Roadha Mihaaru
ހައި އެޗީވާސް ސްކޮލަޝިޕަށް އަލުން ހުޅުވާލައިފި

ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

24 ޖުލައި 2018

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން އަނެއްކާވެސް އިއްޔެ ހުޅުވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދާ ދަރިވަރުންނަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން އަނެއްކާވެސް އިއްޔެ ހުޅުވާލައިފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ނުވަތަ މި އަހަރުގެ ޖެނުއަރީ މަހު އޭ ލެވެލް އިމްތިހާނު ހެދި ދަރިވަރުންނަށް، މިިދިޔަ މެއި މަހު ވަނީ ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. އޭރު ހުޅުވާލި ފުރުސަތަށް 36 ދަރިވަރަކު ކުރިމަތިލި އެވެ.

ނަމަވެސް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މެއި މަހު ހުޅުވާލި ފުރުސަތަށް، ޝަރުތު ހަމަވާ ބައެއް ދަރިވަރުން ކުރިމަތިނުލާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރުތު ހަމަވިޔަސް ހައި އެޗީވާސް ސްކޮލަޝިޕް ދޭނީ ކުރިމަތިލާ ދަރިވަރުންނަށް އެކަންޏެވެ. އެހެންވެ އެ ފުރުސަތު އިތުރު ދަރިވަރުންނަށް ހޯދައިދިނުމުގެ ގޮތުން އަލުން ހުޅުވާލީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްކޮލަޝިޕަށް ކުރިން ހުޅުވާލިއިރު، ބައެއް ދަރިވަރުން ރާއްޖޭގައި ނެތިގެން ނުވަތަ ހުޅުވާލި ކަމުގެ މައުލޫމާތު ނޭނގިގެން އެބަހުރި ކުރިމަތިނުލެވި. އެހެންވެ އެ ހުރިހާ ދަރިވަރުންނަށް ފުރުސަތު ދޭން ހުޅުވާލީ،" ނަޒީރު ވިދާޅުވި އެވެ.

ހައި އެޗީވާސް ސްކޮލަޝިޕުން ކިޔެވޭނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ފިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރަކު ކިޔަވަން ބޭނުންވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލްކުރަން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އެއީ ސްކޮލަޝިޕްގައި ކިޔަވަން މިހާރު ކަނޑައަޅާފައިވާ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއާ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.

މިިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެ ސްކޮލަޝިޕެއް ދެމުންނެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް އެކަންޏެވެ.