Roadha Mihaaru
"ރިލްވާނަށް އިންސާފު ނުލިބި ހިތްދަތި ދުވަހެއް"!

"ރިލްވާނަށް އިންސާފު ނުލިބި އަނެއްކާ ވެސް ހިތްދަތި ދުވަހެއް"!

02 އޯގަސްޓް 2018

ހިތްދަތިކަމާއި ނާއުއްމީދެވެ؛ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހަތަރު އަހަރު ފަހުން ކޯޓުގެ ހުކުމް މިއަދު އައީ، އާއިލާ އާއި ރައްޓެހިން ހީކޮށްގެން ތިބި ގޮތަށެވެ. ރިލްވާން، ވަގަށް ނަގައިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ދެ މީހުން މިނިވަންވެ އިންސާފަށް ކުރާ މަސައްކަތުގައި އިތުރު މާޔޫސްކަމެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިތްދަތިކަމާއި ނާއުއްމީދެވެ؛ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައިގައި ހަތަރު އަހަރު ފަހުން ކޯޓުގެ ހުކުމް މިއަދު އައީ، އާއިލާ އާއި ރައްޓެހިން ހީކޮށްގެން ތިބި ގޮތަށެވެ. ރިލްވާން، ވަގަށް ނަގައިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ދެ މީހުން މިނިވަންވެ އިންސާފަށް ކުރާ މަސައްކަތުގައި އިތުރު މާޔޫސްކަމެވެ.

އޮގަސްޓު، 2014 ގައި ރިލްވާން ކިޑްނެޕްކުރުމުގެ ދައުވާ އުފުލީ، ގ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ދައުލަތުން ކުރި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތެއް ނުވި އެވެ. ދައުލަތުން ތުހުމަތު ކުރި ގޮތުގައި ރިލްވާން ގަދަކަމުން ފޮރުވީ އާލިފް ގެންގުޅުނު ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންގޮސްގެންނެވެ.

އާއިލާ އިން ވާހަކަ ދެއްކި، ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް މިއަދު ބުނީ ރިލްވާނަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި މިއަދަކީ ވެސް އާއިލާ އަށް "ހިތްދަތި ދުވަހެއް" ކަމަށެވެ. އާއިލާއިން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ގޮތަށް، ރިލްވާންގެ ތަހުގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަން ހުކުމުން ފެންނަން އޮތް ކަމަށް އޭނާ ބުންޏެވެ.

"ރިލްވާން ވަގަށް ނެގި މައްސަލައިގެ ތަހުގީގުގައި ފުލުހުން މުހިއްމު ކަންތައްތަކެއް ފުރިހަމަ ނުކޮށް އޮތް ކަމަށް އެ އޮތީ ހުކުމުގައި. މި މައްސަލައިގައި އާއިލާ އިން ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނަން،" ޝެހެނާޒް ބުންޏެވެ.

އާއިލާ އިން ތުހުމަތު ކުރި ގޮތުގައި، މުހިއްމު ހެކިތަކެއް ފުލުހުން ގަސްތުގައި ހުށަނާޅައި ދައުވާ ލިބުނު ދެ މީހުން "ސަލާމަތް ކޮށްދިނީ" އެވެ. މި ތުހުމަތު ކުރާނެ ޖާގަ ލިބެނީ، ޝެހެނާޒް ބުނިގޮތުގައި، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ބަޔަކު މާކުރިން ވެސް މުޖުތަމައަށް ދޫކޮށްފައި ތިބުމުންނެވެ.

އެ ދައުވާ ސާބިތުވި ނަމަ އާލިފާއި ނޫރައްދީންގެ މައްޗަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

"މިނިވަންކަމާ އެކު އެ ދެ މީހުން މުޖުތަމައަށް ދޫކޮށްލާފައި ތިބިއިރު، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އެހެން މީހުން ތިބީ ޖަލު ބަންދުގައި. އެހެންވީމަ އެ ދެ މީހުން އިސްތިސްނާކޮށް، މާކުރިން މިނިވަންކޮށްފައި ބައިތިއްބަން ޖެހޭ ސަބަބެއް ނެތް،" އޭނާ ބުންޏެވެ.

އާއިލާ އިން ބުނީ ކިތަންމެ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނަސް ރިލްވާނަށް އިންސާފު ހޯދަން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

ރިލްވާނަށް އިންސާފު ނުލިބި، ތުހުމަތު ކުރެވޭ މީހުން މިނިވަންވުމަކީ އާއިލާގެ އިތުރުން އޭނާގެ އެކުވެރިން ވެސް ކަންބޮޑުވުމެކެވެ.

ރިލްވާނަށް އިންސާފު ނުލިބޭ ކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށް، މީހަކު ކޮށްފައިވާ ޓުވީޓެއް.

ޝޯޝަލް މީޑިއާގައި ހިތާމަފާޅުކުރަމުންދާ އޭނާގެ އެކުވެރިން ދެކޭ ގޮތުގައި ރިލްވާންގެ މައްސަލަ އަށް މި ސަރުކާރުގައި އިންސާފެއް ނުލިބޭނެ އެވެ. ރިލްވާނަށް އިންސާފު ހޯދަން ގޮވާލައި ބޭއްވި އެއްވުންތަކާއި ހަރުކުރި ބެނާތައް ނަގައި ފުލުހުން އަމަލުކުރި ގޮތަކީ އޭގެ ހެއްކެއް ކަމަށް ވެސް އެ މީހުން ދެކެ އެވެ.

ރިލްވާން ވަގަށް ނެގި ކަމަށް ދައުވާ އުފުލި ދެ މީހުން މިނިވަންވުމުން މީހަކު ކޮށްފައިވާ ޓުވީޓެއް.

ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި އެކަކު ބުނިގޮތުގައި، އެންމެ ކުޑަވެގެން ރިލްވާނަށް ވީ ގޮތެއް ވެސް ތަހުގީގަށް ނުހޯދި، އެކަށީގެންވާ ހެކި ހުށަނޭޅިގެން ތުހުމަތު ކުރެވޭ މީހުން މިނިވަންވުމަކީ މުޖުތަމައަށް އިތުރު ބިރުވެރި ކަމެކެވެ. އަދި އެއީ، އިތުރު މީހަކު ވަގަށް ނެގުމަށް ދެވޭ ހިތްވަރެއް ކަމަށް ވެސް އެ މީހުން ދެކެ އެވެ.

ރިލްވާނަށް އިންސާފު ހޯދަން ކުރާ މަސައްކަތުގައި ކިތަންމެ ނާއިންސާފަކާ ކުރިމަތިލާން ޖެހުނަސް އާއިލާ އާއި ރަހުމަތްތެރިން ތިބީ ދޫދޭން ތައްޔާރަކަށް ނޫނެވެ. އިންސާފު ހޯދަން އަދިވެސް އަޑުއުފުލާނެ ކަމަށް އާއިލާ އިން ބުންޏެވެ.