Roadha Mihaaru
ސަރުކާރު މުވައްޒަފުންގެ ރަޖިސްޓްރޭޝަނާ މެދު ކަންބޮޑުވޭ

ސަރުކާރު މުވައްޒަފުންގެ ރަޖިސްޓްރޭޝަނާ މެދު ކަންބޮޑުވަން: އިބޫ

22 ޖުލައި 2018

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވާ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވާ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ ސެޕްޓެމްބަރު 23ގައި ބާއްވާ އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަމަށްޓަކައި ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިދިޔަ ހަފުތާގައި ވަނީ ހުޅުވާލައިފަ އެވެ. އެއާއެކު، ސަރުކާރުގެ މިނިސްޓްރީއަކަށް ނުވަތަ އެ ކުންފުންޏަކަށް ކަނޑައަޅާފައިވާ އަދަދަށް، ވޯޓުލާން މީހުން ރަޖިސްޓްރީ ކުރުމަށް އެ ތަންތަނުގެ މުވައްޒަފުންނަށް ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅިގެން އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަމިއްލަ އިހުތިޔާރުގައި ރީ ރަޖިސްޓްރީ ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިފައިވާ ކަމަށެވެ. އެހެންވެ ވޯޓު ލުމުގެ ހައްގު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އޭނާ ވަނީ ސަރުކާރަށް އިލްތިމާސް ކުރައްވައިފަ އެވެ.

"ސަރުކާރުގެ މުވައްޒަފުން ވޯޓު ލާން ރީ-ރަޖިސްޓާ ކުރުމުގެ ކަންކަން ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ކަންބޮޑުވޭ. ވޯޓު ލުމުގެ ހައްގު ހަނިކުރުމުގެ ކަންކަން ނުކުރެއްވުމަށް އިލްތިމާސް ކުރަން. އަމިއްލަ އިޙުތިޔާރުގައި ރީ ރަޖިސްޓަރު ކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވޭ،" އިބޫ ވިދާޅުވި އެވެ.

އިބޫ ކުރެއްވި ޓްވީޓް

ވޯޓުލާން ރަޖިސްޓްރީ ކުރުވުމުގެ ޒިންމާ، މިނިސްޓްރީތަކުގެ މުވައްޒަފުންނާ ހަވާލު ކޮށްފައިވަނީ އެ މިނިސްޓްރީއެއްގައި ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުންގެ ބެއްލެވުމުގެ ދަށުންނެވެ. މިނިސްޓްރީތަކާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އަންނަނީ ގޭގެ އަށް ގޮސްގެންނާއި އާއްމުކޮށް މީހުން އެއްވާ ތަންތަނަށް ފޯމު ހިފައިގެން ގޮސް ރަޖިސްޓްރީ ކޮށްދެމުންނެވެ.

ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންތަކެއް އިއްޔެ ވަނީ އިސްކަންދަރު މައިޒާނާއި މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ވެސް ރަޖިސްޓްރޭޝަންގެ ފޯމު ފުރައިދީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކޮށްފަ އެވެ. ވޯޓު ލާން ރަޖިސްޓްރީކުރާ އިރު، އައިޑީކާޑުގެ ކޮޕީ ވެސް ބޭނުންވެ އެވެ. އެހެންވެ، ފޯމު ފުރައިދޭ މުވައްޒަފުން އެދެނީ، އެ މީހުން ދޭ ނަމްބަރަކަށް އައިޑީކާޑުގެ ކޮޕީ ފޮނުވައިދިނުމަށެވެ.

އިންތިޙާބުގައި ވޯޓުލާން މީހުން ރަޖިސްޓްރީކޮށްދިނުމަކީ އެ އިންތިޚާބެއްގައި ވާދަކުރާ ޕާޓީތަކުން ވަރަށް ފޯރީގައި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން އިދިކޮޅު ޕާޓީތަކުންނާއި ވެރިކަން ކުރާ ޕީޕީއެމުން ވެސް އަންނަނީ ރަޖިސްޓްރީ ކޮށްދިނުމަށް ފޯމު ފުރައިދެމުންނެވެ.

ނަމަވެސް ރަޖިސްޓްރީ ކޮށްދިނުމުގައި ޕީޕީއެމުން އޮޅުވައިލުމުގެ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތުކޮށް، އެ ޕާޓީ މެދުވެރިކޮށް ރަޖިސްޓަރީ ވެފައި ތިބި މީހުން އަލުން ފޯމު ހުށަހަޅަން އިދިކޮޅު ޕާޓީތަކުން މިރޭ ވަނީ ގޮވާލައިފަ އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރެޖިސްޓްރީ ވުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.