Roadha Mihaaru
އިލްމުވެރިން ތިބީ އަނިޔާވެރިކަމާ އަތުގުޅައިގެން: އަލީ

އިލްމުވެރިން ތިބީ ބިރުން އަނިޔާވެރިކަމާ އަތުގުޅާލައިގެން: އަލީ ޒާހިރު

29 ޖުލައި 2018

ރާއްޖޭގެ ދީނީ އިލްމުވެރިން މިއަދު ތިބީ ހައްގު ބަސް ބުނަން ބިރުން ކަމަށާއި އެ މީހުން ތިބީ އަނިޔާވެރިކަމާ އަތުގުޅާލައިގެން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

ހަސަން މުހައްމަދު ބ. ތުޅާދޫން ހަސަން މުހައްމަދު

ރާއްޖޭގެ ދީނީ އިލްމުވެރިން މިއަދު ތިބީ ހައްގު ބަސް ބުނަން ބިރުން ކަމަށާއި އެ މީހުން ތިބީ އަނިޔާވެރިކަމާ އަތުގުޅާލައިގެން ކަމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ރޭ ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫގައި އިދިކޮޅު އިއްތިހާދުން ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ ބައެއް ދީނީ އިލްމުވެރިން ހައްގު ބަސް ބުނުމުގެ ބަދަލުގައި އަނިޔާވެރިކަމަށް ވާގިވެރިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މަދުން ނަމަވެސް، އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުން ވެސް އަނިޔާވެރިއަކަށް ވާގިވެރިވާތަން. އޭނާގެ އަތުގައި ހިފައި އޭނާ ހުއްޓުވުމުގެ ބަދަލުގައި އޭނާ އެ ކުރާ އަނިޔާތައް ފޮރުވައި އެ ވާހަކަ އޮޅުވާލައިގެން އެހެން ގޮތަކަށް ދައްކަން މަސައްކަތް ކުރާތަން،" ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އިދިކޮޅު އިއްތިހާދުން ބ. އަތޮޅަށް މިހާރު ކުރާ ދަތުރުގައި އަލީ ޒާހިރު ވިދާޅުވި އެވެ.

"ހައްގު ބަޔާން ކުރަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ޖެހިލުންވޭ، ބިރުގަނޭ، ނުކުރޭ."

ބައެއް މީހުންނަށް ފާޑުކިޔަން އިލްމުވެރިން ޖެހިލުންވާ ކަމަށާއި އެއީ ގައުމުގެ ގިނަ ބައެއްގެ ހާލަތު ކަމަށް އަލީ ޒާހިރު ވިދާޅުވި އެވެ.

"ވަކި މީހަކަށް ވަކި ފަރުދަކާ ދިމާއަށް ބުނަންވީމަ ކެރޭ އެހެން ނަމަވެސް އަނެކާއާ ދިމާލަށް ނުވަތަ ވަކި މީހަކާ ދިމާލަށް ބުނަން ވީމަ ބުނާކަށް ނުކުރޭ. ހައްގު ބަޔާން ކުރާކަށް ނުކުރޭ. މިއީ މަދު ބަޔަކަށް ނޫނީ މިއަދު އަޅުގަނޑުމެންގެ ގައުމަށް ދިމާވެފައި އޮތް ހާލަތު،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދީނީ އިލްމުވެރިންނަށް ގޮވާލަން ބޭނުން ވަނީ ތިބޭފުޅުން ބިރުވެތިވާންޖެހޭނީ ހަމައެކަނި ﷲ އަށް. އެހެން ފަރާތަކަށް، އެހެން ފަރުދަކަށް، އެހެން ނަފްސަކަށް ތިބޭފުޅުން ބިރުގަންނާކަށް ނުޖެހޭ."

މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދީނީ އިލްމުވެރިންގެ އަޑު އައްސަވާނެކަން ޔަގީންވާ ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ގާތުން އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރި މީހެއް. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް އިލްމުވެރިންގެ ބަސް އިބްރާހިމް މުހައްމަދު ސޯލިހު ގަބޫލުކުރައްވާނެކަން. މިއަދާ ހަމައަށް ވެސް ގަބޫލު ކުރައްވަމުން ގެންދަވަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންގެ ތެރެއިން ބަޔަކު ވަނީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީން އެންޑޯޒް ކުރައްވައިފަ އެވެ.