައޫދީ އަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެ އަށް މި އަހަރަށް ދިން 2000 މީހުންގެ ކޯޓާގެ ތެރެއިން 1،000 ކޯޓާ ލިބޭނެ ކަމާ މެދު ސުވާލު އުފެދި، އެ ކޯޓާތަކުން ހައްޖަށް ދެވިދާނެ ކަމާ ދޭތެރޭ ބިރު ހީވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސައޫދީން ދޭން ބުނި 2000 ޖާގައިގެ ތެރެއިން 1000 ޖާގަ މިހާތަނަށް ވެސް ހަމަ ނުޖެހޭތީ، މަޖިލީހުގެ ބައެއް މެމްބަރުންނަށް މިނިސްޓްރީން ދީފައިވާ ބައެއް ޖާގަތައް ކެންސަލް ކުރުމަށް އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ބައެއް މެމްބަރުންނަށް އަންގަމުންނެވެ.

ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ތިން އަހަރު ވެއްޖެ އެވެ.

މެއި، 4، 2016 ގައި ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީން ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ރާއްޖެ އަށް 2،000 ކޯޓާ ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ ސިޓީ ބާތިލް ކޮށްފައިވާ ކަން ސައޫދީ އެމްބަސީން ދިވެހި ސަރުކާރަށް ފޮނުވި ސިޓީއެއްގައި ވަނީ އަންގައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މެދުވެރިކޮށް ހައްޖު ކޯޕަރޭޝަންގެ ކޯޓާ ޔަގީންވާނެ ކަމުގެ އުއްމީދުގައި ތިބި މީހުންނަށް ވެސް އަދި ކޯޓާ ހަމައެއް ނުޖެހެ އެވެ. ބައެއް މީހުން ގެންދަނީ އެ ޝަކުވާ އުފުލަމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިދިޔަ އަހަރު ހައްޖަށް ދިޔަ ބަޔަކު. - ފޮޓޯ: ހައްޖު ކޯޕަރޭޝަން

ސައޫދީ ސަރުކާރުން ހުއްދަ ދޭ އަދަދު ކަށަވަރުވުމުން، ރާއްޖެ އިން ހައްޖަށް ދާ މީހުންގެ މައުލޫމާތު ސައޫދީ ހައްޖު ޑޭޓާ ބޭސް އަށް އަޅަން ކޮންމެ އަހަރަކު ވެސް ޔޫޒާ ނޭމަކާއި ޕާސްވޯޑެއް ދެ އެވެ. އެ ޑޭޓާ ބޭސް އަށް މައުލޫމާތު އެޅޭނީ، އެ ގައުމަކަށް ހުއްދަ ދީފައިވާ އަދަދަކަށެވެ.

އެނގިފައިވާ ގޮތުގައި މި އަހަރު ރާއްޖެ އަށް ސައޫދީ ހައްޖު ޑޭޓާ ބޭސްގެ ލޮގިން ދީފައިވާ އިރު، ރާއްޖޭގެ ހައްޖުވެރިންގެ އަދަދެއް ކަމުގައި ސައޫދީ ސަރުކާރުން މިހާތަނަށް ކަނޑައަޅާފައިވަނީ 1،000 މީހުންނެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ ފަސް ކުންފުންޏަކަށް ދީފައިވާއިރު، މިހާރު ހުއްދަ ދީފައިވާ އަދަދު ބަހާލުމުން ކޮންމެ ކުންފުންޏަކަށް ލިބޭނީ 80 (ފަސް ކުންފުންޏަށް ޖުމްލަ 400) ޖާގަ އެވެ. ހައްޖު ކޯޕަރޭޝަނަށް ލިބެނީ 600 މީހުންގެ ޖާގަ އެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަމިއްލަ ކޮންމެ ކުންފުންޏަކުން 200 މީހުން އަދި ހައްޖު ކޯޕަރޭޝަނުން 1000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފަ އެވެ.

ރާއްޖެ އިން މި އަހަރު ހުއްދަ ދޫކުރި ބައެއް ކުންފުނިތަކުން ބުނީ ހައްޖު ޖާގަތަކުގައި އެއްވެސް މައްސަލައެއް އުޅޭ ކަމެއް މިނިސްޓްރީން މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. ހައްޖަށް ދާ މީހުންގެ މައުލޫމާތު ސައުދީގެ ޑޭޓާ ބޭސް އަށް އަޅަން ޔޫޒާ ނޭމާއި ޕާސްވޯޑް ލިބިފައި ވިޔަސް، މިހާތަނަށް އެ ޑޭޓާބޭސް އަށް އެއްވެސް މައުލޫމާތެއް ނާޅާ ކަމަށް ބައެއް ކުންފުނިތަކުން ބުންޏެވެ.

