Roadha Mihaaru
ރާއްޖޭގެ އައުޓްލުކް ނެގެޓިވް އަށް ބަދަލުކޮށްފި

ރާއްޖޭގެ ދަރަނި ބޮޑުވުމުންދާތީ މޫޑީސްގެ އައުޓްލުކް ނެގެޓިވް އަށް ބަދަލުކޮށްފި

25 ޖުލައި 2018

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވަމުންދާތީ، މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން "ބީ2"، ގެ އައުޓްލުކް ނެގެޓިވް އަށް މިއަދު ބަދަލުކޮށްފި އެވެ.

ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި އިތުރުވަމުންދާތީ، މޫޑީސް އިންވެސްޓާސް ސާވިސް އިން ރާއްޖެ އަށް ދީފައިވާ ކްރެޑިޓް ރޭޓިން "ބީ2"، ގެ އައުޓްލުކް ނެގެޓިވް އަށް މިއަދު ބަދަލުކޮށްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިން ދިނީ ސެޕްޓެމްބަރު 2016 ގަ އެވެ. މޫޑީސް އިން ރާއްޖެ އަށް އޭރު ދީފައިވާ "ބީ2"ގެ ރޭޓިން ދަމަހައްޓަން މި އަހަރު ނިންމި ނަމަވެސް "އައުޓްލުކް" ވަނީ ނެގެޓިވް އަށް ބަދަލުކޮށްފަ އެވެ. ކްރެޑިޓް ރޭޓިން ފުރަތަމަ ދިން އިރު، "އައުޓްލުކް" ހުރީ ޕޮޒިޓިވްގަ އެވެ.

"ބީ2" ރޭޓިން އަކީ ބޮޑެތި ގޮންޖެހުންތަކެއް ހުއްޓަސް ދަރަންޏާއި އެ ނޫން ވެސް މާލީ ގޮތުން އަދާކުރަންޖެހޭ އެހެން ޒިންމާތައް ފުރިހަމަ ކުރުމުގެ ގާބިލްކަން ލިބިފައިވާ ގައުމުތަކަށް ދޭ ރޭޓިން އެކެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން "ބީ2" ނެގެޓިވް އަށް ބަދަލުކުރި މައިގަނޑު ސަބަބެއް ކަމަށް މޫޑީސް އިން ބުނީ ސަރުކާރުގެ ދަރަނިތައް މިދިޔަ އަހަރު ތަކުގައި އިތުރުވުމާއި އެ ދަރަނިތައް އަދާކުރުމަށް އިތުރު ހޭދަތަކެއް ކުރަން ޖެހުމަކީ ރާއްޖޭގެ އިގުތިސޯދަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަކަށް ވާތީ އެވެ. އެހެންވެ، ދަރަނި އަދާކުރުމުގައި ރާއްޖެ އަށް ކުރިމަތިވެދާނެ ގޮންޖެހުންތައް މޫޑީސް އިން ފާހަގަކުރެ އެވެ.

މޫޑީސް އިން ބުނީ ރާއްޖޭގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށާއި އިގުތިސޯދު ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އުފެއްދުންތެރި ކަމަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށެވެ. އަދި އާންމުންނާ ގުޅޭ އިޖުތިމާއީ ޚިދުމަތްތަކުގެ ފެންވަރު މަތިވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މޫޑީސް އިން ބުންޏެވެ،

މޫޑީސް ބުނިގޮތުގައި، ސަރުކާރުގެ ދަރަނިއާ ހެދި ފައިސާ ހޯދަން ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން، އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ އެތެރޭގެ ބޭންކިން ނިޒާމުންނާއި ބޭރުގެ އިންވެސްޓަރުން މެދުވެރިކޮށް ހޯދަން ޖެހިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މޫޑީސް އިން ލަފާކުރާ ގޮތުގައި މިހާރު ވެސް ހިންގާ މަޝްރޫއުތަކަށް ސަރުކާރަށް ފައިސާ ބޭނުން ވެ އެވެ. އަދި ސަރުކާރުން ނަގާފައިވާ ސޮވަރިން ބޮންޑު 2022 ވަނަ އަހަރުގެ ނިޔަލަށް ދައްކަން ޖެހުމުން މި ގޮންޖެހުތައް އިތުރަށް ބޮޑުވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.

