Roadha Mihaaru
އަމާންކަން ނަގާލަން ބަޔަކު އެބަ ރާވާ: އާދަމް ޝަރީފް

އަމާންކަން ނަގާލަން ބަޔަކު ރާވާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

04 އޯގަސްޓް 2018

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އާންމުންގެ ކިބައިން އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނާއި ގާނޫނުއަސާސީ ރައްކާތެރިކުރުމާ އެކު، ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމުގައި، ސިފައިންގެ ގާނޫނުގައިވާ ގާނޫނީ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން އޭނާ އަރުވަ އެވެ.

އާދަމް ޝަރީފް ކުރެއްވި ޕޯސްޓާ ގުޅޭ ގޮތުން، އޭނާ "މިހާރު" އަށް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ސުވާލުތަކަށް ޖަވާބު ދެއްވުމަކީ އޮޕަރޭޝަން ތެރެއަށް ވަދެވުން ކަމަށެވެ. އޭރުން، ސިފައިން ކުރަމުން އަންނަ މަސައްކަތް ފެއިލް ވާނެ ކަމަށް ވިދާޅުވެ، އިތުރު މައުލޫމާތު ދެއްވަން މިނިސްޓަރު ދެކޮޅު ހެއްދެވި އެވެ.

އަމާންކަން ނަގާލަން ބަޔަކު ރާވަމުން ދާ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އިރު، އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރިގަދަވެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ވަނީ އިތުރުވެފަ އެވެ.