Roadha Mihaaru
"ޒިންމާ އަދާކުރި ނަމަ ފާރިސް ބަންދަކު ނުހުންނާނެ"

މުއައްސަސާތަކުން ޒިންމާ އަދާ ކުރި ނަމަ ފާރިސް ބަންދުގައި ހުންނާކަށް ނުޖެހުނީސް: ވަކީލުން

18 ޖުލައި 2018

ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އަދާ ކުރި ނަމަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަން ނުޖެހުނީސް ކަމަށް ފާރިސްގެ ވަކީލުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ މުއައްސަސާތަކުން ޒިންމާ އަދާ ކުރި ނަމަ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަން ނުޖެހުނީސް ކަމަށް ފާރިސްގެ ވަކީލުން މިއަދު ބުނެފި އެވެ.

ފާރިސް ބަންދުގައި ބަހައްޓާފައި ހުންނަތާ އެއް އަހަރު ފުރުމާ ގުޅިގެން ފާރިސްގެ ވަކީލުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސް މިދިޔަ އަހަރުުގެ ޖުލައި މަހު ހައްޔަރުކުރި ފަހުން މިހާތަނަށް އެކި މުއައްސަސާތަކަށް އެކި ފަހަރު މަތިން ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެ ޝަކުވާތަކަށް އެއްވެސް މުއައްސަސާއަކުން އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށާއި މުއައްސަސާތަކުން ޒިންމާ އަދާ ކުރި ނަމަ، ފާރިސް ބަންދުގައި ހުންނަން ނުޖެހުނީސް ކަމަށް ޝަމީލް ވިދާޅުވި އެވެ.

"ދައުލަތުގެ އެކި މުއައްސަސާތަކުގައި ދައުލަތުގެ އެކި ވަޒީފާތަކުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވުން ފިޔަވައި، ގާނޫނު ނެގެހެއްޓުމަށް ގާނޫނުތަކުން އެ ބޭފުޅުންނަށް މަތި ކުރެވިފައިވާ އެއްވެސް ޒިންމާއެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު އަދާ ނުކުރައްވާތީ މިހާތަނަށް އަހުމަދު ފާރިސް މައުމޫން ބަންދުގައި އެ ހުންނަވަނީ،" ޝަމީލް ވިދާޅުވި އެވެ.

ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ފާރިސްއާ މެދު އަމަލު ކުރީ ތަފާތު ގޮތަކަށް ކަމަށާއި ގާނޫނީ ހަމައެއް ނެތި އެފަދަ ގޮތަކަށް ތަފާތު ކުރުމަކީ ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމުގައި ބެލެވޭ ކަމަށެވެ. އަދި ފާރިސްގެ މައްޗަށް ކުރާ ތުހުމަތުތަކާ ގުޅޭ އެކަށީގެންވާ ތަހުގީގުތަކެއް ކުރި ނަމަ އެ ކަންކަމުގެ ހަގީގަތް ހޯދުނީސް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ރިޝްވަތުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ފާރިސް ހައްޔަރު ކުރިޔަސް، އޭނާ ރިޝްވަތު ދީފައި ނުވާ ކަން ދައުލަތުން ހުށަހެޅި ހެކިވެރިޔާގެ ބަހުން މިހާރު ހާމަވެފައިވާއިރު އެކަންކަމާ މެދު ޒިންމާވާނެ ފަރާތެއް ވެސް ނެތް ކަމަށް ވެސް ވަކީލް މައުމޫން ވިދާޅުވި އެވެ.

"ކީއްވެގެންތޯ ޒިންމާ ނުނަންގަވަންވީ؟. ފާރިސް ފެށުނީއްސުރެ ތަކުރާރުކޮށް ވިދާޅުވަނީ މިއީ ދޮގު ވާހަކައެކޭ. ތިމަންނާ މިކަހަލަ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެއޭ. މިއީ އުފައްދާފައި އޮތް މައްސަލައެކޭ." މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދެ މައްސަލަ ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.

މީގެ އިތުރުން ޝަހްސު އޮޅުވާލުމުގެ ދައުވާއެއް ސާބިތުވެ، ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހު ވަނީ އިއްވައިފަ އެވެ. އެ ހުކުމާ އެކު މެމްބަރު ކަމުގެ ގޮނޑި ނުގެއްލުނަސް، ހުކުމުގެ މުއްދަތުގައި ފާރިސަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.