މޫޑީސް އިން ބުނީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ހާލަތު ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ގޯސްވެ، ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ އެއްކޮށް ނުދެއްކި، އެކްސްޗޭންޖް ރޭޓް މަތިވެދާނެ ކަމަށެވެ.

"ބީ2" ރޭޓިން ދަމަހައްޓަން މޫޑީސް އިން ނިންމީ ސަރުކާރަށް އިތުރު އުމްރާނީ މަޝްރޫއުތައް ކުރިޔަށް ގެންދަން މަގުފަހިކުރުމަށެވެ.

މޫޑީސް އިން ބުނީ ބޮޑެތި އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ނެގި ފައިސާ، ކުރިމަގުގައި ދައްކަން ޖެހި، 2022 ވަނަ އަހަރުން ފެށިގެން އެ ފައިސާ ދައްކަން ފަށާއިރު، އެކަމަށް ފައިސާ ހޯދަން ޖެހޭ މިންވަރު އިތުރުވެގެން ދާނެ ކަމަށެވެ. އަދި އެ ފައިސާ ހޯދުން ބިނާވެގެން ދާނީ ކުރިޔަށް އޮތްތަނުގައި ކުރާނެ ހަރަދާއި ލިބޭނެ އާމްދަނީގެ މައްޗަށް ކަމަށް ވެސް މޫޑީސް އިން ބުނެފައިވެ އެވެ.

މޫޑީސް އިން ލަފާކުރާ ގޮތުގައި ގްރޮސް ބޮރޯވިން ނީޑްސް ނުވަތަ އަހަރަކު ދަރަނި ނަގަން ޖެހޭ މިންވަރު 2019 ވަނަ އަހަރުން ފެށިގެން ޑީޖީޕީގެ 8.3 ޕަސެންޓަށް އަރާނެ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 7.1 ޕަސެންޓްގަ އެވެ. އަދި އެ މިންވަރުގައި 2022 ވަނަ އަހަރާ ހަމައަށް ހުންނަން ޖެހުނު ނަމަވެސް، ސޮވަރިން ބޮންޑް ދައްކަން ޖެހުމުން ޑީޖީޕީގެ 9.1 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫޑީސް އިން ބުންޏެވެ.

މޫޑީސް އިން ބުނީ ސަރުކާރުން މި ފައިސާ ހޯދާނީ ބޭންކިން ނިޒާމަށް ޓްރެޝަރީ ބިލް ވިއްކައިގެން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި އޭގެ ސަބަބުން، ބައެއް ބޭންކުތަކުގެ އެތެރޭގެ ލިމިޓް ހަމަވެ، ފައިސާ އިތުރަށް ދޫނުކުރެވޭ ހިސާބަށް ވެސް ހިނގައިދާނެ ކަމަށް ވެސް މޫޑީސް އިން ބުނެފައިވެ އެވެ.

މޫޑީސް ބުނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ސަރުކާރުން 2016 އިން 2020 ވަނަ އަހަރުގެ ނިޔަލަށް 33.8 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނުވަތަ އެއީ ޑީޖީޕީގެ 38 ޕަސެންޓް ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ ތެރެއިން 2016 އާއި 2017 ވަނަ އަހަރު 12 ބިލިއަން ރުފިޔާގެ މަޝްރޫއު ފަށާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކްރެޑިޓް ރޭޓިން ދެމެހެއްޓުމަކީ ކުރިއެރުމެއް

