Roadha Mihaaru

އިންތިޚާބު ކާމިޔާބު ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މީހުން ބޭނުންކޮށްގެން: އަބްދުއްރަހީމް

މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން ހޮވާނީ ސަރުކާރު ވަސީލަތް ބޭނުންކޮށްގެން
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

24 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ދެ ވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން ހޮވާނީ ސަރުކާރުގެ ވަސީލަތްތަކާއި މުވައްޒަފުން ވެސް ބޭނުންކޮށްގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ތައްޔާރުކުރި "އަތޮޅު ޖަގަހަ" ހުޅުވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރެސީގެ ނިޒާމުގައި ވެރިކަމުގައި އޮންނަ ޕާޓީން އިތުރު ދައުރެއް ހޯދަން މަސައްކަތް ކުރާނީ ސަރުކާރުގެ ވަސީލަތްތަކާއި މަގާމުތަކުގައި ތިބި މީހުންނާ ވެސް އެކު ކަމަށެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމުން މި ފަހަރު ކެމްޕެއިން ކުރާނީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުޅި ސަރުކާރު ބޭނުން ކޮށްގެންނެވެ.

"...ދެން މި ބުނަނީ ސަރުކާރުގެ އެންމެން ނުކުމެ ކެމްޕެއިން ކުރަނިއްޔޭ. އަޅުގަނޑު ދައްނަވާނީ އާނއެކޭ. މުޅި ސަރުކާރު އެކީގައޭ އަޅުގަނޑުމެން ކެމްޕެއިން ކުރާނީ. އެ މީހުންނަށް [އިދިކޮޅު] އެ އުޅެނީ މަލްޓި ޕާޓީ ޑިމޮކްރެސީ ނޭނގިގެން. ޕާޓީ ނިޒާމުގައި ވެރިކަމަށް ޕާޓީއެއް އައީމާ އެ ޕާޓީ ތަމްސީލް ކުރާ މެމްބަރުން މަގާމުތަކުގައި ތިއްބަވާނީ،" މަޖީދީ މަގުގައި ކުރިން ސޯސަން ސްޓޯރު ހިންގި އިމާރާތު ގައި ހަދާފައިވާ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން [ކެމްޕެއިނަށް] ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ."

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ޕީޕީއެމުން ބޭނުންކުރާއިރު، ޖަލްސާތަކަށް ދިއުމަށާއި ރައީސް ޔާމީން ރަށްރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް ދިއުމަށް މަޖުބޫރު ކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. އަދި ރައީސް ޔާމީނަށް ވޯޓުލުމަށް މަޖުބޫރުކޮށް، ބިރު ދައްކާ ކަމަށް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

އިންތިޚާބު ތަކުގައި ވަކި ބަޔަކަށް ފައިދާ ހޯދަން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ކުށެކެވެ. އަދި އެ ކަންކަން ބަލައި ހުއްޓުވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުއައްސަސާތަކުގެ ޒިންމާ އެކެވެ.

ޕީޕީއެމްގެ "އަތޮޅު ޖަގަހަ" ހުޅުވުމަށް މިރޭ ބޭއްވި ހަފުލާ ގައި އެ ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ޕީޕީއެމްގެ "އަތޮޅު ޖަގަހަ" ހުޅުވުމަށް މިރޭ ބޭއްވި ހަފުލާ ގައި އެ ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުންނަށް ޕާޓީ ނިޒާމުގައި ވެރިކަން ކުރަންޖެހޭ ގޮތް އެނގިވަޑައިނުގަތީ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯހިލް (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ފާޑު ވިދާޅުވަމުން، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނާ ވާދަ ކުރެއްވުމުގެ ގާބިލްކަން އެ ދެބޭފުޅުންގެ ކިބައިގައި ނެތް ކަމަށެވެ. އެހެންވެ، އެ ކަން ދަސްކުރަން ރައީސް ޔާމީންގެ އަރިހަށް "ވޮށުފިލާ" އަޅަން ވަޑައިގަތުމަށް އެމްޑީޕީގެ އިބޫ އަށާއި ޖުމްހޫރީ ޕާޓީގެ ފައިސަލަށް، އަބްދުއްރަހީމް ގޮވައިލެއްވި އެވެ.

"އަޅުގަނޑުމެންނާ ވާދަ ކުރައްވަން ތިއްބެވީ ގައުމެއްގެ ވެރިކަން ހިންގަން ގާބިލް ބައެއް ނޫން. ގާބިލް ރަނިންމޭޓެއް ނޫން. ވިސްނާވަޑައިގަންނަވާ ރައީސް ޔާމީން ރަނިންމޭޓެއް [ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު] ކަނޑައެޅުމުގައި ވިސްނެވީ ރާއްޖެ އަށް އެންމެ މުހިންމު ދާއިރާ އަށް[އިސްލާމް ދީން]،" ރައީސް ޔާމީންގެ ރަނިންމޭޓް ޝަހީމަށް ތައުރީފު ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިރޭ ވިދާޅުވީ 70،000 އެއްހާ މީހުން ރީ-ރަޖިސްޓަރީ ކުރަން ޖެހޭއިރު، ޕީޕީއެމްގެ އަމާޒަކީ އޭގެ ތެރެއިން 56،000 މީހުން އެ ޕާޓީގެ ފަރާތުން ރަޖިސްޓަރީ ކުރުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ވޯޓުލުމަކީ ކޮންމެ ރައްޔިތަަކަށް ވެސް ލިބިފައިވާ ހައްގަކަށް ވާއިރު، އެ ފުރުސަތު ހޯދައިދިނުމަށް ރީ-ރަޖިސްޓަރީ ކޮށްދިނުމުގައި، އެެއީ ކޮން ޕާޓީއެއްގެ ނުވަތަ ކޮން ވިސްނުމެއްގެ މީހެއްތޯ ޕީޕީއެމަކުން ނުބަލާނެ އެވެ.