Roadha Mihaaru
ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!

ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!

11 ސެޕްޓެމްބަރ 2019

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ގިނަ ބައެއްގެ ހިތުގައި ހުރި ސުވާލުތައް ގިނަ އެވެ. އެ މައްސަލާގައި ފުލުހުން އިހުމާލުވީ ކީއްވެތޯ އެވެ؟ ފުލުހުން ގަސްދުގައި އަޅާނުލާ އެކަން ދޫކޮށްލީތޯ އެވެ؟ އޭރުގެ ސިޔާސީ ބާރުވެރިކަމުގައި ފުލުހުންނަށް އެ މައްސަލަ ބެލިޔަ ނުދިނީތޯ އެވެ؟

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ގިނަ ބައެއްގެ ހިތުގައި ހުރި ސުވާލުތައް ގިނަ އެވެ. އެ މައްސަލާގައި ފުލުހުން އިހުމާލުވީ ކީއްވެތޯ އެވެ؟ ފުލުހުން ގަސްދުގައި އަޅާނުލާ އެކަން ދޫކޮށްލީތޯ އެވެ؟ އޭރުގެ ސިޔާސީ ބާރުވެރިކަމުގައި ފުލުހުންނަށް އެ މައްސަލަ ބެލިޔަ ނުދިނީތޯ އެވެ؟

ހުޅުމާލޭގައި އުޅެމުން އައި ރިލްވާން، އޭނާގެ އާއިލާއާ އެންމެ ފަހުން ބައްދަލުވީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން އެންމެ ފަހުން ފެނުނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން އެ ރޭ ދަންވަރު 12:44 ގަ އެވެ.

ވަޅިން ބިރު ދައްކައި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކުރިމަތިންނެވެ. އޭގެ ފަހުން ދެން ވީ ގޮތެއް ފުލުހުންނަށް ވެސް ކިޔައިދޭކަށް ނޭނގުނެވެ. އޭނާ ގެއްލިގެން އާއިލާ އިންނާއި ރައްޓެހިން އަޑު އުފުލި އިރު ވެސް ފުލުހުން ފުރަތަމަ ތިބީ މާ ބޮޑު ސަމާލުކަމެއް ނުދީ އެވެ. ތަހުގީގު ފެށީ ފަސް ދުވަސް ފަހުންނެވެ.

ރިލްވާނަށް އިންސާފު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމެއް .--މިހާރު ފޮޓޯ/ހުސައިން ވަހީދު

ރިލްވާނަށް އިންސާފު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމެއް .--މިހާރު ފޮޓޯ/ހުސައިން ވަހީދު

ރިލްވާންގެ އާއިލާ އާއި ރައްޓެހިން ގަބޫލުކުރާ ގޮތުގައި ފުލުހުން އެ ތަހުގީގު ހިންގީ ވީނުވީއެއް ނޭނގި ދިވެހި ރައްޔިތަކު ގެއްލުމުން ކުރިމަތިކުރި ފިއްތުންތަކާ ހެދި އެވެ. ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ތަހުގީގުގައި ފުލުހުން އެތައް ކަމަކަށް އިހުމާލުވުމުން އެންމެން "މިނިވަންވީ" އެވެ. އެއް ބަޔަކު ޝަރީއަތާ ހަމައަށް ނުދަނީހެވެ. އަނެއް ބަޔަކު މިނިވަންވީ ޝަރީއަތުގައި، އެކަށީގެންވާ ހެކި ނެތިގެންނެވެ.

އޭރުގެ ޕޮލިސް ކޮމިޝަނަރު ކޮބާ؟

ފުލުހުންގެ ފަރާތުން ފެނުނު އިހުމާލާއި ލަސްކަމާއި ފަރުވާކުޑަކަމުގެ ޒިންމާ އަސްލު ނަންގަވަން ޖެހޭނީ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފުލުހުން ލައްވާ ހިންގުވި، ގާނޫނުއަސާސީއާ ހިލާފު އެތައް އަމަލެއް، ތަންފީޒްކުރުމުގެ ބާރު ވެރިޔަކަށް ހުންނެވީ އޭނާ އެވެ.

އެކަމަކު ހުސެންގެ ވާހަކަ ވަރަށް ތަފާތެވެ. ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ވިދާޅުވެ، ރިިޔާސީ ކޮމިޝަންގެ ރިޕޯޓުގެ މައުލޫމާތުތަކާ ބެހޭ ގޮތުން، އޭނާ "މިހާރު"ގެ ރިޕޯޓަރާ ފުރަތަމަ ވެސް އެއްސެވި ސުވާލަކީ "އެއީ މި ސަރުކާރު އައި ފަހުން ހޯދި އެއްޗެއްތޯ؟" އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓުގައި ހުރީ ފުލުހުން ކުރި މަސައްކަތުން ހޯދި މައުލޫމާތެވެ.

"ފުރަތަމަ ކަމަކަށް ފުލުހުން އޭރު ކުރި ހުރިހާ މަސައްކަތެއް [ރިޕޯޓުގައި] އެބަހުރި،" ހުސެއިން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުސެއިން ވަހީދު އައްޔަން ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުސެއިން ވަހީދު އައްޔަން ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އާއިލާ އާއި ރައްޓެހިންގެ އިތުރުން އާންމުންގެ މެދުގައި ކިތައްމެ ބޮޑު ޝައްކުތަކެއް ހުއްޓަސް، ހުސެން ވިދާޅުވީ "ރިލްވާންގެ މައްސަލަ ފުލުހުން ނުބަލާ ދޫކޮށްލާފައި ނުވާނެ" ކަމަށެވެ. އަދި އެއީ ފުލުހުން "ލުއި ގޮތަކަށް" ނެގި މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހެޅީ، ހުސެއިން ވިދާޅުވި ގޮތުގައި، އޮގަސްޓް 13 2014 ގަ އެވެ. އެއީ ރިލްވާން ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭތާ ހަ ދުވަސް ފަހުންނެވެ. މައްސަލަ ހުށަހެޅި ހިސާބުން ފެށިގެން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ހުސެން އެގޮތަށް ވިދާޅުވިޔަސް، އޭރު ވެސް އާންމުން އުފެއްދި ފުރަތަމަ ސުވާލަކީ، ރިލްވާން އުޅޭ ގޭ ކުރިމަތިން މީހަކު ގަދަކަމުން ކާރަކަށް ލާ މަންޒަރު ފެނި، ހުޅުމާލޭ ފުލުހުންނަށް އާންމުންގެ މީހަކު އެންގި ނަމަވެސް އެ ވަގުތުން ފެށިގެން ރަނގަޅު ތަހުގީގެއް ނުކުރުމެވެ. އެއީ، އޭރު ވެސް އަދި މިހާރު ވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި، ފުލުހުންގެ އިހުމާލެވެ. އެފަދަ ތަހުގީގެއް ނުފެށި ގާތްގަނޑަކަށް ހަފުލާއެއް ވާ އިރު، މައްސަލައިގެ ކިތައްމެ ހެއްކެއް ހުންނާނީ ނައްތާލައިފަ އެވެ.

އެކަމަކު އޭނާގެ ޒިންމާގެ ދަށުގައި ފުލުސް އޮފީސް އޮތް އިރު ރިލްވާންގެ ކޭސް ރަނގަޅަށް ގެންދިޔަކަން ދައްކަވަން ހުސެން ވިދާޅުވީ "ތުހުމަތު ކުރެވުނު މީހުންނާ ސުވާލުކޮށް، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ވެސް ކުރި" ކަމަށެވެ.

"އެއީ ތަހުގީގު ޓީމުން ލުއި ގޮތަކަށް ނެގި މައްސަލައެއް ނޫން،" ހުސެއިން ވިދާޅުވި އެވެ.

އެކަމަކު އޭރުގެ ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައަށް ފަހު، ކޮމިޝަނަރުކަމުން އޮކްޓޯބަރު 23، 2015 ގައި އޭނާ ވަކިކުރަން ދެން ވެސް، އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

ރިލްވާންގެ މައްސަލާގައި ދައުވާ އުފުލީ އޭގެ ދެ އަހަރު ފަހުން 2017 ގަ އެވެ. އެކަމަކު ކުށް ސާބިތުވާ ވަރަށް ހެކި ނެތިގެން ދެ މީހުން ވެސް ސަލާމަތްވީ އެވެ. އަދި އެ މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެއް ނުވެ އެވެ.

ކޮމިޝަނުގެ ރިޕޯޓުން އެނގޭ ގޮތުގައި ރިލްވާނަށް މަރުގެ އިންޒާރު ވެސް ލިބެމުން ދިޔަ އެވެ. އެކަމަކު ރިލްވާންގެ ހާދިސާ އަކީ "މާ ކުރީގެ ކަމަކަށް ވާތީ"، ފުލުހުންނަށް އެ މައުލޫމާތު ލިބުނު ކަމެއް ނުވަތަ ނުލިބޭ ކަން ވެސް ހަނދާނުގައި ނެތް ކަމަށް ހުސެން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލަ ތަހުގީގުނުކޮށް ފުލުހުން އިހުމާލުވި ކަމަށް ބުނަނީ ވަކި މީހަކު ބޭނުންވާ ގޮތަށް މައްސަލަ އެނބުރިގެން ނުދިއުމުންނެވެ. އެކަމަކު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހާމަކުރި މައުލޫމާތުތަކުން ގިނަ ބަޔަކު ލަފާކުރަނީ ފުލުހުންގެ ތަހުގީގު ގެންގޮސްފައި ވަނީ ފަރުވާކުޑަކޮށް ކަމަށެވެ.

ފުލުހުން ދިފާއުކުރައްވައި، ހުސެން ވާހަކަ ދެއްކެވި ނަމަވެސް، ރިލްވާން ވަގަށް ނެގި މައްސަލައިގެ އެތައް ކަމަކުން ފެންނަނީ ފުލުހުންގެ އިހުމާލެވެ.