ރާއްޖޭގެ ކްރެޑިޓް ރޭޓިން "ބީ2" ގައި ދަމަހައްޓަން މޫޑީސް އިން ނިންމުމަކީ، ދިވެހި ސަރުކާރުން ދެކޭ ގޮތުގައި އިގްތިސޯދީ އެޖެންޑާ އަށް ލިބުނު ކުރިއެރުމެކެވެ. އެގޮތުން، ރާއްޖޭގެ އިގްތިސޯދީ ކުރިއެރުމަށާއި އިޖުތިމާއީ ވަސީލަތްތައް ތަރައްގީ ކުރުމަށް މިދިޔަ އަހަރު ތަކުގައި ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނު ގައި ވެ އެވެ.

"ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް މިވަގުތު ކުރަން ޖެހިފައި ވަނީ ފާއިތުވި އަހަރުތަކުގައި މި ކަމަށް ދީފައިވާ އަހައްމިއްޔަތު ކަން ކުޑަވެފައިވާތީ އެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަން ކުރިއެރުމަށް އޮތް މަގުތައް ވަނީ ހަނިވެ، ރައްޔިތުންނަށް އެންމެ އެދެވޭ ގޮތެއްގައި އިޖުތިމާއީ ޚިދުމަތްތައް ނުދެވިފަ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި، އެހެންވެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އިގްތިސާދީ އަދި އިޖުތިމާއީ ފައިދާ ލިބޭނެ އުމްރާނީ ގިނަ މަޝްރޫއުތަކެއް ފަށައިފަ އެވެ. އަދި، އެ މަޝްރޫއުތަކުގެ ފައިދާ ރާއްޖޭގެ އިގްތިސާދަށް ކުރިމަގުގައި ލިބި، އިގްތިސާދު ފުޅާވުމުން ދަރަނި އަދާކުރުމުގެ ގާބިލްކަން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

"މީގެ ތެރެއިން، ބައެއް މަޝްރޫއުތައް މި އަހަރުގެ ތެރޭގައި ވެސް ނިމި އޭގެ ފައިދާ އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންނަށް ލިބި ފެންނަމުންދާނެ އެވެ،" ބަޔާނުގައި ވެ އެވެ.

ދަރަނީގެ ގޮންޖެހުންތައް ކުޑަކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައި

ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ ދަރަނި އިތުރުވުމުން ކުރިމަތިވެދާނެ ގޮންޖެހުން ކުޑަކުރުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑެއް އެކުލަވާލައި، އެ ފަންޑަށް ފައިސާ ޖަމާކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އެންމެ ފަހުން ރާއްޖެ އިން ބައިނަލްއަގްވާމީ މާލީ ބާޒާރަށް ވިއްކި ބޮންޑު އަދާކުރަން ޖެހޭއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ޖަމާކޮށްފައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"މިއީ ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ ގާތްގަނޑަކަށް 8 އިން ސައްތަ އެވެ. މީގެ އިތުރުން ސަރުކާރުގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބައްޓަން ކުރުމުގެ ގޮތުން ފާއިތުވި އަހަރު ތަކުގައި ވާނީ ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ކުޑަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅައި 2017 ވަނަ އަހަރު ގައި ބަޖެޓު ޑެފިސިޓް ކުޑަކޮށްފަ އެވެ. އެހެން ކަމާ އެކު، ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކޮށް، ދަރަނި އަދާކުރުމުގެ ގާބިލިއްުޔަތު އޮތް ކަމުގެ ޔަގީންކަން އަރުވަމެވެ،" ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ ފިސްކަލް ސިޔާސަތު ދެމެހެއްޓެނިވި ރާސްތާއެެއް ގައި ކުރިއަށް ގެންގޮސް، ކްރެޑިޓް ރޭޓިން އާއި އައުޓްލުކް ރަނގަޅު ކުރުމަށް ކްރެޑިޓް ރޭޓިން އެޖެންސީތަކުން ފާހަގަކުރާ ކަންކަން ތަންފީޒު ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.