ކުންފުނިތަކުން އެހެން ބުނި ކަމުގައި ވިޔަސް، ހައްޖު ވިސާ ޖަހައިދޭ ޓީމު ރާއްޖެ އައިސް ހައްޖުވެރިންގެ ޕާސްޕޯޓްތަކުގައި ވިސާ ޖަހައިދޭނީ، އެ ޑޭޓާބޭސް އަށް އަޅާފައިވާ މައުލޫމާތުތަކަށް ބިނާކޮށް އެ ޑޭޓާބޭސްގައި ހުރި މީހުންނަށެވެ.

ކޯޓާގެ މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެ އަށް ރަސްމީކޮށް ދީފައިވާ 1000 މީހުންގެ ކޯޓާގެ އިތުރުން، ސައޫދީ ރަސްގެފާނު ވަނީ ރާއްޖެ އަށް އިތުރު 1000 މީހުންގެ ކޯޓާ ހަމަޖައްސަވައިދެއްވާފައި ކަމަށެވެ. އަދި ރަސްގެފާނުގެ އެ ނިންމެވުމަށް ބިނާކޮށް، ރާއްޖޭގެ ހަ ކުންފުންޏަކަށް 2000 މީހުންގެ ޖާގަ އެ މިނިސްޓްރީން މިހާރު ބަހާފައިވާ ކަމަށެވެ. އަދި އެ ހަ ކުންފުނިން މިހާރު ވަނީ ހައްޖުވެރިން ބޭތިއްބުމަށް ސައޫދީން ހޮޓަލާއި އަރަފާތާއި މިނާ އިން ވެސް ޖާގަ ކުއްޔަށް ހިފާފައި ކަމަށާއި ހައްޖުވެރިން ދަތުރުކުރުމަށްޓަކައި އެއާލައިންތަކާ އެކު އެއްބަސްވުން ގާއިމުކޮށް ޓިކެޓްގެ އަގުގެ ބައެއް ވެސް އަދާކޮށްފައިވާ ކަމަށް ވެސް އެ ސިޓީގައި މިނިސްޓްރީން ބުނެފައިވާ ކަމަށް ވެ އެވެ.

ނަމަވެސް އެ 2000 ކޯޓާގެ ތެރެއިން 1000 ކޯޓާ ކެންސަލް ކުރި ކަން އަންގައި، ޖުލައި 12، 2016 ގައި ސައޫދީ ސަރުކާރުން ރާއްޖޭގެ އިސްލާމިކް އެފެއާޒް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ސައުދީ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދިި މައްސަލަ ހައްލުކޮށްދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރު ސޮއިކުރައްވައި ސައޫދީގެ ހައްޖާ ބެހޭ ވަޒީރު ޑރ. މުހައްމަދު ސާލިހް ބްނު ޠާހިރަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

އެ ސިޓީ ފޮނުވިތާ މިއަދަށް 12 ދުވަސްވީ އިރު ވެސް، އެ މައްސަލަ މިހާތަނަށް ހައްލު ނުވާ ކަން އެނގިފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޒިޔާދު ބާގިރު ފޯނު ނުނަންގަވާތީ މި ސިޓީއާ ގުޅޭ ގޮތުން އޭނާގެ ބަހެއް ނުލިބުނެވެ. މިނިސްޓްރީގެ މީޑިއާ ސެކްޝަނުން ބުނީ ހަބަރަށް ބޭނުންވާ މައުލޫމާތު އެ މިނިސްޓްރީން ދޭނީ ސުވާލުތައް ލިއުމުން ފޮޮނުވުމުން ކަމަށެވެ.

ސުވާލުތައް ލިޔުމުން ފޮނުވުމުން މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން "މިހާރު" އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ "ހައްޖާއި އުމްރާ އަދި ހައްޖު ކޯޕަރޭޝަންގެ މަަސައްކަތްތަކާ ގުޅޭ ގޮތުން މި ވަގުތު ވަކިވަކި މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމުގެ ވިސްނުމެއް ނުގެންގުޅޭ" ކަމަށެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން މި މަހުގެ 15 އިން ފެށިގެން ފުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.