Roadha Mihaaru
ޖަމިއްޔަތުލްޚައިރުން ހައްޖު ފޮތާއި ދުއާ ކާޑު ހިލޭ ދެނީ

ޖަމިއްޔަތުލް ޚައިރުން ދިވެހި ހައްޖުވެރިންނަށް ފޮތާއި ދުއާ ކާޑު ހިލޭ ދެނީ

23 ޖުލައި 2018

ހައްޖާ ބެހޭ ފޮތަކާއި ދުއާ ކާޑު ސެޓެއް ދިވެހި ހައްޖުވެރިންނަށް މި އަހަރު ވެސް ހިލޭ ދޭނެ ކަމަށް "ޖަމިއްޔަތުލް ޚައިރު"ން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ހައްޖާ ބެހޭ ފޮތަކާއި ދުއާ ކާޑު ސެޓެއް ދިވެހި ހައްޖުވެރިންނަށް މި އަހަރު ވެސް ހިލޭ ދޭނެ ކަމަށް "ޖަމިއްޔަތުލް ޚައިރު"ން މިއަދު ބުނެފި އެވެ.

ދީނީ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާ އިން ބުނީ ހުކުރު ނޫން ކޮންމެ ދުވަހެއްގެ ރޭގަނޑު 8:30 އާއި 10:00 އާ ދެމެދު އެ ޖަމިއްޔާގެ އޮފީހުން ފޮތްތައް ދޫކުރާނެ ކަމަށެވެ. މި އެއްޗެހި ދިވެހި ހައްޖުވެރިންނަށް ހިލޭ ދޭން ފެށީ މިދިއަ އަހަރު އެވެ.

"ޙައްޖާއި ޢުމްރާ ކުރާނެ ގޮތް" ގެ ނަމުގައި އެ ޖަމިއްޔާ އިން 2009 ގައި ނެރުނު ފޮތަކީ ސައުދީ އަރަބިއްޔާގެ ވުޒާރުލް ޙައްޖުން އާންމުކޮށްފައިވާ ފޮތުގެ ތަރުޖަމާ އެވެ. އެ ޖަމިއްޔާ އިން އަންނަނީ މި ފޮތް އާންމުކޮށް ވިއްކަމުން ވެސް މެ އެވެ.

ދުއާ ކާޑު ސެޓުގައި ހައްޖުވެރިން ކިޔަން ރަނގަޅު ދުއާތައް ހިމެނެ އެވެ. މީގެ އިތުރުން މި ދުއާ ސެޓުގައި ހައްޖާއި އުމްރާ ކުރާއިރު ސަމާލުކަން ބަލަަހައްޓަންވީ އެކިއެކި ކަންތައް ވެސް އެކުލެވިގެންވެ އެވެ.

"އަޅުގަނޑުމެން މި ފޮތާއި ދުއާ ސެޓު މި ފޯރުކޮށް ދެނީ ހައްޖަށް ދާ ބޭފުޅުންނަށް ބިދުއަތަކުން ސަލާމަތް ވެގެންވާ ފުރިހަމަ ހައްޖެއް ނިންމުމަށް މަގުފަހި ކޮށްދިނުމުގެ އުންމީދުގައި،" ޖަމިއްޔަތުލް ޚައިރުގެ ރައީސް އަހުމަދު ހުސެއިން މުހައްމަދު ވިދާޅުވި އެވެ.

"ބިދުއަ އަކީ އަޅުކަމުގެ ތެރޭގައި ނުވާ، އެކަމަކު އަޅުކަން ކަމަށް ދެކިގެން މީހުން ކުރަމުން އަންނަ ކަންތައް. ހައްޖު ފުރިހަމަ ވާނީ ބިދުއަތަކުން ސަލާމަތް ވެގެން ފުރިހަމަކޮށްފިއްޔާ."

ޖަމިއްޔަތުލް ޚައިރުގެ އޮފީސް ހުންނަނީ ދިލްބަހާރު މަގުގައި ހުންނަ މ. ފަރަންސާގޭގަ އެވެ.