Roadha Mihaaru
ރިލްވާންގެ މައްސަލަ ނާކާމިޔާބުވުން: ޒިންމާވާނީ ކާކު؟!

ރިލްވާންގެ މައްސަލައިގެ ބޮޑު ނާކާމިޔާބު: ޒިންމާވާން ޖެހެނީ ކޮން ބައެއް؟!

05 އޯގަސްޓް 2018

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވާން ގާތްވީ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި މީހަކު ފޮރުވުމުގެ އެންމެ ނުރައްކާތެރި މައްސަލާގައި ރިލްވާނަށް ވީ ގޮތެއް މިއަދާ ހަމައަށް ވެސް ހޯދިފައެއް ނެތެވެ. ރިލްވާން ވަގަށް ނެގީ ކަމެއް، މަރާލީ ކަމެއް، ނުވަތަ އެކަން ކުރީ ކޮން ބައެއް ކަން ވެސް އަދި އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. އާއިލާ އާއި އެތައް ބަޔަކު ތިބީ އެ ސުވާލުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ ހަތަރު އަހަރު ވާން ގާތްވީ އެވެ. ރާއްޖޭގައި މިހާތަނަށް ހިންގި މީހަކު ފޮރުވުމުގެ އެންމެ ނުރައްކާތެރި މައްސަލާގައި ރިލްވާނަށް ވީ ގޮތެއް މިއަދާ ހަމައަށް ވެސް ހޯދިފައެއް ނެތެވެ. ރިލްވާން ވަގަށް ނެގީ ކަމެއް، މަރާލީ ކަމެއް، ނުވަތަ އެކަން ކުރީ ކޮން ބައެއް ކަން ވެސް އަދި އޭނާ ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ. އާއިލާ އާއި އެތައް ބަޔަކު ތިބީ އެ ސުވާލުގެ ޖަވާބު ލިބޭނެ އިރެއްގެ އިންތިޒާރުގަ އެވެ.

ރިލްވާންގެ މައްސަލައަކީ ފެށުނީއްސުރެން ފެށިގެން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވަމުން ގެންދިޔަ މައްސަލައެކެވެ. އެ މައްސަލާގައި ބަޔަކު ފުރަތަމަ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމާއި ރިލްވާން ގެއްލުނު ރޭ އޭނާއަށް ފާރަލަމުން ދިޔަ ކަމަށް ބުނާ މުހައްމަދު ސުއައިދު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް ފިލައިގެން ރާއްޖެއިން ބޭރަށް ދިއުމަކީ ރިލްވާންގެ އާއިލާ އާއި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި ކަމެކެވެ. އެކަމަކު ފުލުހުން އޭރު ވެސް ބުނަމުން ގެންދިޔައީ ރިލްވާނަށް ވީގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެ ހާދިސާއަށް ތިން އަހަރު ފުރެނިކޮށް، މިދިޔަ އަހަރުގެ އޮގަސްޓް މަހު ތިން މީހެއްގެ މައްޗަށް އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ ރިލްވާނަށް ފާރަލަމުން ދިޔަ ކަމަށް ބުނާ ސުއައިދާއި ހ. ހިލްޓަން އާލިފް ރާއޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. ތިން މީހަކަށް ދައުވާ ކުރިޔަސް، ދައުވާ ލިބުނު ސުއައިދު ރާއްޖޭގައި ނެތުމުން ކުރިއަށް ގެންދިޔައީ ދެން ތިބި ދެ މީހުންގެ ބަ އެވެ.

ރިލްވާން ނުފެނުމުގެ މާޔޫސް ކަމުގައި ތިއްބާ އެ ދައުވާ ދައުލަތުން އުފުލުމުން ކޮންމެވެސް ވަރެއްގެ އަލި މަގެއް ފެނިދާނެ ކަމަށް ގިނަ ބަޔަކަށް އުއްމީދު ކުރެވުނެވެ. އެއީ ކޮންމެހެން އެ މައްސަލާގައި ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވެ، އަދަބެއް ލިބޭތޯ ނުވަތަ ނޫންތޯ ބެލުމުގެ މައްޗަކަށް ނޫނެވެ. އެއަށް ވުރެ ބޮޑަށް ގިނަ ބައެއްގެ ސަމާލުކަން އެ މައްސަލައަށް ހުއްޓުނީ ޖަވާބު ނުލިބި އޮތް ބޮޑު ސުވާލުގެ ޖަވާބު ލިބިދާނެ ކަމުގެ އުއްމީދުގަ އެވެ. ރިލްވާން ނުފެނުނަސް، އޭނާއަށް ވީ ކިހިނެއްތޯ އާއި އޭނާ ދުނިޔޭގައި ހުރިތޯ ނުވަތަ ނޫންތޯ އެންމެ ކުޑަ މިނުން އެނގިދާނެ ކަމުގެ އުއްމީދުގަ އެވެ.

އެކަމަކު ކަން ވެގެން ދިޔައީ ހީކުރި ގޮތާ ދެކޮޅަށެވެ. ފޮރެންސިކް ހެއްކާއި މީހުން ހިމެނޭ ގޮތަށް ޖުމްލަ 29 މީހުން ހެކިންގެ ގޮތުގައި ހުށަހެޅި އެ މައްސަލާގައި އާލިފާއި ނޫރައްދީންގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެކު، ރިލްވާންގެ އާއިލާ އާއި ގިނަ ބަޔަކަށް އަނެއްކާވެސް ލިބުނީ މާޔޫސް ކަމެކެވެ.

އެ ހުކުމާ އެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން އެކަންޏެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް، ފާޑުކިޔުން އަމާޒުވެގެން ދިޔައީ ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާގައި ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން ފުރިހަމަ ނުކޮށް ހުރިކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށް އޮތުމުންނެވެ. އެތައް ވަސީލަތްތަކެއް ބޭނުން ކޮށްގެން އެ މައްސަލާގެ ތަހުގީގު ހިންގިއިރު، ހުކުމުގައި ފާހަގަކުރި ކަންކަން ފުރިހަމަ ނުކޮށް އޮތީ ކީއްވެގެންތޯ މިއީ ރިލްވާންގެ އާއިލާ އާއި ގިނަ ބަޔަކު އުފައްދާ ސުވާލެވެ.

ގާތްގަނޑަކަށް މުޅި އެ މައްސަލަ ބިނާކޮށްފައި އޮތީ އާލިފްގެ ކާރުން ފެނުނު ކަމަށް ބުނާ އިސްތަށްޓެއްގެ މައްޗަށެވެ. އެ އިސްތަށިން ލިބުނު އެމްޓީ ޑީއެންއޭ ދިމާވީ ރިލްވާންގެ މަންމަ އައިމިނަތު އީސަގެ ޑީއެންއޭއާ އެވެ. އަދި ރިލްވާން ދިރިއުޅުނު ފްލެޓަކުން ފެނުނު ބުރުހަކުން ނެގި އިސްތަށްޓެއްގެ ޑީއެންއޭ ވެސް ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވި އެވެ. އެހެންވެ، ދައުލަތުން މަސައްކަތް ކުރީ އެ ކާރަށް ރިލްވާންގެ އާއިލާ މެމްބަރުން އަރާފައި ނުވާ ކަން ސާބިތު ކޮށްދީގެން، އެ ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށެވެ.

ޑީއެންއޭއާ ގުޅޭ ގޮތުން ހުކުމުގައި ފާހަގަކުރި އެއް މައްސަލައަކީ ޑީއެންއޭ ފެނުނު އިސްތަށްޓަކީ ކޮން ތަނަކުން ނެގި އެއްޗެއް ކަން އެނގޭނެ ޗެއިން އޮފް ކަސްޓަޑީއެއް ދައުލަތުން ކޯޓަށް ހުށަހަޅާފައި ނެތުމެވެ. ޗެއިން އޮފް ކަސްޓަޑީއަކީ ތަހުގީގަށް އެއްކުރާ ހެކިތައް ހޯދި ތަނާއި ވަގުތާއި އެތަކެތި އެކަކު އަތުން އަނެކަކު އަތަށް ނަގުލުވަމުންދާ ގޮތް ބަޔާންކުރާ ލިޔުމެވެ. އޭގެ ބޭނުމަކީ ހެކި ހޯދި ތަން ކަށަވަރު ކުރުމާއި ހެކި ހޯދި ފަހުން އެ ހެއްކަކާ ކުޅެ، އުނި އިތުރު ގެނެސްފައި ނުވާ ކަން ކަށަވަރުކޮށް ދިނުމެވެ. ޗެއިން އޮފް ކަސްޓަޑީގައި މައްސަލަތަކެއް ހުރެގެން ޑްރަގްގެ ބޮޑު މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ދާދި ފަހުން ހައި ކޯޓުން ހުކުމެއް ކޮށްފައި އޮތް އޮތުމަކީ ވެސް ޖިނާއީ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ މުހިންމު ކަން ހާމަވާ ކަމެކެވެ.

އެކަމަކު ރިލްވާންގެ މައްސަލާގެ ދައުވާ ކޯޓަށް ފޮނުވިއިރު، ދައުވާއާ އެކު ހުށަހެޅި ލިޔުންތަކުގައި ޗެއިން އޮފް ކަސްޓަޑީ ހިމަނާފައެއް ނެތެވެ. އެ ލިޔުން ދައުލަތުން ހުށަހެޅީ ހެކި ހުށަހެޅުމުގެ މަރުހަލާ ވެސް ނިމުނު ފަހުން ދައުލަތުން ކޯޓަށް ފޮނުވި ސިޓީއަކާ އެކު އެވެ. އެކަން ވެސް ހާމަވީ މައްސަލާގެ އެންމެ ފަހު އަޑުއެހުމުގަ އެވެ. އެހެންވެ، ކޯޓުން ނިންމީ ގާނޫނުގައި ބުނާ ފަދައިން އެ ރިޕޯޓް ހުށަހަޅާފައި ނުވާތީ އެއަށް ރިއާޔަތް ނުކުރުމަށެވެ.

ރިލްވާން

ރިލްވާން

އެ މައްސަލާގެ އެންމެ މުހިންމު ހެކި ކަމަށްވާ ޑީއެންއޭގެ ބާރު ދަށްވެގެންދިޔަ ދެވަނަ ސަބަބަކީ، ވެސް، ހުކުމުގައިވާ ގޮތުން، ދައުލަތުން ބައެއް މައުލޫމާތުތައް ޝަރީއަތަށް ހުށަހަޅާފައި ނެތުމެވެ. ޑީއެންއޭއާ ރިލްވާނާ ގުޅުވުމަށްޓަކައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅީ ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުންގެ ނަންތަކެކެވެ. އޭގެ ބޭނުމަކީ ކުރިން ވެސް ފާހަގަކުރިހެން، އެ ކާރަށް އެ އާއިލާގެ މެމްބަރަކު އަރާފައި ނުވާކަން ސާބިތުކޮށްދީގެން، އެ ކާރުން ފެނުނު އިސްތަށްޓަކީ ރިލްވާންގެ އިސްތަށްޓެއް ކަން ސާބިތުކޮށް ދިނުމަށެވެ.

އެކަމަކު ދައުލަތުން ހުށަހެޅި ޑީއެންއޭ އެކްސްޕާޓުގެ ހެކިބަހުން ޝަރީއަތުގައި ހާމަވީ އެ ޑީއެންއޭއާ ދިމާވުމުގެ ފުރުސަތު އޮތީ ހަމައެކަނި ރިލްވާންގެ އެއްބަނޑު މީހުންނާއި އެއްބަނޑު އެއްބަފާ މީހުންނާ އެކަނި ނޫން ކަމެވެ. އޭގެ އިތުރަށް، ރިލްވާންގެ މަންމަގެ އެއްބަނޑު މީހުންނާއި ރިލްވާންގެ މަންމަގެ އަންހެން ދަރިންގެ އަންހެން ދަރިންނާ ވެސް އެ ޑީއެންއޭއާ ދިމާވުމުގެ ފުރުސަތު އޮތް ކަން އެކްސްޕާޓްގެ ހެކިބަހުން އެނގުނެވެ. ރިލްވާނާ އާއިލީ ގޮތުން އެފަދަ ގުޅުމެއް ހުރި މީހަކު އެ އާއިލާގައި މިހާރު ނެތްކަމުގެ މައުލޫމާތެއް ދައުލަތުން ހުށަހަޅާފައި ނެތުމުން އެއިން މީހަކާ ވެސް އެ ޑީއެންއޭ ދިމާވުމުގެ ފުރުސަތު އެބައޮތް ކަން ހުކުމުގައި ފާހަގަކުރި އެވެ. އެހެންވެ، ކޯޓުން ނިންމީ އެ ޑީއެންއޭއާ ހަމައެކަނި ރިލްވާނާ ގުޅުވާލެވެން ނެތް ކަމަށެވެ.

ޑީއެންއޭއާ ރިލްވާނާ ގުޅުވާލުމަށްޓަކައި ރިލްވާންގެ އާއިލާގެ މެމްބަރުންގެ ނަންތައް ދައުލަތުން ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހެޅިއިރު އެހެން މައްސަލައެއް ވެސް ދިމާވި އެވެ. ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު މީހުންނާއި އެއްބަނޑު އެއްބަފާ މީހުންގެ ނަންތައް ދައުލަތުން ހުށަހެޅިއިރު، ރިލްވާންގެ އެއްބަނޑު އެއްބަފާ ބޭބެ މޫސާ ރިލްވާންގެ ނަން ހެކިންގެ ލިސްޓަކު ނެތެވެ. އޭނާގެ ހެކިބަސް ނަގަން ދައުލަތުން އެދުނީ ހެކި ހުށަހެޅުމުގެ މަރުހަލާ ނިމުނު ފަހުންނެވެ. ހެކި ހުށަހެޅުމުގެ މަރުހަލާގައި މޫސަގެ ނަން ހުށަހަޅާފައި ނެތުމުން އޭނާގެ ހެކިބަސް ނުނެގޭނެ ކަމަށް އާލިފާއި ނޫރައްދީންގެ ވަކީލް ފާހަގަކުރަމުން ދިޔަޔަސް، މޫސަގެ ހެކިބަސް ނަގަން ކޯޓުން ފަހުން ނިންމީ މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު އެވެ.

ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން އެރުވީ ރިލްވާން ކަން އަދި އެކަމުގައި ހަރަކާތްތެރިވީ ކޮން ބައެއް ކަން މަންޒަރު ދުށް ހެކިވެރިންނަށް ބުނެދޭކަށް ނޭނގުނެވެ. އެކަމަކު އެ ހާދިސާ ހިނގި ފަހުން އެ ސަރަހައްދު މަގުމަތިން ބެނެޓް ވަޅިއެއް ހެކިވެރިންނަށް ފެނުނެވެ. އަދި އެ ސަރަހައްދަށް ދިޔަ ފުލުހުން އަންގި ލައްވައިގެން އެ ވަޅި ނެގުމަށް ފަހު ފޮރެންސިކާ ހަވާލު ކުރިކަން ވެސް އެ ފުލުހުންގެ ހެކި ބަހުން އެނގެ އެވެ. އެ ވަޅިން އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ހުކުމުގައިވާ ގޮތުން އެ ވަޅީގެ ފޮރެންސިކް ތަހުލީލެއް ހެދިކަން ނުވަތަ އެ ތަހުލީލުތަކުން އެއްވެސް ނަތީޖާއެއް ލިބުނު ކަން ވެސް ހުށަހެޅި ލިޔުންތަކުން އެނގޭކަށް ނެތެވެ.

ހެކިވެރިން ތަހުގީގަށް ބަޔާން ދިންއިރު، ދައުވާ ލިބޭ މީހުންގެ ފޮޓޯ އާއި ރިލްވާންގެ ފޮޓޯ ދައްކައިގެން އެ މީހުން ދެނެގަތުން ފަދަ ކަންކަން ވެސް ކޮށްފައި ނުވާ ކަމަށް ހުކުމުގައި ވާއިރު، އިސްތަށި ފެނުނު ކަމަށް ބުނާ ރަތް ކުލައިގެ ކާރަކީ އާލިފްގެ ކާރެއް ކަން އެނގޭނެ ލިޔުމެއް ވެސް ޝަރީއަތަށް ހުށަހަޅާފައެއް ނެތެވެ.

