Roadha Mihaaru
ސަލްމާންގެ "ދަބަންގް 3" އާ ދެކޮޅަށް ކެމްޕޭނެއް

ސަލްމާން ހާންގެ "ދަބަންގް 3" އާ ދެކޮޅަށް ސޯޝަލް މީޑިއާ ކެމްޕޭނެއް ފަށައިފި

29 ޖޫން 2018

ސަލްމާން ހާން "ރޭސް 3" ގެނެސްދިނީ އޮއްޓަރެއް ނެތް، ވަނދު ސްކްރިޕްޓަކަށް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، އޭނާގެ "ދަބަންގް" ސީރީޒްގެ ތިން ވަނަ ބައި ދެން އުފައްދާނެ ކަމެއް ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަލްމާން ހާން "ރޭސް 3" ގެނެސްދިނީ އޮއްޓަރެއް ނެތް، ވަނދު ސްކްރިޕްޓަކަށް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، އޭނާގެ "ދަބަންގް" ސީރީޒްގެ ތިން ވަނަ ބައި ދެން އުފައްދާނެ ކަމެއް ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފި އެވެ.

ފޭސްބުކާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކުގައި ސަލްމާން ޓެގްކޮށް ގިނަ ބަޔަކު ބުނަނީ "ވީ ޑޯންޓް ވޯންޓް ދަބަންގް 3" ކަމަށެވެ. އަދި އެ ފިލްމްގެ ތިން ވަނަ ބައެއް ގެނެސްދޭ ނަމަ، އޭތި އޮންނާނެ ގޮތް "ރޭސް 3" އިން މިހާރު ވެސް އަންދާޒާ ކުރެވިއްޖެ ކަމަށް ބުނެފައިވެ އެވެ.

ބައެއް މީހުން އަދި ބުނެފައި ވަނީ ސައިފް އަލީ ހާން ލީޑް ރޯލް ކުޅެމުން އައި "ރޭސް" ގެ ތެރެއަށް ސަލްމާން ފުންމާލައި، އެ ފްރެންޗައިޒް ހަރަބުކޮށްލާފައިވާ ކަމަށެވެ.

"ދަބަންގް 3" އާ ދެކޮޅު ޓްވީޓެއް.

އެހެންވެ "ރޭސް 4" އިން ވެސް ސަލްމާން ދެކެން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ސައިފާއި ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މަސްތާންގެ ޓީމް އެނބުރި އަންނަން ކަމަށް ބުނެފައިވެ އެވެ.

"ދަބަންގް 3" އާ ދެކޮޅަށް ކެމްޕޭނެއް ފަށާފައިވާ އިރު، ސަލްމާން ދާދި ފަހުން ބުނި ގޮތުގައި އެ ފިލްމް މި އަހަރުގެ ޑިސެމްބަރުގައި ސިނެމާތަކަށް ގެނެސް ދޭނެ އެވެ. އަދި އެ ފިލްމްގެ ޝޫޓިން ކުރިއަށް ގެންދާނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓް ކުރާ "ބާރަތު"އާ އެކު އެކީގައި ކަމަށް ބުންޏެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް މިހާރު ބުނާ ގޮތުން "ދަބަންގް 3" އަށް މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އަދި މި ފިލްމްގެ ޝޫޓިން ވެސް މި އަހަރަކު ނުޖައްސާނެ އެވެ. މީގެ ޑައިރެކްޓަކަށް ހަމަޖައްސާފައި ވަނީ މަޝްހޫރު ކޮރިއޯގްރާފަރު ޕްރަބޫދޭވާ އެވެ.

ބައެއް މީހުން ބުނެފައި ވަނީ ބަޔަކު ބަލާ ހިތްވާ ކަހަލަ އެއްޗަކަށް "ދަބަންގް 3" ހަދަން ބޭނުން ނަމަ، އެ ފިލްމް ޑައިރެކްޓް ކުރުވަންވީ ރޯހިތު ޝެޓީ ކަހަލަ ޑައިރެކްޓަރެއް ލައްވައި ކަމަށެވެ. އެހެން ނޫން ނަމަ އެކަން ހުއްޓާލަން އެދޭ ކަމަށް ބުނެފައި ވެ އެވެ.

