Roadha Mihaaru
އިންތިހާބު އިންސާފުވެރިވާނެކަމަށް އަދިވެސް ގަބޫލުނުކުރަން

އިންތިހާބު އިންސާފުވެރިވާނެ ކަމަކަށް އަދިވެސް ގަބޫލެއް ނުކުރަން: އިބޫ

23 ޖުލައި 2018

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރިވާނެ ކަމަށް އަދިވެސް ގަބޫލު ނުކުރައްވާ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސި ވިލާތަށް ކުރެއްވި އަމިއްލަ ދަތުރަކަށް ފަހު މިއަދު މާލެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ ގިނަ ރިިސޯޓުތަކެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި އިލެކްޝަންސްގެ އޮފިޝަލުން އެހީ ވާ ގޮތަށް ހަމަޖެއްސުމަކީ ގިނަ ބައެއްގެ ވޯޓުލުމުގެ ހައްގަށް އަރައިގަތުމަށް ރޭވި ކަންކަން ކަމަށެވެ. އަދި ކުރިމަގުގައި އެ ފަދަ ގިނަ ކަންކަން ފެންނާނެ ކަމަށާއި އެހެންވެ، އިންތިހާބު އިންސާފުވެރިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން އެކަމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް، މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން ކުރައްވާތީ ވެސް އިބޫ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"އެކަމަކު އަޅުގަނޑުމެންގެ މަސައްކަތް ހުއްޓައެއް ނުލާނަން. ރައްޔިތުން ހޯދަން ބޭނުންވާ ހައްގުތަކެއް އެބަހުރި. ފެންނަނީ ވަރަށް ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިންތިހާބުގައި އިދިކޮޅުން ކުރިމަތި ލަނީ ވައްކަމާއި ފަސާދައާ އެވެ. އެހެންވެ، އުނދަގޫވާނެ ކަމަށާއި އެކަމަކު އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކުރިން އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އުޅުއްވަނީ ރައްޔިތުންގެ ވޯޓުން ކާމިޔާބު ހޯއްދެވުމުގެ ބަދަލުގައި ވޯޓު އޮޅުވާލައިގެން ނަތީޖާ ނެރޭށެވެ. އަދި މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.

ފަސް ދުވަހުގެ ދަތުރަކަށް ފަހު އިބޫ މާލެ ވަޑައިގަތުމާއެކު، ކެމްޕޭން ހަރަކާތްތަކުގައި އަނެއްކާ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވައި އިބޫ ވިދާޅުވީ ދެން ރަށަކަށް ވަޑައިގެންނެވޭނީ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ފަހުން ކަމަށާއި އެކަމަކު އިންތިހާބުގެ ކުުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ސަތޭކަ އަށްޑިހަ ހަތް ރަށް އެބައޮތް ދަތުރު ކުރަން. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ ކޮންމެ ރަށަކަށް ވެސް ދިއުން. އިރާދަކުރެއްވިއްޔާ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ އުންމީދު އެބައޮތް. އެ ތަސައްވުރު އެބަ އޮތް،" އިބޫ ވިދާޅުވި އެވެ.

އޭނާ އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ އައްޑު އާއި ފުވައްމުލަކަށް ދަތުރު ކުރައްވައި، ގިނަ ބަޔަކާ ބައްދަލު ކުރެއްވުމަށް ފަހުގަ އެވެ.