Roadha Mihaaru
ތަރައްގީ ގެންނާނީ މުޅި ރާއްޖެއަށް ހަމަހަމަކޮށް: އިބޫ

ތަރައްގީ ގެންނާނީ މުޅި ރާއްޖެއަށް ހަމަހަމަކޮށް: އިބޫ

28 ޖުލައި 2018

ވެރިކަން ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ބ. ގޮއިދޫން ހަސަން މުހައްމަދު

ވެރިކަން ލިބިވަޑައިގެންފި ނަމަ މުޅި ރާއްޖެއަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އިއްތިހާދުން މިއަދު ބ. އަތޮޅުގައި ފެށި ކެމްޕެއިނުގައި މި އަތޮޅު ގޮއިދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ޒަމާނުއްސުރެ ބ އަތޮޅަކީ ވެއެތުވެދިޔަ ސަރުކާރުތަކުން އަޅާލާފައިވާ އަތޮޅެއް ނޫން ކަމަށެވެ.

"ގޮއިފުޅަދުއަކީ މި ބ. އަތޮޅުގައި ވަކިން އޮތް ކުޑަ އަތޮޅެއް. ޒަމާނުއްސުރެ ރާއްޖޭގެ ވެރިކަމުގެ ފަރާތުން އެހާ ބޮޑަށް އަޅާލައިފާ ނެތް އަތޮޅެއް. އެހެން ނަމަވެސް 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުޅި ރާއްޖެއަށް ހަމަހަމަކޮށް ތަރައްގީ ގެނައުމުގެ މަޝްރޫއެއް އެއިރު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ފެށިން. މި ރަށުން މިއަދު ފެނިވަޑައިގަންނަވާ ބަނދަރަކީ އެއިރު ސަރުކާރުން އެޅި ބަނދަރެއް،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީން 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ގޮއިދޫ އަދި މި އަތޮޅުގެ ބައެއް އެހެން ރަށްރަށުގައި ތަރައްގީގެ މަޝްރޫއު ފަށާފައިވާނެ ކަމަށް ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އިދިކޮޅު އިއްތިހާދުން ވެސް ގޮއިފުޅަދޫ ދޫކޮށްނުނާލެ ކަމަށެވެ.

"އެގޮތުން މި ރަށާއި މި ފަޅާ ގުޅިފައިވާ ތިން ރަށަކީ ވެސް އަޅުގަނޑުމެން ދޫކޮށްލާނެ ތިން ރަށެއް ނޫން. މި އަތޮޅުގައި އެއާޕޯޓެއް އެބަ އޮތް. އެއީ އެމްޑީޕީގެ ވެރިކަމުގައި އެޅިގެންދިޔަ އެއާޕޯޓެއް. މި ރަށުގެ ބަނދަރު މި އޮތީ ޒަމާނާ އެއްގޮތަށް މި ވަގުތަށް ބޭނުންވާ މިންވަރަށް އެޅިފައި. އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިންމު އެއް ކަމަކީ ލާމަރުކަޒީ ނިޒާމުން ރަށްތައް ހިންގުން. އެއިގެ އިތުރުން މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ޓުއަރިޒަމްގެ ސިޔާސަތު ފުޅާކުރުން،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބ. އަތޮޅަށް ކުރައްވާ ދަތުރުގައި. -- ފޮޓޯ: އެމްޑީޕީ

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ބ. އަތޮޅަށް ކުރައްވާ ދަތުރުގައި. -- ފޮޓޯ: އެމްޑީޕީ

ގޮއިދޫއަކީ މިހާތަނަށް އައިރު ވެސް ފެނާއި ނަރުދަމާ ގާއިމުކޮށްފައިވާ ރަށެއް ނޫނެވެ. އެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އެބޭފުޅުންގެ ސަރުކާރެއްގައި އެކަން ކޮށްދެއްވާނެ ކަމަށެވެ.

"މިއަދު ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއަކީ ވެސް މުޅި ރާއްޖެ ޖަޒީރާވަންތަ ގައުމެއްގެ ގޮތަށް ތަރައްގީ ކުރުމަށް އެކުލަވާލާފައި އޮތް ތަސައްވަރެއްގެ މައްޗަށް އެކުލަވާލާފައިވާ މެނިފެސްޓޯއެއް،" އިބޫ ވިދާޅުވި އެވެ. "މި ރަށަކީ އަދި ނަރުދަމާ އާއި ބޯފެނުގެ ހިދުމަތް ލިބިފައިނުވާ ރަށެއް. އަޅުގަނޑުމެންގެ ވެރިކަމެއްގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރަށްތައް ތަރައްގީ ކުރަމުންދާއިރު މި ރަށުގެ ބޯފެނާއި ނަރުމާއަކީ އެ ލިސްޓުގައި ހިމަނައިގެން ކުރިއަށް ގެންދާނެ މަޝްރޫއެއް،" ގާތްގަނޑަކަށް 800ގެ އާބާދީއެއް އޮންނަ ގޮއިދޫގައި އިބޫ ވިދާޅުވި އެވެ.

ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެ އެވެ. އަދި އިންތިހާބަށް މުޅި ރާއްޖޭފައި 490 ފޮށި ބަހައްޓާނެ އެވެ.