ޕްރަބޫދޭވާއަކީ 2009 ގައި ރިލީޒް ކުރި ސަލްމާންގެ "ވޯންޓެޑް" ގެ ޑައިރެކްޓަރެވެ.

"ދަބަންގް 3" އާ ދެކޮޅު ޓްވީޓެއް.

މީޑިއާތަކުން ބުނި ގޮތުގައި "ދަބަންގް 3" ބަލަން ޝައުގުވެރި ކަމެއް ނެތް ކަމަށް ގިނަ ބަޔަކު ބުނެ، ސަލްމާނަށް ފާޑު ކިޔާތީ އެ ފިލްމް ފަސްކޮށްލައި އޭނާ ދެން އިސްކަން ދޭނީ ސަންޖޭ ލީލާ ބަންސާލީ ހުށަހަޅާފައިވާ ފިލްމަކަށެވެ. މީގެ އިތުން ޔާޝް ރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބު ފްރެންޗައިޒް "ދޫމް" 4 ވަނަ ބައި ވެސް ސަލްމާނަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.

ހަމަމިއާ އެކު ސިފައިންގެ އޮފިސަރެއްގެ ވާހަކަ ކިޔައިދޭ ބައޮގްރިފިކަލް ޑްރާމާއެއް ވެސް ސަލްމާނަށް ހުށަހަޅާފައިވާތީ "ދަބަންގް 3" މި ވަގުތަށް މަޑު ޖައްސާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

"ދަބަންގް 3" އާ ދެކޮޅު ޓްވީޓެއް.

ސަލްމާންގެ ކުރިއަށް ހުރި އިތުރު ފިލްމްތަކުގެ ތެރޭގައި ސާޖިދު ނަދިއަދްވާލާގެ "ކިކް 2" އާއި ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމަކާއިި ކޮއްކޮ ސުހައިލް ހާން ޑައިރެކްޓް ކުރާ "ޝޭރް ހާން" ހިމެނެ އެވެ.

ޗުލްބުލް ޕާންޑޭ ކިޔާ ވަރަށް ސަކަ މިޒާޖެއްގެ ފުލުހެއްގެ ރޯލުން ފެނިގެންދާ "ދަބަންގް" ގެ ފުރަތަމަ ފިލްމް ގެނެސް ދިނީ 2010 ގަ އެވެ. އަދި ދެވަނަ ބައި ރިލީޒް ކުރީ 2012 ގަ އެވެ. މި ސީރީޒަކީ ސަލްމާގެ ކޮއްކޮ އަރްބާޒް ހާން ޕްރޮޑިއުސް ކުރާ އެއްޗެކެވެ.

"ދަބަންގް 3" އާ ދެކޮޅު ޓްވީޓެއް.

ރިޕޯޓްތައް ބުނާ ގޮތުން "ދަބަންގް 3" އިން މި ފަހަރު ބަތަލާއިންގެ ރޯލުން ފެނިގެން ދާނީ ސަލްމާނާ އެކު ފުރަތަމަ ދެބައިގައި ވެސް ހަރަކާތްތެރިވި ސޮނާކްޝީ ސިންހާގެ އިތުރުން އެކްޓަރު/ޑައިރެކްޓަރު މަހޭޝް މަންޖްރޭކަރްގެ އަންހެން ދަރިފުޅި އަޝްވާމީ މަންޖްރޭކަރް އެވެ. މިއީ އޭނާ ބޮލީވުޑަށް ލޯންޗް ކުރާނެ ފިލްމް ކަމަށްވެ އެވެ.

މީގެ އިތުރުން "ދަބަންގް 3" ގެ ވިލަންގެ ރޯލް "ރޭސް 3" ގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ޒުވާން އެކްޓަރު ސާގިބް ސަލީމް ސަލީމަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.