Roadha Mihaaru
އަބްދުއްރަހީމް ކުރީ ކުށެއް، އަދަބު ދޭން ޖެހޭ: ޝަމީމް

އަބްދުއްރަހީމް ކުރީ ކުށެއް، އަދަބު ދޭން ޖެހޭ: ޝަމީމް

25 ޖުލައި 2018

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމަކީ ޖިނާއީ ކުށެއް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމަކީ ޖިނާއީ ކުށެއް ކަމަށާއި އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ފަހު ރޭ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން މި ފަހަރު ކެމްޕެއިން ކުރާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުޅި ސަރުކާރު ބޭނުން ކޮށްގެން ކަމަށެވެ.

ޕީޕީއެމްގެ ކެމްޕެއިންގެ ހަރަކާތްތަކަށް ސަރުކާރު މުވައްޒަފުން ނެރޭއިރު، ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ އުޅަނދުތަކާއި ވަސީލަތްތައް ބޭނުންކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ރީ-ރަޖިސްޓްރީ ކުރަން މުވައްޒަފުންނަށް މަޖުބޫރުކުރާކަމުގެ ތުހުމަތު ވެސް ދަނީ އަޅުވަމުންނެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ދައުލަތުގެ އެއްވެސް އެއްޗެއް، އެއްވެސް މީހެއްގެ ފައިދާއަށް ބޭނުން ކުރުމަކީ ކުށެކެވެ. އަދި ސަރުކާރު މުވައްޒަފެއްގެ ރަސްމީ ގަޑީގައި އެމުވައްޒަފަކު ލައްވައި ވަކި މީހަކަށް ފައިދާވާ ކަމެއް ކުރުވުމަކީ ވެސް ގާނޫނީ ކުށެކެވެ.

އެކުށް ކުރާ މީހެއްގެ އަތުން ބަދަލު ހޯދުމާ އެކު ތިން އަހަރުގެ ޖަލު ހުކުމެއް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ގާނޫނުގައި ބުނާ ކުށެއް ކުރަން ހިތްވަރު ދިނުމަކީ ވެސް ކުށެއް-- ފޮޓޯ:މިހާރު

ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ގާނޫނުގައި ބުނާ ކުށެއް ކުރަން ހިތްވަރު ދިނުމަކީ ވެސް ކުށެއް-- ފޮޓޯ:މިހާރު

ގާނޫނު އުގޫބާތުގެ 540 ވަނަ މާއްދާގައި ބުނެފައިވަނީ ހެކި ދިނުމަށް ނުވަތަ ވޯޓު ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރާ މީހަކަށް ބިރުދެއްކުމާއި ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމަކީ ކުށެއް ކަމަށެވެ.

ޝަމީމް ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެއް ކުރާނެ ކަމަށް އަބްދުއްރަހީމު ވިދާޅުވުމަކީ ކުށެއް ކުރެއްވުން ކަމަށެވެ.

"އަބްދުއްރަހީމް އެކުރި ކަންތަކަކީ ކުށެއް ކުރަން ހިތްވަރުދީ ގޮވާލުން. އަބްދުއްރަހީމް އެކުރީ ކުށެއް. އަދަބު ދޭން ޖެހޭ. އެ މައްސަލަ ބަލަން ޖެހޭ،" ޝަމީމް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިންގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރާނެ ކަމަށް ފާޅުގައި އަބްދުއްރަހީމް ވިދާޅުވި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނުން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ. އެ ދެ ތަނަށް ގުޅައި އަދި މެސެޖްކުރުމުން ވެސް މައުލޫމާތު ދޭނެ މީހަކު ނުވި އެވެ.