Roadha Mihaaru

ބިދޭސީއެއްގެ އަތުން ފޭރުނު ދެ މީހުންގެ ބަންދަށް 10 ދުވަސް

ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ބިދޭސީއެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

31 ޖެނުއަރީ 2025

ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގައި ބިދޭސީއެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ގުލާބީ ގޯޅީގައި ދެ މީހަކު ވެގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލަ ރިޕޯޓު ކޮށްފައިވަނީ ދަންވަރު 2:12 ހާއިރު ކަމަށެވެ.

އެ ބިދޭސީ މީހާގެ އަތުން އެ ދެ މީހުން 33،500ރ. ފޭރުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހ. ރެދަން، ފަވާޒް ކަޅު ތުއްތު އާއި ތ. ތިމަރަފުށީ ލަކީ ހައުސް، ސޮފްވާން އަލީ އެވެ.

މި ދެ މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް އިތުރުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ފަވާޒް އަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހެކެވެ.

އޭނާއަށް އެ ހުކުމް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ހިނގައިދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގަ އެވެ. އޭނާގެ މައްޗަށް އެ މައްސަލައިގައި އެ ޖަލު ހުކުމް އިއްވީ އޮގަސްޓް 30، 2012 ގައެވެ.

އޭގެ ފަހުން ޖިނާއީ އެކި މައްސަލަތަކުގައި އެކި ފަހަރުމަތިން އޭނާ ހައްޔަރުކޮށްފައިވެ އެވެ. މިދިޔަ އަހަަރުގެ ކުރީކޮޅު ޑްރަގާއެކު ހައްޔަރުކުރިއިރު މިދިޔަ ނޮވެންބަރު މަހުގެ ތެރޭގައި ވެސް ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރުނު މައްސަލައެއްގައި އޭނާ ހައްޔަރުކުރި އެވެ.

އޭގެ ފަހުން ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގައި މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.