Roadha Mihaaru
ޝަރީފް ފިޔަވައި އީސީ ހުރިހާ މެމްބަރުން ރާއްޖޭން ބޭރުގަ

އީސީގެ ރައީސް ޝަރީފް ފިޔަވައި ހުރިހާ މެމްބަރުން ރާއްޖޭން ބޭރުގައި

05 އޮކްޓޯބަރ 2018

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ފިޔަވައި، ބާކީ ތިއްބެވި ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު ފިޔަވައި، ބާކީ ތިއްބެވި ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަޑައިގެންފި އެވެ.

މިިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށްފަހު އެ ކޮމިޝަންގެ މެމްބަރުންނަށް ދަނީ ތަފާތު ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރެއްވި އިންތިޚާބުގެ ނަތީޖާ ވަނީ އޮޅުވާލާފައި ކަމުގެ ތުހުމަތުތައް ވެސް ޕީޕީއެމުން ކުރެ އެވެ. އޭގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންނަށާއި މުވައްޒަފުންނަށް ބިރުދެއްކުމާއި މަރުގެ އިންޒާރުތައް ވެސް ދަނީ ދެމުންނެވެ.

އެ ކޮމިޝަންގެ ރައީސް ޝަރީފު "މިހާރު"އަށް ވިދާޅުވީ އޭނާ ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހުނީ އެ މެމްބަރުންނަށް ލިބެމުން ދިޔަ އިންޒާރުތަކާ ހެދި ކަމަށެވެ.

އީސީގެ މެމްބަރު އިސްމާއިލް ހަބީބް ވަނީ މިއަދު ލަންކާ އަށް ވަޑައިގެންފަ އެވެ. ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ލަންކާއަށް ވަޑައިގެންނެވީ އޭނާ ކިޔަވަމުން އަންނަ ކޯހުގެ ކްލާހެއްގައި ބައިވެރިވުމަށެވެ. މެމްބަރު އަހުމަދު އަކްރަމާއި އަލީ ނަޝާތު ވެސް ހުންނެވީ ލަންކާގަ އެވެ.

ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމިޝަންގެ ރައީސް ފިޔަވައި ބާކީ ތިއްބެވި ހަތަރު މެމްބަރުން ތިއްބެވީ ޗުއްޓީގަ އެވެ. އެހެންކަމުން އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެއްވެސް ބައްދަލުވުމެއް ދެން ނުބޭއްވޭނެ އެވެ.

"އެ ބޭފުޅުންނަށް ބިރުދެއްކުމުގެ ކަންތައްތައް އޮތްގޮތުން ހަގީގަތުގައި ބޭރަށް ވަޑައިގެންނެވީ. ގޭގެއަށް ވަދެ ދޮރުގައި ތެޅުމާއި ދަންވަރު ގަޑީގައި މަގުމަތިން ދިމާކުރުން ފަދަ ތްރެޓްތައް ހައިވެގެން އެ ބޭފުޅުންނަށް ކެތް ނުކުރެވިގެން،" ޝަރީފް ވިދާޅުވި އެވެ.

މެމްބަރުން ބޭރަށް ވަޑައިގެންނެވީ ފިއްލެވުމަށް ކަމަށް ދެކެވޭ ވާހަކަތައް ޝަރީފް ވަނީ ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ބޭފުޅުން ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.

"ސިއްރަކުން ނޫން އެ ބޭފުޅުން ބޭރަށް ވަޑައިގެންނެވީކީ. ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ،" އަކްރަމް ވިދާޅުވި އެވެ،

ރިޔާސީ އިންތިޚާބަށް ފަހު، ސިޔާސީ މައިދާން ހަލަބޮލިވެފައިވާއިރު، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެ ޕީޕީއެމުން އަންނަނީ ކޮންމެ ރެއަކުހެން މުޒާހަރާތައް ބާއްވަމުންނެވެ. އަދި އިންތިޚާބާ ގުޅޭގޮތުން އުފައްދާފައިވާ ޝަކުވާތަކަށް އެ ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް، ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ޕީޕީއެމުން ބުންޏެވެ.

އީސީން އާއްމުކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިބޫ އަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ.