Roadha Mihaaru
"ދަބަންގް" ކުޅެވުނީތީ ދެރަވަން: މާހީ ގިލް

"ދަބަންގް" ކުޅެވުނީތީ ދެރަވަން: މާހީ ގިލް

23 ޖުލައި 2018

ފިލްމް "ދަބަންގް" ސީރީޒްގައި މަސައްކަތް ކުރެވުމަކީ ކެރިއަރުގައި ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އެ ފިލްމް ކުޅެވުނީތީ ދެރަވާ ކަމަށް ބަތަލާ މާހީ ގިލް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިލްމް "ދަބަންގް" ސީރީޒްގައި މަސައްކަތް ކުރެވުމަކީ ކެރިއަރުގައި ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށާއި އެ ފިލްމް ކުޅެވުނީތީ ދެރަވާ ކަމަށް ބަތަލާ މާހީ ގިލް ބުނެފި އެވެ.

ސަލްމާން ހާނާއި ސޮނާކްޝީ ސިންހާ ލީޑް ރޯލް ފެނިގެންދާ "ދަބަންގް" ގެ ފުރަތަމަ ދެބައިގައި މާހީ ކުޅުނީ އަރްބާޒްގެ ލޯބިވެރިޔާގެ ރޯލެވެ. އެކަމަކު އޭނާ ކުޅުނު ނިރްމަލާގެ ރޯލަކީ ވަރަށް ކުޑަކުޑަ ރޯލެކެވެ.

"އެ ރޯލް ކުޅެވުނީމަ ހަގީގަތުގައި އަހަރެންގެ ކެރިއަރު ދިޔައީ ފަހަތަށް. ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އޭގެ ފަހުން އަހަންނަށް މުޅިންހެން ކަހަލަ ގޮތަކަށް ހުށަހަޅަމުން ދިޔައީ ވަރަށް ކުޑަކުޑަ ސަޕޯޓިން ރޯލްތަކެއް،" ދޭވް ޑީ އާއި ގުލާލް ފަދަ މޮޅެތި ފިލްމްތައް ކުޅުނު ބަތަލާ ބުންޏެވެ.

މާހީ، 42، ބުނި ގޮތުގައި "ދަބަންގް" ކަހަލަ ފިލްމްތަކެއްގައި ދެން ދުވަހަކު ވެސް މަސައްކަތެއް ނުކުރާނެ އެވެ. އޭނާ ބުނީ މިހާރު ކުޅެން ބޭނުން ވަނީ މޮޅު އެކްޓިންއެއް ދެއްކޭ ކަހަލަ ވަރުގަދަ ބޮޑު ރޯލްތަކެވެ.

އެގޮތުން ޑައިރެކްޓަރު ޓިގްމަންޝޫ ދޫލިއާގެ ކާމިޔާބު ފްރެންޗައިޒް "ސާހެބް ބީވީ އޯރް ގޭންގްސްޓާ" އަކީ ކެރިއަރު ކޮޅަށް ޖަހައިލަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށް މާހީ ބުންޏެވެ. އެހެންވެ އެކަމަށްޓަކައި ޓިގްމަންޝޫ އަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް ބުންޏެވެ.

މާހީ ބަތަލާގެ ރޯލުން ފެނިގެން ދާ މި ސީރީޒްގެ ތިން ވަނަ ބައި "ސާހިބް ބީވީ އޯރް ގޭންގްސްޓާ 3" މި މަހުގެ 27 ގައި ސިނަމާތަކަށް އަންނާނެ އެވެ. މި ފަހަރު ފިލްމްގެ ކާސްޓްގައި ސަންޖޭ ދަތު ވެސް ހިމެނެ އެވެ.

"ސާހިބުވީ އޯރް ގޭންގްސްޓާ" 2011 ގައި ރިލީޒް ކުރި އިރު، "ސާހިބު ބީވީ އޯރް ގޭންގްސްޓާ ރިޓާންސް" ސިނަމާތަކަށް އައީ 2013 ގަ އެވެ.

މާހީ ކުޅެފައިވާ އިތުރު ފިލްމްތަކުގެ ތެރޭގައި ނޮޓް އަ ލަވް ސްޓޯރީ (2011)، ގޭންގްސް އޮފް ގޯސްޓް (2013) އަދި ބުއްދާ އިން ދަ ޓްރެފިކް ޖޭމް (2014) ހިމެނެ އެވެ.