މީގެ އިތުރުން ރިލްވާން ގެއްލުނު ދުވަސްވަރު ދައުވާ ލިބުނު ނޫރައްދީން ހުޅުމާލޭގައި ރަތް ކުލައިގެ ކާރެއް ގެންގުޅުނަސް، ރިލްވާން ގެއްލުނު ރޭ އެ ކާރު ދުއްވާފައި ނުވާ ކަމަށް އޭނާގެ ދިފާއީ ހެއްކަކު ހެކިބަސް ދީފައިވެ އެވެ. ހެކިބަސް ދެމުން އެ މީހާ ބުނެފައިވަނީ ކާރު ޕާކް ކޮށްފައި އޮތް ސަރަހައްދުގެ ވީޑިއޯ ފުޓޭޖްތަކުން އެކަން ސާފުވާނެ ކަމަށް ބުނެ އެ ފުޓޭޖްތައް ބެލުމަށް ތަހުގީގުގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު އެ ވީޑިއޯ ތަހުގީގުގައި ބަލާފައިވާ ކަން އެނގެން ނެތް ކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

މި ފާހަގަ ކޮށްލީ އެ މައްސަލާގެ ތަހުގީގާއި ދައުވާ ކުރުމުގެ މަރުހަލާއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ހުކުމުގައި ހުރި ކަންކަމެވެ. ކުރުކޮށް ބުނާ ނަމަ، އެ ހުކުމުން ހާމަވީ ދައުވާ ސާބިތުކުރެވޭ މިންވަރުގެ ހެކި ނެތުމަށް ވުރެ ބޮޑަށް، އެފަދަ ބޮޑު މައްސަލައެއްގައި ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކެއް ތަހުގީގާއި ދައުވާ އުފުލުމުގެ މަރުހަލާއިން ދޫކޮށްލާފައި ހުރި ކަމެވެ.

ހުކުމުގައި ސާފު އިބާރާތުން ބުނެފައިވާ ގޮތުން ރާވައިގެން ހިންގާފައިވާ އެފަދަ ނުރައްކާތެރި މައްސަލައެއްގެ ތަހުގީގުގައި "ދޫކޮށްލައިގެން ނުވާނެ ކަންތައްތަކެއް" އެ މައްސަލާގެ ތަހުގީގުގައި ފުރިހަމަ ނުކޮށް އެބަހުއްޓެވެ. ހުކުމެއްގައި އެފަދަ ގޮތަކަށް ބުނެފައި އޮތުމަކީ އެއީ އާދައިގެ ކަމެއް ނޫނެވެ. އެވަރުގެ ބޮޑު ތަހުގީގެއްގައި އެކަންކަން ފުރިހަމަ ނުވެ އޮތީ ކީއްވެގެންތޯ މިއީ ހުކުމާ އެކު ރިލްވާންގެ އާއިލާ އާއި ގިނަ ބަޔަކު އުފައްދާ ސުވާލެވެ.

ރިލްވާންގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި ތަހުގީގުގައި މުހިންމު ހެކިތަކެއް ހޯދުމެއް ނެތި، ބަޔަކު "ސަލާމަތްކޮށް ދިނީ" އެވެ. ތަހުގީގާ މެދު އެ އާއިލާއިން ކުރީއްސުރެން ފެށިގެން ފާޅު ކުރަމުންދިޔަ ކަންބޮޑުވުންތައް ހުކުމުން ވެސް ފެންނަން އެބައޮތް ކަމަށް އާއިލާއިން ބުނެ އެވެ.

"ރިލްވާން ވަގަށް ނެގި މައްސަލާގެ ތަހުގީގުގައި މުހިންމު ކަންތައްތަކެއް ފުރިހަމަ ނުކޮށް އޮތް ކަމަށް އެ އޮތީ ހުކުމުގައި. މި މައްސަލާގައި އާއިލާއިން ފުލުހުންނާ ދެކޮޅަށް ދައުވާ ކުރާނަން،" ރިލްވާންގެ ދައްތަ ފާތުމަތު ޝެހެނާޒް ބުންޏެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކުރި ކަންކަމާ މެދު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ. އެކަމަކު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައި، އެ މަސައްކަތް އެ އޮފީހުން ދަނީ ކުރަމުންނެވެ. އެހެންވެ، އެ މައްސަލަ އަދި މުޅިން އެއްކޮށް ނިމުނީ ކަމަކަށް ބުނެވޭކަށް ވެސް ނެތެވެ. ދެން އޮތީ ހައި ކޯޓުގެ ނިންމުމަށް އިންތިޒާރު ކުރުމެވެ.